35 އަހަރަށްވުރެ ގިނަދުވަހު ހިދުމަތްކުރެއްވި ބްރިގޭޑިއާ ޖެނެރަލް އަބްދުލްމަތީން އަހްމަދު، ރިޓަޔާ ކުރައްވައިފިއެވެ.

ބްރިގޭޑިއާ ޖެނަރަލް އަބްދުލް މަތީން އަހްމަދު ސިފައިންގެ ހިދުމަތާ ގުޅިވަޑައިގަތީ ޖުލައި 01، 1987 ގައެވެ.

މަތީން، ސިފައިންގެ ތަފާތު އެކި ދާއިރާތަކުގައި އަގުހުރި ހިދުމަތްތަކެއް ކުރައްވާފައި ވާއިރު ދިވެހި އަސްކަރިއްޔާގައި އެންމެ ގިނަ ދުވަހު ހިދުމަތް ކޮށްދެއްވާފައި ވަނީ ދިފާއީ ވުޒާރާގެ އިދާރީ އަދި ހިންގުމުގެ ދާއިރާގައެވެ.

އޭނާއަށް ވަނީ ޝަރަފުގެ ނިޝާނުގެ ގޮތުގައި 11 މެޑެއްޔާއި 12 ކުލަ ލިބިވަޑައިގެންފައެވެ.

މަތީން، ސިފައިންގެ ހިދުމަތުން ޝަރަފުވެރިކަމާއެކު ރިޓަޔާކުރެއްވުމާ ގުޅިގެން ރައީސުލްޖުމުހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ ސިޓީފުޅާއި އަދި މެޑަލް ބޯޑު، ބްރިގޭޑިއާ ޖެނެރަލް އާ ހަވާލުކޮށްދެއްވީ އެކަމަށް ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މިނިސްޓާ އޮފް ޑިފެންސް މާރިޔާ އަހްމަދު ދީދީއެވެ.

މީގެ އިތުރުން ޗީފް އޮފް ޑިފެންސް ފޯސްގެ ސިޓީފުޅާއި އަދި ފޮޓޯ ބޯޑު ހަވާލުކޮށްދެއްވީ ޗީފް އޮފް ޑިފެންސް ފޯސް މޭޖަ ޖެނެރަލް އަބްދުﷲ ޝަމާލެވެ. އަދި ރިޓަޔާމަންޓްގެ ރަމްޒީ ކާޑް ހަވާލުކޮށްދެއްވީ ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއާ ޖެނެރަލް އަބްދުއްރަހީމް އަބްދުއްލަތީފެވެ.

ސިފައިންގެ ހިދުމަތުން ޝަރަފުވެރިކަމާއެކު ރިޓަޔާކުރެއްވިއިރު ބްރިގޭޑިއާ ޖެނެރަލް އަބްދުލްމަތީން އަހްމަދު ހުންނެވީ މިލިޓަރީ ސެކްރެޓަރީ ޓު ދަ މިނިސްޓާ އޮފް ޑިފެންސްގެ މަގާމުގައެވެ.