އެމްއެމްޕީއާރްސީ މެދުވެރިކޮށް ގއ. ވޮޑަމުލާ ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ ފައިސާއިން އެއް މިލިއަން ޑޮލަރު ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އެކައުންޓަށް ޖަމާކުރި މައްސަލައިގައި ކުރީގެ ލީގަލް އެފެއާޒު މިނިސްޓަރު އައިޝަތުގެ އާޒިމާ ޝަކޫރުގެ މައްޗަށް ކޮށްފައިވާ ދައުވާގެ އަޑުއެހުން މާދަމާއަށް ތާވަލް ކޮށްފިއެވެ.

މި މައްސަލައިގައި އާޒިމާގެ މައްޗަށް ވަނީ ރަސްމީ އިދާރާއަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި މަނީ ލޯންޑަރިންއަށް މަގުފަހިކޮށް ދިނުމުގެ ދައުވާ ކޮށްފައެވެ. ކްރިމިނަލް ކޯޓުގައި އާޒިމާގެ އަޑުއެހުން ތާވަލް ކޮށްފައި ވަނީ ހެނދުނު 9:00 އަށެވެ.

އާޒިމާގެ މައްޗަށް ދައުލަތުން ތުހުމަތު ކުރަނީ ޔާމީން ހިޔާނަތް ހިންގުމަށް އާޒިމާ މަގުފަހިކޮށްދީފައި ވާ ކަމަށެވެ. އެގޮތުން ދައުލަތަށް ލިބެން ޖެހޭ އެކި ފައިސާ ވަކި އެކައުންޓަކަށް ޖަމާކުރުމަށް އާޒިމާ ލަފާދެއްވާފައިވާ ކަމަށާއި، އެކަމާ ގުޅިގެން އޭސީސީން ހިންގި ތަހުގީގަށް ދޮގު މައުލޫމާތު ދިން ކަމަށް ދައުލަތުން ތުހުމަތު ކުރެއެވެ.

އާޒިމާގެ މައްޗަށްކޮށްފައިވާ ދައުވާ މަދަނީ މިންގަނޑުން ކުރިއަށް ގެންދެވޭނެ ކަމަށް ކްރިމިނަލް ކޯޓުން ކަނޑައެޅުމުން އެ ނިންމުން އާޒިމާގެ ފަރާތުން ވަނީ ހައިކޯޓުގައި އިސްތިއުނާފުކުރުމުން އެ ކޯޓުން އެ ދައުވާ ކުރިއަށް ގެންދެވޭނެ ކަމަށް ނިންމިއިރު ހައިކޯޓުގެ ނިންމުން ސުޕްރީމް ކޯޓުގައި އޭނާ އެ މައްސަލަ ވަނީ އިސްތިއުނާފް ކޮށްފައެވެ.

އޭނާގެ މައްޗަށް ދައުވާކޮށްފައި ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ކުރެއްވި ކުށަކަށް މަގުފަހިކޮށް ކަމަށްވާ އިރު، ޔާމީންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށާއި، ޔާމީންގެ މައްޗަށް ކުރި ދައުވާތަކަށް ބޭނުންވާ އުންސުރު ހަމަނުވާކަމަށް ސުޕްރީމް ކޯޓުން ހުކުމް ކޮށްފައިވާ ކަން އާޒިމާ ފާހަގަ ކުރައްވާފައި ވެއެވެ. އޭނާގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާތަކަކީ އެއް ހާދިސާއެއްގެ މައްޗަށް ބިނާކޮށްފައިވާ ދައުވާތަކެއް ކަމުން މަދަނީ މިންގަނޑުން ވެސް އެ ދައުވާތައް ކުރިއަކަށް ނުގެންދެވޭނެއެވެ.

ސުޕްރީމް ކޯޓުން އެ މައްސަލާގައި މެއި މަހު 16 ވަނަ ދުވަހު ކުރި ހުކުމުގައި ވަނީ ދައުވާއެއް ކުރިއަށް ގެންދަން ނިންމާ ނިންމުންތައް އިސްތިއުނާފް ކުރުމުގެ ފުރުސަތު ޖިނާއީ އިޖްރައާތުގެ ގާނޫނު އޮތް ގޮތުން މިހާރު ނެތް ކަމަށެވެ. އެހެންކަމުން ދައުވާ ކުރިއަށް ގެންދެވޭނެ ހެއްކެއް ނެތް ކަމަށް އާޒިމާގެ ފަރާތުން ބުނި ނަމަވެސް، އެކަންކަމާ މެދު ސުޕްރީމް ކޯޓަށް ގޮތެއް ނުނިންމޭނެ ކަމަށް ހުކުމުގައި ވެއެވެ.