އުނިމާ ޕާކިން ޒޯނުން ކާރު ޕާކު ކުރާނެ ޖާގަ ދޫކުރަން އާބަންކޯއިން ހުޅުވާލައިފިއެވެ.

އާބަންކޯއިން ބުނީ ރެޑްވޭވް މެގަމޯލް ކައިރީގައި ހަދާފައިވާ އުނިމާ ޕާކިން ޒޯނުން ކާރު ޕާކު ކުރާނެ ޖާގަ ކުއްޔަށްދިނުމަށް މިދިޔަ ބުދަ ދުވަހު ހުޅުވާލާފައިވާ ކަމަށާއި ބީލަމުގެ އުސޫލުން ދޫކުރުމަށް ޖުމުލަ 10 ޖާގަ ހުޅުވާލާފައިވާއިރު ބީލަން ފެށޭ އަގަކީ 1500 ރުފިޔާ ކަމަށެވެ. އަދި އެ ޖާގަތައް ކުއްޔަށް ދިނުމަށް ކަނޑައެޅިވަފިވަނީ 12 މަސް ދުވަހަށް ކަމަށްވެސް އެ ކުންފުނިން ބުނެއެވެ.

އެ ބީލަމުގައި ބައިވެރިވުމަށް އެދި ހުށަހަޅާ ފަރާތްތަކުގައި ހުންނަން ޖެހޭ ޝަރުތު ތަކުގެ ތެރޭގައި ދިވެހި ރައްޔިތެއް ކަމުގައިވުމާއެކު އުމުރުން 18 އަހަރު ފުރިފައިވުން އަދި އެ ފަރާތެއްގެ ނަމުގައި ރަޖިސްޓްރީ ކޮށްފައިވާ ކާރަކަށް ޕާކު ކުރަން ބޭނުންވާ ކާރު ވުން ހިމެނެއެވެ. އަދި އެފަރާތަކީ އާބަންކޯއިން މި ވަގުތު އެއްވެސް ޕާކިން ޖާގައެއް ކުއްޔަށް ހިފާފައިވާ ފަރާތެއް ކަމުގައި ވެގެން ނުވާނެ ކަމަށްވެސް އެ ކުންފުނިން ބުނެއެވެ.

މިކަމާ ގުޅިގެން ހުޅުމާލޭގައި ޕާކް ކުރުމަށް ހުރި ދަތިތަކަށް ބޮޑު ހައްލެއް ލިބިގެންދާއިރު މި ޖާގަތަކަށް ކުރިމަތިލާ ފަރާތްތަކަށް ޕޮއިންޓު ދިނުމުގައި ބީލަމުގެ ގޮތުގައި ހުށަހަޅާ އަގަށް 80 ޕޮއިންޓު އަދި އެ ނޭބާހުޑްގައި ދިރިއުޅޭ ފަރާތްތަކަށް 20 ޕޮއިންޓު ކަނޑައަޅާފައިވެއެވެ.

އާބަންކޯއިން ބުނީ މިކަމުގެ މައިގަނޑު މަގުސަދަކީ ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ހުޅުމާލޭގައި ފަސޭހަ ކަމާއި އަދި ހަމަހަމަ ކަމާއެކު ކާރު ޕާކު ކުރުމަށް މަގުފައި ކޮށްދިނުން ކަމަށައި ޖާގައިގެ ދަތިކަމުގެ ސަބަބުން ވެހިކަލް ޕާކު ކުރުމަށް ދިމާވާ ދަތިތައް ހައްލު ކުރުމަށް ގިނަގުނަ މަސައްކަތް ތަކެއް ކުރަމުން ގެންދާ ކަމަށެވެ.