ޔޫކްރައިނުން ރަޝިއާ އަށް ވަރުގަދަ ހަމަލާތަކެއް ދޭން ތައްޔާރުވަމުން ދާ މިދަނޑިވަޅުގައި ބޮން އަޅާ ބޯޓު ހުޅަނގުން ޔޫކްރައިން އަށް ދިނުމަކީ އަމިއްލައަށް ނުރައްކަލެއްގެ ތެރެއަށް ވެއްޓުމަށް ކުރާ ކަމެއް ކަމަށް ބުނެ ރަޝިއާއިން އިންޒާރު ކޮށްފިއެވެ.
ރަޝިއާގެ ޑެޕިއުޓީ ފޮރިން މިނިސްޓަރު އެލެކްޒެންޑާ ގްރުސްކޯ ވިދާޅުވީ، ހުޅަނގާއި އެމެރިކާއިން އުޅެނީ އަދިވެސް ހަނގުރާމަ ފުޅާ ކުރަން ކަމަށާއި ބޮން އަޅާ އެފް-16 މަރުކާގެ ބޯޓު ޔޫކްރައިންނަށް ދިނުމަކީ އެމެރިކާ އާއި ހުޅަނގަށް ނުރައްކާ އޮންނާނެ ކަމެއް ކަމަށެވެ.
ބޮން އަޅާ ބޯޓު ދޭން އެއްވެސް ގައުމަކުން އަދި ނިންމާފައި ނުވާ އިރު، އެފް-16 މަރުކާގެ ބޯޓު ދުއްވާނެ ޔޫކްރައިންގެ ޕައިލެޓުން ތަމްރީނު ކުރުމުގެ ވާހަކަ އެމެރިކާ އާއި ހުޅަނގުން ވަނީ ފަށާފައެވެ. މިހާރު ޖަޕާނުގެ ހީރޯޝީމާގައި ކުރިއަށް ދާ އެންމެ ކުރިއަރާފައިވާ 7 އިގްތިސޯދުގެ ވެރިންގެ ބައްދަލުވުމުގައި އެމެރިކާގެ ރައީސް ޖޯ ބައިޑަން ވިދާޅުވީ، އެފް-16 ދުއްވާ ޕައިލެޓުން ތަމްރީނު ކުރުމުގައި އެމެރިކާއިން ވެސް އެހީވާނެ ކަމަށެވެ.
އޭނާ އިތުރަށް ވިދާޅުވީ، ކޮންމެ ފަހަރަކު ޔޫކްރައިން އަށް އާ ހަރިޔާރެއް ލިބޭ އިރު ވަރަށް އުންމީދީ ވާހަކަތައް އެފަރާތްތަކުން ދައްކާ އަޑު އިޥޭ ކަމަށާއި، އެކަމުގައި ރަޝިއާއިން މާބޮޑަށް އަޅާ ނުލައި ދޫކޮށްލައިގެން ތިބޭ ތިބުން މިހާރު ބަދަލު ކުރަން ވެއްޖެ ކަމަށެވެ.
އިތުރަށް އޭނާ ވިދާޅުވީ، ޔޫކްރައިން އަށް އެފް-16 ގެ ބޯޓު ލިބުނަސް ގޮން ޖެހުންތަކާ ކުރިމަތިވާނެ ކަމަށާއި އެހެނީ ދީފާއަށް ބޭނުން ކުރާ މިސައިލް ޔޫކްރައިނުން ހުސްވަމުން ދާ ކަމަށެވެ.
ހަނގުރާމަތީ ބޯޓު ހޯދަން ޔޫކްރައިން އިން ހުޅަނގުގައި އެދެމުން ދާތާ މިހާރު 4 މަސް ފާއިތުވެއްޖެއެވެ. ނަމަވެސް ހުޅަނގުން މިހާތަނަށް ވެސް ފަސް ޖެހިފައި ވަނީ، އޭގެ ސަބަބުން ރަޝިއާއިން ޔޫރަޕަށް ހަނގުރާމަ ފުޅާކޮށްފާނެ ކަމުގެ ބިރަށެވެ.
ނަމަވެސް ޖީ7 ގެ ބައްދަލުވުމުގައި ޖަޕާނާއި އިނގިރޭސިވިލާތުން ވަނީ ފައިޓާ ޖެޓް ފޯރުކޮށް ދިނުމަށް ކޯލިޝަނެއް އެކުލަވާލާފައެވެ. އެކަމަށް ޔޫކްރައިންގެ ރައީސް ވްލަޑިމިއާ ޒެލެންސްކީ ވަނީ އެ 2 ގައުމުގެ ލީޑަރުންނަށް ޝުކުރުވެސް އަސާކުރައްވާފައެވެ.