ޔޫރަޕާއި އެމެރިކާ ހިމެނޭހެން ޔޫކްރައިންގެ ބައިވެރިންގެ ބާރުގެ ދަށުގައި މިހާރު ހުރި ރަޝިއާގެ އެސެޓުތަކުން 50 ބިލިއަން އެމެރިކާ ޑޮލަރު ޔޫކްރައިންގެ ދިފާއީ ކަންކަމަށް ހަރަދު ކުރަން ލޯނެއްގެ ގޮތުގައި ދޫކުރަން ޖީ7 އިން ނިންމައިފިއެވެ.

ދުނިޔޭގެ އެންމެ މުއްސަނދި 7 އިގުތިސޯދު ހިމެނޭ ޖީ7 ގައި ތިބެނީ, ކެނެޑާ, ފްރާންސް, ޖަރުމަން, އިޓަލީ, ޖަޕާން, އިނގިރޭސިވިލާތުގެ އިތުރުން އެމެރިކާއެވެ.

މި ހުރިހާ ގައުމަކީ މިހާރު ޔޫކްރައިން އާއި ރަޝިއާ ދެމެދު ހިނގަމުން ދާ ހަނގުރާމައިގައި ޔޫކްރައިން ކޮޅަށް އަރާ ތިބި ގައުމުތަކެވެ.

2022 ގެ ފެބްރުއަރީގައި ރަޝިއާއިން ޔޫކްރައިން އަށް ހަމަލާ ދޭން ފެށުމާއެކު އުފެދިގެން އައި ނުތަނަވަސްކަމުގެ ތެރޭގައި މިގައުމުތަކުން ވަނީ, އެ ގައުމުތަކުގައި ހުރި ރަޝިއާގެ އެސެޓްތައް ފްރީޒްކޮށްފައެވެ. އޭގެ ތެރޭގައި ބޭންކުތަކާއި އެކިއެކި ފަންޑުތަކުގައި ހުރި ރަޝިއާގެ ފައިސާ އާއި, ރަޝިއާގެ އިންވެސްޓުމަންޓްތަކުގެ ގޮތުގައި އޭގެ ތެރެއިން ބައެއް ގައުމުތަކުގައި ހުރި އެސެޓްތައް ހިމެނެއެވެ. އަދި ރަޝިއާ އަށް ނިސްބަތްވާ އޮލިގާ ]ބިލިއަނަރުން[ އިން ގެ މިލްކިއްޔާތުތައް ވެސް ޔޫރަޕުން ވަނީ ހިފަހައްޓާފައެވެ.

ރަޝިއާގެ ފައިސާ ޔޫކްރައިން އަށް ދޭން ޖީ7 އިން ނިންމި ބައްދަލުވުމުގައި އެމެރިކާގެ ރައީސް ޖޯ ބައިޑަން ވިދާޅުވީ, "އަހަރެމެން ފަހަށް ނުޖެހޭނެކަން ރަޝިއާ ދަންނަން ވާނެ" ކަމަށެވެ. ރަޝިއާގެ ފައިސާ ޔޫކްރައިން އަށް ދޭން ނިންމި ނަމަވެސް އެ ފައިސާ އެ ގައުމަށް ލިބޭވަރު ވާނީ މިއަހަރު ނިމޭކޮޅުގައި ކަމަށް ރިޕޯޓްތައް ބުނެއެވެ.

ޔޫރަޕާއި އެމެރިކާގައި ހުރި ރަޝިއާގެ އެސެޓްތަކުގެ އަގު 225 ބިލިއަން އެމެރިކާ ޑޮލަރަށް އަރައެވެ. އެ އެސެޓްތަކުގެ އިންޓަރެސްޓުގެ ގޮތުގައި އެކަނިވެސް އަހަރަކު 3 ބިލިއަން އެމެރިކާ ޑޮލަރު އަރަމުން ދާ އިރު ޖީ7 އިން ބުނީ, އެ 3 ބިލިއަން ބޭނުން ކުރާނީ, ޔޫކްރައިން އަށް ދޭ 50 ބިލިއަން ޑޮލަރުގެ ލޯނުގެ އިންޓަރެސްޓް ދެއްކުމަށް ކަމަށެވެ.

ޖީ7 އިން މި ނިންމި ނިންމުމަކީ ބައިންލއަގުވާމީ ގާނޫނުތަކާ ހިލާފު ނިންމުމެއް ނަމަވެސް އިނގިރޭސި ބޮޑުވަޒީރު ރިޝީ ސޫނަކު ވިދާޅުވެފައި ވަނީ, މިއީ ރަޝިއާ އަށް ރަނގަޅު ފިލާވަޅަކަށް ވާނެ ކަމަށެވެ. ޔޫރަޕާއި އެމެރިކާ ހިމެނޭހެން ހުރި ރަޝިއާގެ އެސެޓްގެ އެންމެ ބޮޑު އަދަދެއް ހުރީ ބެލްޖިއަމްގެ ސެންޓްރަލް ބޭންކުގައެވެ.

ބައިނަލްއަގުވާމީ ގާނޫނުތައް ބުނާގޮތުން, ރަޝިއާގެ އެސެޓް އެހެން ހިފަހައްޓާ އެ އެސެޓް ޔޫކްރައިން އަކަށް ނުދެވޭނެއެވެ.

ޖީ7ގެ އެ ނިންމުމާ ގުޅިގެން ރަޝިއާގެ ހާރިޖީ ވުޒާރާގެ ތަރުޖަމާން މަރީއާ ޒަކަރޯވާ ވިދާޅުވީ, ބަދަލު ހިފުމުގެ ހިތިކަން [އެމެރިކާ އާއި ޔޫރަޕަށް] ފެންނާނެ ކަމަށެވެ. އަދި ރަޝިއާއިން އެކަން ދެކެނީ އެއީ ޖިނާއީ ކުށެއްގެ ގޮތުގައި ކަމަށާއި ހުޅަނގުން ރަޝިއާގެ ފައިސާއާ ކުޅުމުން ބަދަލު ދޭނެ ގޮތްތައް އެބަހުރި ކަމަށެވެ.

ބައެއް ހަބަރުތައް ބުނާގޮތުން ރަޝިއާގައި ޔޫރަޕްގެ އިންވެސްޓަރުންގެ އެސެޓް ހުރި އިރު އެ އެސެޓުގެ އަދަދު 35 ބިލިއަން އެމެރިކާ ޑޮލަރަށް އަރައެވެ. އެ އެސެޓް ރަޝިއާއިން ހުރީ ހިފަހައްޓާފައެވެ.