ދުނިޔޭގެ އެންމެ ކުރިއަރާފައި ވާ 7 އިގްތިސޯދުގެ ވެރިން މިއަދު ޖަޕާނުގެ ހީރޯޝީމާގައި ބައްދަލު ކުރައްވަމުން ގެންދަވާ އިރު، ހާއްސަ މެހެމާނެއްގެ ގޮތުން އިންޑިއާގެ ބޮޑުވަޒީރު އެ ސަމިޓަށް ވަޑައިގެންފިއެވެ.

ޖީ7ގައި ދާއިމީ މެންބަރުންގެ ގޮތުގައި ތިބި ކެނެޑާ، ފްރާންސް، ޖަރުމަން، އިޓަލީ، ޖަޕާން، އެމެރިކާ އަދި އިނގިރޭސިވިލާތުގެ އިތުރުން މެހެމާނުންގެ ގޮތުގައި އިންޑިއާ އާއި ދެކުނު ކޮރެއާ އާއި ބްރެޒީލްގެ އިތުރުން އޮސްޓްރޭލިއާ ވެސް ބައިވެރިވާނެއެވެ.

ޖީ7 ގެ ފޯކަސް ރަޝިއާ އާއި ޗައިނާ އަދި އީރާނަށް އަމާޒު ކޮށްފައި ވާ އިރު، ތިމާވެއްޓާއި ގުޅުން ހުރި މައްސަލަތައްވެސް އެޖެންޑާ ކޮށްފައި ވެއެވެ.

މި ބައްދަލުވުން، ބާއްވާ ހީރޯޝީމާ އަކީ ދެވަނަ ބޮޑުހަނގުރާމައިގައި އެމެރިކާއިން ނިއުކްލިއާ ބޮން ވައްޓާލި ސިޓީއެވެ. އެ ސިޓީގައި އަދިވެސް އުފަންވާ ބައެއް މީހުން އައިބުތަކާއެކު އުފަންވާ އިރު، އެއިރުންސުރެ ފެށިގެން ޖަޕާނުން އަމާޒު ހިފާފައި ވަނީ ނިއުކްލިއާ ހަތިޔާރު ނެތް ގައުމެއްގެ ގޮތުގައި އޮވެ ކުރިއަރާ ދާށެވެ. މިއަދު އެންމެ ކުރިއަރާފައިވާ އެއް އިގްތިސޯދުގެ ގޮތުގައި ޖަޕާން އޮތް އިރު، ސަރަހައްދުގައި ހިމެނޭ ޗައިނާގެ ބާރާއި އެއަށް ވުރެ ގާތުގައި އޮތް އުތުރު ކޮރެއާއިން އަސްކަރީ މައިދާނުގެ ކުރިއަރާ ދާލެއް ބާރުކަމުން ޖަޕާނުން ވަނީ އަސްކްރީ ބަޖެޓް ބޮޑުކޮށް ބިލިއަން ބިލިއަން ޑޮލަރު ހޭދަކުރަން ނިންމާފައެވެ.

ސަމިޓްގެ ރަސްމީ މަޝްވަރާތައް ފަށާފައި ވާ އިރު ހުރިހާ ލީޑަރުން ގޮވާލާަފައި ވަނީ ޔޫކްރައިން އަށް މަދަދު ވެރިވެ ރަޝިއާ ހަނގުރާމަ ހުއްޓުވަން ޖެހޭ ކަމަށެވެ. އެއާއެކު އެމެރިކާ އާއި އެިނގިރޭސިވިލާތުން ވަނީ ރަޝިއާ އާއި އެގައުމާ ގުޅުން ހުރި ބައެއް ވިޔަފާރިތަކާިއ އަމިއްލަ ބައެއް ފަރުދުންނަށް ދަތިކރުރުމުގެ އިތުރު ފިޔަވަޅުތައް އަޅަން އިއުލާންކޮށް އެފަރާތްތަކުގެ އަދަދުތައް ހާމަ ކޮށްފައެވެ. އެމެރިކާއިން 71 ފަރާތަކަށް ދަތިރުކުރުމުގެ ފިޔަވަޅު އަޅަން ނިންމި އިރު އިނގިރޭސިވިލާތުން ދަތިކުރަން ނިންމީ، ޑައިމަންޑާއި މިނެރަލްސް އަދި ކުރިއަރާފައިވާ ޓެކްނޮލޮޖީގެ ދާއިރާއިންނެވެ. ރަޝިއާގެ ޑައިމަންޑް ވިޔަފާރިއަކީ އަހަރެއްގެ މައްޗަށް 4-5 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ނެރޭ ވިޔަފާރިއެކެވެ. މީގެ އިތުރން ޖީ7 ގެ ހުރިހާ ގައުމަކުންވެސް ވަނީ ދަތިކުރުގެ އާ ފިޔަވަޅުތަކަށް އެއްބަސްވެފައެވެ. އެގޮތުން ޓެކްނޮލޮޖީއާއި އެކި އިންޑަސްޓްރީތަކަށް ބޭނުންވާ ސާމާނު ރަޝިއާއަށް ލިބުމުގައާއި ރަޝިއާއިން އެތަކެތި ޖީ7 ގެ ގައުމުތަކަށް ފޯރު ވުމުގައި ދަތިކުރަން ވަނީ ނިންމާފައެވެ.

ޖީ7 ގެ އެންމެ ބޮޑު ފޯކަސް ދެން އޮތީ ޗައިނާ އަށެވެ. ޗައިނާ ކުރިއަރާ ދާވާހަކަ އަކާއި، ޗައިނާއިން ހާމަކަން ކުޑަގޮތެއްގައި މަޑުމަޑުން ތިބެ ނިއުކްލިއާ ގާލިކުކަން އިތުރު ކުރާ ވާހަކަ އާއި ޗައިނާގެ ކުރިއެރުމަކީ ސަރަހައްދާއި މުޅި ދުނިޔެގެ ސަލާމަތާއި ހަމަޖެހުމަށް ނުރައްކާ ބޮޑު މައްސަލައެއް ކަމަށް ބުނެފައި ވެއެވެ. މީގެ އިތުރުން އީރާނަށް އެއްގޮތަކުން ވެސް ނިއުކްލިއާ ހަތިޔާރެއް ލިބިގެންވެސް ނުވާނެ ކަމަށާއި އުފެއްދިޔަ ދީގެންވެސް ނުވާނެ ކަމަށް ބުނެފައި ވެއެވެ.

ޒެލެންސްކީ ސައުދީއަށް ވަޑައިގަތުން

ޖީ7 ގެ ސަމިޓް މިމަހުގެ 21 ގ ނިލަޔަށް ކުރިއަށް ދާއިރު، ސަމިޓްގެ ހަވާސާގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ، ޔޫކްރައިންގެ ރައީސް ޒެލެންސްކީއާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. ޖީ7 ގައި ބައިވެރިވެވަޑައިގަންނަވާ ލީޑަރުންގެ ތެރެއިން މޯދީ އަކީ ރަޝިއާ އާ އެންމެ ގާތްކޮށް ހުންނެވި ލީޑަރު ކަމަށް ވުމުން ޒެލެންސްކީއާ ބައްދަލުކުރެއްވުމަކީ ސަމާލުކަން އިތުރުވާ ކަމެކެވެ. އެ ދެބޭފުޅުން މަޝްވަރާ ކުރައްވާނެ ކަމަށް ހަބަރުރުތަކުން ބުނެފައިި ވަނީ ހަނގުރާމަ ހުއްޓުވުމަށް އިންޑިއާއިން ރަޝިއާ އަށް ބާރު އަޅައިދިނުމާއި ޖީ7 ގެ ގައުމުތަކާ އެކު އިންޑިއާއިން އޮތް ގުޅުން އިތުރަށް ހަރުދަނާ ކުރުމަށް މަޝްވަރާ ކުރުމެވެ.

ޖަޕާނުގައި ޖީ7ގެ ފެށިގެން ދާ އިރު، ޒެލެންސްކީ އަދި ހުންނެވީ ސައުދީގައި ފެށިގެން ކުރިއަށް ދާ އަރަބި ލީގުގެ ވެރިންނާ ބައްދަލުކުރެއްވުމަށް ސައުދީގައެވެ. އަރަބިލީގުގެ ވެރިންނާ ބައްދަލު ކުރައްވާ ޒެލެންސްކީ ވިދާޅުވީ، ބައެއް ގައުމުތަކުން އަދިވެސް ހަނގުރާމަ ވަރިހަމަ ކޮށްލައިގެން އެއްޗެއް ނުބުނެ އެބަ ތިބި ކަމަށާއި، ރަޝިއާ ކުށްވެރި ކުރުމާއެކު ހަނަގުރާމަ ހުއްޓުވުމަށް ބާރު އަޅައި ދިނުމަށެވެ. މި ބައްދަލުވުމުގައި ސައުދީ ބޮޑުވަޒީރު ޕްރިންސް މުހައްމަދު ބިން ސަލްމާން ވިދާޅުވީ، ރަޝިއާ އާއި ޔޫކްރައިން ސުލްހަ ކުރުމަށް މެދުވެރިއެއްގެ ރޯލު ސައުދީން އަދާކުރަން ތައްޔާރު ކަމަށެވެ.

އަރަބި ލީގުގެ މިދައުރުގެ ބައްދަލުވުންތަކަކީ، ގިނަ ދުވަސްތަކަކަށް ފަހު، ގިނަ އަރަބި ގައުމުތަކެއް ބައިވެރިވާ ބައްދަލުވުމެވެ. އަރަބި ދުނިޔޭގައި އެއްގައުމު އަނެއް ގައުމާ އޮތް ހަތުރުވެރިކަން ނިމުމަކަށް ގެނެސް މިފަހަރުގެ ބައްދަލުވުމުގައި ސީރިއާވެސް ބައިވެރިވެއެވެ. މިއީ 12 އަހަރުގެ މެދުކެނޑުމަކަށް ފަހު ސީރިއާ އަރަބިލީގަށް އައި ފުރަތަމަ ފަހަރެވެ.