ޖަޕާނުގެ ހީރޯޝީމަގައި ކުރިއަށް ދާ އެންމެ ކުރިއަރާފައިވާ 7 އިގްތިސޯދުގެ ވެރިންގެ ބައްދަލުވުމުގެ ފޯކަސް އިން ޗައިނާ ކައްސައެއް ނުލިއެވެ. ޗައިނާ އަކީ މުޅި ދުނިޔޭގެ ސަލާމަތާއި ރައްކާތެރި ކަމަށް އޮތް ނުރައްކަލެއް ކަމަށާއި އިގްތިސޯދީ ގޮތުން ހަންފަތުރަން ނުވަތަ ބާރުފޯރުވަން މަސައްކަތް ކުރާ ގައުމެއް ކަމަށް ލީޑަރުން ވަނީ ވިދާޅުވެފައެވެ. އަދި އެއީ މިހާރު ދުނިޔެއަށް ދިމާވެފައި އޮތް އެންމެ ބޮޑު ޗެލެންޖް ކަމަށް ވެސް ޖީ7 ގެ ލީޑަރުން ވިދާޅުވެއެވެ.

ޖީ7 ގެ ލީޑަރުން ވިދާޅުވާ ގޮތުގައި ވިޔަފާރީގެ ގިނަ ދާއިރާތަކުގައި އެ ގައުމުތަކާއި ޗައިނާ އާ ސީދާ ގުޅުން ނެތް ނަމަވެސް ކުރިއަރައިގެން ދާ ޗައިނާގެ އިގްތިސޯދުގެ ސަބަބުން ވާދަވެރިން ބޮޑުވެގެން ދެއެވެ. އިގްތިސޯދީގޮތުން ޗައިނާގެ ބާރާއި ފުޅާމިން ޖީ7 ގެ ކޮންޓްރޯލަށް ވުރެ ބޭރަށް ގޮސްފައި ވާ އިރު، ދެން ކަންބޮޑުވާ މައްސަލައެއްގެ ގޮތުގައި ފާހަގަ ކުރަނީ ޗައިނާއިން އިންސާނީ ހައްގުތަކަށް އަރައިގަންނަ މައްސަލަތަކެވެ.

ޗައިނާގެ ވަރުގަދަ އިގްތިސޯދުގެ ކުރިމަތީގައި ބައެއް ގައުމުތަކަށް ހުރަސްތައް ކުރިމަތިވެފައި ވާ އިރު، އިގްތިސޯދީ ދަތިކުރުމުގެ ފިޔަވަޅުތަކާވެސް ކުރިމަތިލާން ޖެހިފައި ވެއެވެ. އެގޮތުން ދެކުނު ކޮރެއާގައި އެމެރިކާގެ މިސައިލް ސިސްޓަމް ހަރުކުރި ހިސާބުން އެގައުމަށް ވަނީ ދަތިކުރުމުގެ ފިޔަވަޅު އަޅާފައެވެ. އަދި އޮސްޓްރޭލިއާ އިން އެމެރިކާ އާ ގުޅުން ބަދަހިކޮށް "ކްއަޑް" ގެ ދަށުން އެމެރިކާގެ އަސްކަރިއްޔާ ބައިތިއްބާ މައްސަލަގައި ވަނީ ފިޔަވަޅު އަޅާފައެވެ.

މީގެ އިތުރުން ލިތުއޭނިއާގައި ޓައިވާނުގެ އެމްބަސީއެއް ހުޅުވަން ހުއްދަ ދިން ހިސާބުން އެގައުމަށް ވެސް ވަނީ ދަތިކޮށްފައެވެ.

ޖީ7 އިން ގަބޫލު ކުރާ ގޮތުގައި އެއީ ގަދަބާރުން ވަކިގޮތަކަށް ކަން ކުރުވުމަށް އިގްތިސޯދީ ގޮތުން ހައިޖެކް ކުރުމެކެވެ.

ޗައިނާގެ މި މައްސަލަތަކާ ހުރެ، އެމެރިކާއިން އުފަން ކޮށްފައިވާ ހިޔާލު "ޗައިނާ އާ ނުލައި" ވިޔަފާރި ކުރުމަށް އީޔޫއިން ޕްރޮމޯޓް ކުރަމުން ދާ އިރު، އީޔޫގެ ވެރިން ވަނީ އެ ސިޔާސަތު ޖީ7 ގައި ވެސް ކުރިއަށް ނެރެން އިރިޝާދު ދެއްވާފައެވެ. އެގޮތުން ހުޅަނގާއި އެމެރިކާ އާއި އަދި އެމީހުންގެ ސިޔާސަތުތަކާ ގުޅެ ގައުމުތައް އެކުވާ ޕްލެތްފޯމެއް ގާއިމު ކޮށް ޗައިނާ ބާކީ ކުރުމާއެކު ކުރިއަރަމުން އަންނަ އެހެނިހެން އިގްތިސޯދުތަކާއެކު މަސައްކަތް ކުރަން ދަނީ ހިޔާލު އުފައްދަމުންނެވެ.