އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމްގެ ނަން ރިޔާސަތުން ތަކުރާރުކޮށް އިއްވުމުން ވެސް އޭނާ މަޖިލިސް ތަޅުން ދޫކުރައްވަން ދެކޮޅު ހެއްދެވުމުން، ރޮޒެއިނާ ނެތް ކަމަށް ބަލައިގެން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ޖަލްސާ ކުރިއަށް ގެންދަވައިފިއެވެ.

މަޖިލީހުގެ ތަޅުމުން ރޮޒެއިނާ ނަން އިއްވައި ނެރެން ނިންމީ އެމްޑީޕީން 12 މެންބަރުން އަމިއްލަ އަށް ވަކިވުމުން ވެސް އެ މެންބަރުން އެ ޕާޓީގެ ދަފްތަރުން އުނި ކުރުމަށް ރިޔާސަތުގައި އިންނެވި ނަޝީދު ދެކޮޅު ހެއްދުވުމުން އުފެދުނު ހިތްހަމަނުޖެހުންތަކުގައެވެ.

ރޮޒައިނާގެ ނަން އިއްވާ މަޖިލީހުގެ ތަޅުމުން ނިކުތުމަށް އެންގުމުން ރޮޒައިނާ ވަނީ ޖަލްސާ ދޫކޮށް ނިކުންނަން ފުރަތަމަ ދެކޮޅު ހަދާފައެވެ. މަޖިލީހުން ރޮޒައިނާ ނުނިކުތުމުން ނަޝީދު ވަގުތުކޮޅަކަށް މަޖިލިސް މެދުކަނޑާލާފައެވެ.

ޖަލްސާ މެދުކަނޑާލުމަށް ފަހު، އަލުން ފެއްޓެވި އިރު ވެސް ރޮޒެއިނާ މަޖިލީހުގައި އިންނެވިއިރު އެކަމާ ގުޅިގެން ނަޝީދު ވަނީ ދެވަނަ ފަހަރަށް ރޮޒެއިނާގެ ނަން އިއްވާދި ތަޅުން ދޫކުރައްވައި ވަޑައިގަތުމަށް ތަކުރާރުކޮށް އަންގަވާފައެވެ. ނަމަވެސް އެއެއްގުމަށް އަމަލު ނުކުރުމުން ރޮޒައިނާ ނެތް ކަމަށް ބަލާ މަޖިލިސް ކުރިޔަށް ގެންދަވަން ރައީސް ނަޝީދު ނިންމެވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ހޫނުވެ 3 މެންބަރެއްގެ ނަން ވަނީ އިއްވާފައެވެ. އޭގެތެރޭގައި ހިމެނެނީ މެންބަރު ރޮޒައިނާ، މެންބަރު އަބްދުﷲ ޖާބިރު އަދި މެންބަރު އަބްދުލްމުގުނީއެވެ. ރޮޒައިނާ ފިޔަވާ ދެން ނަން އިއްވި ދެ މެންބަރުން ވަނީ މަޖިލީހުގެ ތަޅުން ދޫކޮށް ގޮސްފައެވެ.

މިދިޔަ އަންގާރަ ދުވަހު މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް އެމްޑީޕީން ވަކިކޮށްފައި ވާއިރު، ނަޝީދުގެ "ފިކުރެއްގެ ދިރުން" ފެކްޝަނަށް ނިސްބަތްވާ 12 މެންބަރުން ވަނީ ޕާޓީން އަމިއްލަ އަށް ވަކިވެ ވަޑައިގެންފައެވެ. އެގޮތުން އެމްޑީޕީން އިއްޔެ ވަކިވެވަޑައިގަތް 12 މެންބަރުންނަކީ:

  • ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް
  • މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ
  • މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ
  • ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު ޔާސިރު އަބްދުއްލަތީފް
  • މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު
  • ވިލުފުށި ދާއިރާގެ މެންބަރު ހަސަން އަފީފް
  • މަޑަވެލި ދާއިރާގެ މެންބަރު ހުސައިން ފިރުޝާން
  • މައްޗަންގޯޅި އުތުރު ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު
  • ތޮއްޑޫ ދާއިރާގެ މެންބަރު ހަސަން ޝިޔާން
  • ގައްދޫ ދާއިރާގެ މެންބަރު އަހްމަދު ޒާހިރު
  • ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް
  • އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު

ނަޝީދުގެ "ފިކުރެއްގެ ދިރުން" ފެކްޝަންގެ މެންބަރުން އެމްޑީޕީން ވަކިވީ އާ ސިޔާސީ އާ ޕާޓީ އެއް ހެދުމަށެވެ. ނަމަވެސް ނަޝީދު އަދިވެސް އެމްޑީޕީން އިސްތިއުފާއެއް ނުދެއްވައެވެ.