ފުޅާ ދާއިރާއެއްގައި ހަށި ވިއްކުމުގެ ވިޔަފާރި ކުރަމުން ދިޔަ 13 ބިދޭސީއަކު ހައްޔަރު ކޮށްފިއެވެ.

ފުލުހުން ބުނީ، ފުލުހުންގެ އެންޓި ހިއުމަން ޓްރެފިކިން ޑިޕާޓްމަންޓާއި އިންޓެލިޖެންސާއި އިމިގްރޭޝަން ގުޅިގެން ހިންގި އޮޕަރޭޝަންގައި މާލޭގެ ހަތަރު ތަނެއް ރޭ ބަލައި ފާސްކޮށްފައިވާ ކަމަށެވެ.

އެ އޮޕަރޭޝަންގައި 13 މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ބުނެ، ފުލުހުން ވަނީ އެ މީހުން ނިސްބަތްވާ ގައުމުތައް ހާމަކޮށްފައެވެ. އެ 13 މީހުންގެ ތެރޭގައި ހިމެނެނީ:

  • ބަންގްލަދޭޝްގެ އަށް ފިރިހެނަކާއި އެ ގައުމުގެ އަންހެނެއް
  • ތައިލޭންޑުގެ ހަތަރު އަންހެނަކު

މިއީ ރާވައިގެން ކްރިމިނަލް ނެޓްވޯކަކާ ދެކޮޅަށް ހިންގި އޮޕަރޭޝަނެއް ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ، މި މައްސަލަ ބަލައި އިތުރަށް ބަލައި ތަހްގީގުކުރަމުންދާ ކަމަށެވެ.

މީގެ ކުރިން ވެސް ހަށި ވިއްކުމުގެ އެކި މައްސަލަތަކުގައި މީހުން ހައްޔަރުކޮށްފައިވެއެވެ. ހަށި ވިއްކާ މީހުން އިތުރުވެ، އެ މައްސަލައާ މެދު އެދެވޭ ފިޔަވަޅެއް ނޭޅޭތީ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި ފުލުހުންނަށް އާންމުންގެ ފާޑުކިއުން އަމާޒު ވެއެވެ.