ފުލުހުންގެ ތެރެއިން ވަކި ބަޔަކު ވަޒީފާއިން ވަކިކުރުމުގެ ނިޔަތުގައި ގާނޫނެއް ހެދުމަށް ހުށަހެޅި އިސްލާހު ޑްރާފްޓް ކުރުމަށް އެހީތެރިވެދިން ގޮތަށް އިސްތިއުފާ ސިޓީ ލިޔެދިނުމަށް ވެސް އެހީތެރިވާންވީތޯ ކުރީގެ އެސިސްޓަންޓް ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ފައިރޫޝް އައްސަވައިފިއެވެ.

ފައިރޫޝް ވިދާޅުވީ، ފުލުހުންގެ ތެރެއިން ވަކި ބަޔަކު ވަޒީފާއިން ވަކިކުރުމުގެ ނިޔަތުގައި ގާނޫނެއް ހެދި ބަޔަކަށް މިއަދު ޖެހުނު ހާލާމެދު ހަމްދަރުދީވެ ވަޑައިގަންނަވާ ކަމަށެވެ. އެކަންވެސް ރަނގަޅަށް ކުރަން އެދުވަހު ނޭނގުނީމާ، ފަހު ވަގުތު ސިއްރުން ހުށަހަޅަން ބޭނުންވި އިސްލާހު ވެސް ޑްރާފްޓްކޮށް ދެއްވި ގޮތަށް "ކެނޑޭ" ސިޓީ ވެސް ލިޔެ ދެއްވަންވީ ތޯ އޭނާ އެއްސެވިއެވެ.

ފައިރޫޝް މިހެން ވިދާޅުވި އިރު ވަކި ނިޔަތެއްގައި ގާނޫނެއް ހެދުމަށް ސިޔާސީ ނުފޫޒު ފޯރުވި ކަމަުގެ ތުހުމަތު އަމާޒު ކުރައްވާ ބޭފުޅެއްގެ ނަން ހާމައެއް ނުކުރައްވައެވެ. ނަމަވެސް މިއަދު އެ ބޭފުޅުންނަށް ޖެހިވަޑައިގެން ހާލުގެ ވާހަކަ ދައްކަވާ، އިސްތިއުފާ ސިޓީގެ ވާހަކަ ދައްކަވާ އިރު، އެ ވާހަކަ ރައްދުވާ ފަރާތަކީ ރައްޔިތުން މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދާއި ނަޝީދު ފެކްޝަންގައި ހިމެނިވަޑައިގަންނަވާ ފަރާތްތައް ކަމަށް ބެލެވެއެވެ.

ޑިސެމްބަރު 27، 2020 ގައި ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރެއްވި ފުލުހުންގެ ހިދުމަތުގެ ގާނޫނަށް އަމަލު ކުރަން ފެށީ 2021 ވަނަ އަހަރުގެ މާޗް މަހުގައެވެ. އެ ގާނޫނުގައި ބުނެފައިވާ ގޮތުގެ މަތިން ފުލުހުންގެ އެ ބޯޑް އެކުލަވާލާތާ ހަތަރު މަސް ދުވަހުގެ ތެރޭގައި ޕޮލިސް ކޮމިޝަނަރު ފިޔަވައި ސުޕްރިޓެންޓެންޑުން ފެށިގެން މަތީގެ ރޭންކުތަކުގައި ތިއްބެވި ފުލުހުންގެ އޮފިސަރުންގެ ތެރެއިން އެކި ތުހުމަތުތައް ކުރެވޭ އޮފިސަރުންގެ މައްސަލަ ބޯޑުން ބަލައި އެ ފަރާތްތައް މަގާމުގައި ބޭތިއްބުމާ މެދު އެ ބޯޑުން ގޮތެއް ނިންމަން ޖެހޭނެއެވެ. ޕޮލިސް ބޯޑުން މައްސަލަތައް ބަލާނީ ލާއިންސާނީ އަމަލުތަކާއި ބާރުގެ ބޭނުން ނަހަމަ ގޮތުގައި ބޭނުން ކުރުމާއި ކޮރަޕްޝަންގެ ތުހުމަތުތައް ކުރެވިފައިވާ އޮފިސަރުންގެ މައްސަލަތަކެވެ. އަދި އެ މައްސަލަތައް ބަލައި ނިންމައި ވަކި ގޮތެއް ކަނޑައަޅަންދެން އެ ބޭފުޅުން މަގާމުގައި ދެމިވެސް ތިބޭނެއެވެ.

އެ އިސްލާހާ އެކު ފުލުހުންގެ ފުލުހުންގެ މަތީ ރޭންކުތަކުގައި ތިއްބެވި އޮފިސަރުންގެ ތެރެއިން ހަތް އޮފިސަރުންގެ މައްސަލަ ބަލާ އެ އޮފިސަރުން ވަޒީފާއިން ވަކިކުރަން އެ ބޯޑުން ވަނީ ނިންމާފައެވެ. އެއީ ސުޕްރިންޓެންޑެންޓް މުހައްމަދު ދާއޫދާއި، އެސިސްޓެންޓް ކޮމިޝަނަރު ފަރުހާދު ފިކުރީ އާއި، ޗީފް ސުޕްރިންޓެންޑެންޓް އަހުމަދު ޝުހާދާއި، އެސިސްޓެންޓް ޕޮލިސް ކޮމިޝަނަރު މުހައްމަދު ޖަމްޝީދާއި، އެސިސްޓެންޓް ކޮމިޝަނަރު އަހުމަދު މުހައްމަދާއި، ސުޕްރިންޓެންޑެންޓް އިސްމާއީލް ޝަމީމްގެ އިތުރުން ޗީފް ސުޕްރިންޓެންޑެންޓް އަބްދުﷲ ޝަރީފެވެ.

މީގެ އިތުރުން އޭރު ގެނައި އިސްލާހުގައި 17 ވަނަ މާއްދާގައި ވަނީ ފުލުހުންގެ ވަޒީފާ އަކީ ގައުމީ ސަލާމަތާއި ރައްކާތެރިކަމާ ގުޅުންހުރި ވަޒީފާއެއް ކަމަށް ވުމުން، ފުލުހުންގެ އެއްވެސް ވަޒީފާ އަކަށް މުވައްޒަފަކު ހޮވުމުގެ ކުރިން، ބެކްގްރައުންޑް ޗެކެއް ހެދުން ލާޒިމްވާނެ ކަމަށެވެ. އަދި 100 ވަނަ މާއްދާގެ (ކ)ގައި ވަނީ ތަހްގީގު ކުރުމުގެ ހުއްދަ ދެވޭ ފުލުހަކީ އެ ދާއިރާ އާ ގުޅުންހުރި ދާއިރާއަކުން ފުލުހުން ގަބޫލުކުރާ ފަދަ ޑިޕްލޮމާގެ ސަނަދެއް ހާސިލްކޮށްފައިވާ ފުލުހަކަށް ވުމެވެ.

މިއަދު އެމްޑީޕީގައި ހިމެނޭ ރައީސް ނަޝީދުގެ ފެކްޝަންގެ މެންބަރުންގެ ތެރެއިން 12 މެންބަރެއް ޕާޓީން ވަކިވެވަޑައިގެންފައިވާ އިރު، މިދިޔަ މާޗް މަހުގެ ކުރީކޮޅު މަޖިލީހުގައި ބޭއްވި ޖަލްސާއެއްގައި ފުލުހުންގެ ގާނޫނަށް ސަރުކާރުން ދެ އިސްލާހެއް ގަނައުމަށް ހުށަހެޅުމުން ނަޝީދު ފެކްޝަންގެ މެންބަރުން ވަނީ ނުރުހުން ފާޅު ކުރައްވާފައެވެ.

ސަރުކާރުން އިސްލާހު ހުށަހަޅާފައި ވަނީ 17 ވަނަ މާއްދާއަށާއި 100 ވަނަ މާއްދާއަށެވެ. ސަރުކާރުގެ ފަރާތުން ހޫށަހެޅި އިސްލާހުގައި ބުނެފައި ވަނީ، 17 ވަނަ މާއްދާގައި ބެކްގްރައުންޑް ޗެކްކުރުން ހަދާ ކޮންމެ ހާލަތެއްގައި އެ ހުރިހާ ކަމެއް ފުރިހަމަ ކުރުމަކީ އެކަށީގެންވާ ކަމެއް ކަމަށް ނުފެންނާތީ އެކަން އިހްތިޔާރަކަށް ހެދުމަށެވެ. އަދި 100 ވަނަ މާއްދާގައި ދީފައިވާ ދެ އަހަރުގެ މުއްދަތުގައި ފުލުހުންނަށް ތަމްރީން ނުނިމިދާނެތީ އެ މުއްދަތު މާޗް 27، 2024 އަށް މުއްދަތު އިތުރުކުރުމަށް ވަނީ އެދިފައެވެ.