މާގަދައަށް މީހަކު ރުޅިއައިސްފި ނަމަވެސް މީހުން ދިމާކޮށް ހަދައެވެ. ނަމަވެސް އާންމުކޮށް މީހަކު އެހާ ރުޅި އަންނަ ނަމަ އެއީ ސިއްހީ ނުރަކަލަކަށް ހުށަހެޅިދާނެ ފަދަ ކަމެއް ދިމާވާން މެދުވެރިވާ ސަބަބެއް ކަމަށް ގަބޫލު ކުރާ މީހުން މަދެވެ. ސަމާސާއަކަށް "ފާގަ ދިޔަ ބޯން ވީ" ކަމަށް ބުނެ ދިވެހިންގެ ތެރޭގައި މި ގެންގުޅޭ އާދަ ހުއްޓުވައި މީހަކު އަބަދު ރުޅި ގަދަވެ ކޮންޓްރޯލް ނައްޓައިގެން ދަނީ ކީއްވެތޯ ބަލާލުމަކީ ރަނގަޅު ކަމެކެވެ.

ރުޅިއައުމާއި ލޭގެ ޕްރެޝަރަކީ އަބަދުވެސް ގުޅުން ހުރި ކަމެއް ނޫން ނަމަވެސް ރުޅިވެރިކަމުގެ މައްސަލަތައް އިތުރުވަމުން ދާނަމަ ލޭގެ ޕްރެޝަރު (ހައިޕަޓެންޝަން) މައްޗަށް ދިއުމަކީ އެކަށީގެންވާ ކަމެކެވެ. އަދި އާންމު ގޮތެއްގައި ތިމާގެ ޕްރެޝަރު މައްޗަށް ދާ ނަމަ ސިއްހީ ގޮތުން ނުރައްކަލަކަށް ތިމާ ހުށަހެޅުމަކީ ދުރުގައި އޮތް ކަމެއް ވެސް ނޫނެވެ.

ލޭ މައްޗަށް ދިއުމުގެ ސަބަބުން މާބަނޑު ދުވަސްވަރު ސިއްހީ މައްސަލަަތަކާ ކުރިމަތިލާން ޖެހުނު ދެ ދަރިންގެ މަންމައެއްގެ ތަޖުރިބާ 'ދަ ޕްރެސް' އާ ހިއްސާ ކުރަމުން އޭނާ ބުނީ، ލޭ މައްޗަށް ދާ ވާހަކަ ޑޮކްޓަރު ބުނި ކަމުގައި ވިޔަސް އެއީ ކިހާވަރެއްގެ ކަމެއް ކަމެއް އޭރު ނޭނގޭ ކަމަށެވެ. ލޭ މައްޗަށް ދާ ކަން އެނގުނީ ބަނޑުބޮޑުވުމުން ކަަމަށާއި އޭރު އެއްވެސް އުނދަގޫތަކެއް ވެސް ފާހަގަ ނުކުރެވޭ ކަމަށެވެ.

"ފުރަތަމަ އެއްވެސް އަލާމާތެއް ވެސް ނުފެނޭ. އެހެންވެ އެހާ އަޅައެއް ވެސް ނުލަން. ހިތަށް އަރަނީ ޑޮކްޓަރަށް ދައްކަން ދާ އިރު، ހިނގާފަ ދާތީ ޕްރެޝަރު މަތިކޮށް ދައްކަނީއޭ. ނަމަވެސް ބަނޑަށް 6 މަސް ވީ އިރު އުނދަގޫތައް ފެންނަން ފަށައިފި، މާ ގިނައިން ހޮޑު ލެވި، މާ ބޮޑަށް މީހާ ދުޅަވެ ފޮއްސިވެފައި ހުންނަނީ، އާދަޔާ ހިލާފަށް ބޮލުގައި ރިއްސުމާއި، ލޯ ފުސްވުމާއި، ގައިގެ އެތަން މިތަނުގައި ރިއްސާތީ އަބަދު އުޅެން ޖެހުނު. އަދި އަތުގެ އިނގިލިތަކުގެ ކުރި އައްސިވުމާއި، ބައެއް ފަހަރު ހިފަހައްޓައިގެން ހުންނަ އެއްޗެއް އަތުން ދޫވާއިރު ވެސް ނޭނގޭ"
ދެ ދަރިންގެ މަންމައެއް

އޭނާއަށް އުނދަގޫތައް ފެންނަ ފެށީ ބަނޑަށް ހަ މަސްވީ ފަހުންނެވެ. އޭރު އާދަޔާ ހިލާފަށް ބޮލުގައި ރިއްސާ މާ ގިނައި ހޮޑުލެވޭ ކަމަށާއި ލޯ ފުސްވުމާއި، ގައިގެ އެތަން މިތަނުގައި ރިއްސާތީ އަބަދު އުޅެންޖެހުނެވެ. މީގެ އިތުރުން އަތުގެ އިނގިލިތަކުގެ ކުރި އައްސިވުމާއި މާ ބޮޑަށް ހިތް އަވަސްވެ މޭ ތެޅުން ފަދަ އުނދަގޫތައް ވެސް އޭނާ ތަހައްމަލު ކުރިއެވެ. ވިހެއުމާ ހަމައަށް ދިޔައިރު ވެސް މި އުނދަގޫތައް އޭނާއަށް ފާހަގަ ކުރެވުނެވެ. އަދި ޑޮކްޓަރުންގެ ލަފާއާ އެއްގޮތަށް ކެއުމާއި ކަސްރަތުކޮށް ހެދިކަމަށް ވެސް އޭނާ ބުނެއެވެ.

ވިހަން އޮތް ދުވަހު ބަނޑުގައި ރިއްސަން ފެށުމުން މާ ބޮޑަށް ލޭ މައްޗަށް ދިޔަ ކަަމަށާއި އަދި ދަރިފުޅުގެ ވިންދު ދަށް ވާން ފެށުމުން އެމަޖެންސީކޮށް ސިޒޭރިއަން ހަދަން ޖެހުނެވެ. ސިޒޭރިއަން ޕްރޮސީޖާ ކުރިއަށް ދިޔަ އިރު އޭނާ ފިޓްޖެހުނު ކަމަށާއި އެ ވަގުތު ތަނެއް ދޮރެއް ވަކި ނުވި ކަމަށް އޭނާ ބުނެއެވެ.

ލޭ މައްޗަށް ދާ މާބަނޑު މީޙަކު ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދެނީ / ފޮޓޯ ދަ ޕްރެސް
"އޮޕަރޭޝަން ކުރަމުން ދިޔަ ވަގުތު މޮނިޓަރުން ލޭގެ ޕްރެޝަރު ހުރި މިންވަރު އަޅުގަނޑަށް ފެނޭ. ވަރަށް މަތީގައި ހުރީ. 180/110 އަށް އެއަށް ވުރެ ވެސް މައްޗަށް އެރިތަން އަޅުގަނޑު ދެކުނިން. ދެން ނޭނގެ ވީ ގޮތެއް. ނަރުސްކުދިން އަޅުގަނޑަށް ގޮވާ ހެދި. ވާނުވާ ހަމަ އެއްގޮތަކަށް ވެސް ނޭނގޭ. ހޭވެރިކަން ވީ އިރު ކުއްޖާ މޫނުގައި ޖައްސާލި ކަން އިނގޭ. އެއްވެސް ވަރަކަށް ރެސްޕޮންޑެއް ވެސް ނުކުރެވުނު. ފަހުން އެނގުނީ ސީސެކްޝަން ހަދަމުން ދިޔަ ވަގުތު އަޅުގަނޑު ފިޓް ޖެހުނީ ކަން."
ދެ ދަރިންގެ މަންމައެއް

އޭގެ ފަހުން ދެވަނަ ދަރިފުޅަށް ބަނޑުބޮޑު ވުމާ ހަމައަށް ލޭގެ ޕްރެޝަރުގެ އެއްވެސް މައްސަލަކާ ކުރިމަތިލާން ނުޖެހުމުން އެ މައްސަލަ ކުރިމަތިވީ ބަނޑުބޮޑު ވެގެން ކަމަށް އޭނާ ނިންމިއެވެ. ނަމަވެސް ކުރިން ފަހަރާ ހިލާފަށް ދެވަނަ ފަހަރު ސިއްހީ ދެ މައްސަލައަކާ ކުރިމަތިލާން ޖެހުނެވެ. ލޭމައްޗަށް ދިއުމާއި ހަކުރު މައްޗަށް ދިއުމެވެ.

"ހަކުރު ދަށްކުރަން އިންސިއުލިން ވެސް ޖަހަން ފެށި. އޭރުވެސް ބައެއް ދުވަސްދުވަހު މާގިނައިން ހޮޑު ލެވުމާއި، މީހާ ދުޅަވުމާއި، ބޮލުގައި ރިހުމާއި އަތާއި ފައިގެ ހުދުހަން ކެހުން ކަހަލަ ކަންކަން ފެންނަމުން ދިޔަ. ބަނޑަށް 7 މަސް ފުރުނުތާ އެއް ދުވަހަކު މާ ސަކަރާތްވީމަ ޑޮކްޓަރަށް ދިޔައީ. ވަގުތުން އެޑްމިޓްކޮށް އޮބްޒަވޭޝަންގެ ބޭއްވި. އެމަޖެންސީގައި ވިއްސަން ޖެހިދާނެތީ ޑޮކްޓަރުން ކުއްޖާ ޑިވެލޮޕްމަންޓް އަވަސް ކުރަން އިންޖެކްޝަނެއް ވެސް ޖެހި. އޮބްޒަވޭޝަންގައި އޮތް އިރު ލޭ ދަށްކުރަން ބޭސް ދޭ އިރަށް ހަކުރު މާ މަތިވޭ، ހަކުރު ދަށް ކުރަން އިންސިއުލިން ޖެހީމަ ލޭ މާ މައްޗަށް ދޭ. އެއް މަސް ދުވަހު އެޑްމިޓްކޮށްފައި ބާއްވާފައި 8 މަސް ފުރުމުން އެމަޖެންސީގައި ދެން ސިޒޭރިއަން ހެދީ. ދަރިފުޅު ލިބުނު އިރު އިރާދަކުރެއްވީތީ އެއްވެސް މައްސަލައެއް ދިމައެއް ނުވޭ. ވަރަށް ބިރުވެސް ގަތް އެއީ ފުރަތަމަ ފަހަރު ސިޒޭރިއަން ހެދި އިރު ވީ ކަންކަން ހިތަށް އެރީމަ." ދެވަނަ ދަރިފުޅު ލިބުނު އިރު ކުރި ތަޖުރިބާ އެނާ ކިޔާދިނެވެ.

މާބަނޑު ދުވަސްވަރު ފައިތިލަ ދުޅަވެފައި / ފޮޓޯ: ދަ ޕްރެސް
މާބަނޑު މީހަކު ރަމްޒުކޮށްދިނުމަށް ބޭނުންކޮށްފައިވާ ތަސްވީރެއް/ފޮޓޯ: ސަރީ ލީޑާ"ބުނާނެ ކޮންމެ ކަމެއް ވާއިރަށް ލޭ މައްޗަށް ދިއުން އެއީ އުޒުރަކަށް ހަދަނީއޭ. އެހެން މީހުން ބުނާތީ ވަރަށް ދެރަވޭ. ހިތަށް އެރި މިއީ ކީއްވެ ޖެހުނު ބައްޔެއް ހެއްޔޭވެސް. އެހެންވެ އަސްލު ބޭސް ކެއުން އެކަނި އެއީ ހައްލެއް ކަމަށް ނުބަލާ ޑޮކްޓަރުގެ ލަފާއާ އެކީ ބޭސް ހުއްޓާލަން މަސައްކަތް ކުރަން ދިރިއުޅުމުގެ ގިނަ ކަންކަމަށް ބަދަލުތަކެއް ގެންނަން ފެށީ. ކަސްރަތު ކުރުމާއި، ރަނގަޅު ކާނާ ކާން ފެށީ."
ލޭ މައްޗަށް ދިޔަ މީހަކު

ދެވަނަ ދަރިފުޅަށް ފަހުވެސް ލޭމައްޗަށް ދިއުމަކީ އާންމު ކަމަކަށް ވިއެވެ. ބޭސްކައިގެން އުޅެމުން ދިޔަ ނަމަވެސް މާ ބޮޑު ލުޔެއް ނުފެނުނެވެ. ފަސޭހައިން ރުޅި ގަދަވުމާއި، އެފަދަ ކަންކަމުގައި އާއިލާ މީހުންނާއި ރައްޓެހިން ވެސް ޕްރެޝަރު މައްޗަށް ދިއުން އުޒުރެއްގެ ގޮތުގައި ދައްކާ ރުޅި އަންނަ ކޮންމެ ފަހަރަަކު ބަހަނާ ދައްކަނީ ކަަމަށް ބުނެ އޭނާ ދެރަކޮށްލާ ކަމަށް އޭނާ ބުނެއެވެ.

ލޭ މައްޗަށް ދާން ފެށި ދުވަހުން ފެށިގެން މިއަދާ ހަމައަށް އޭނާއަށް ތަފާތު އިހްސާސްތަކެއް ކުރި ކަމަށް އޭނާ ބުނެއެވެ. ކައިރީގައި އުޅުނު އެތައް ބައެއްގެ ނުރުހުމާ ވެސް ކުރިމަތިލާން ޖެހުމުން ނަފްސާނީ ގޮތުން ވެސް އުންދަގޫތަކާ ކުރިމަތިލާން ޖެހުނެވެ. އެހެންކަމުން ބަލިން އަރައިގަތުމަށް ދިރިއުޅުމުގެ ގިނަ ނުރަނގަޅު އާދަތައްކުން ދުރުވާން އޭނާ މަސައްކަތް ކުރިއެވެ. ގަވާއިދުން ކަސްތަރު ކުރުމާއި ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް އިސްކަންދީ ކެއުން ބުއިމަށް ވެސް ބޮޑެތި ބަދަލުތަކެއް ގެނައެވެ. އެގޮތަށް އޭނާ ކަން ކުރަން ފެށިތާ ހަތް މަސް ދުވަސްތެރޭ، ލޭގެ ޕްރެޝަރު ނޯމަލް ވެ، ބޭސްކެއުން ވެސް އޭނާ މިހާރު ވަނީ ހުއްޓާލާފައެވެ.

ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ތައްޔާރު ކޮށްފައިވާ މެންދުރުގެ ކެއުން / ފޮޓޯ: ދަ ޕްރެސް

މި ބައްޔަކީ މާ ބޮޑު ބައްޔެއް ކަމަށް ހީ ނުކުރާ އެތައް ބަޔަކު އުޅޭ އިރު، ބައެއް ފަރާތްތަކަށް މި ބަލީގެ ނުރައްކާ އެނގޭ އިރު އޮންނަނީ ވަގުތު ފާއިތުވެފައެވެ. އެހެންކަމުން ލޭގެ ޕްރެޝަރު ޗެކްކޮށްލައި މާ މަތިން އެ އަދަދުތައް ދައްކާ ނަމަ ޑޮކްޓަރެއްގެ ލަފާ ހޯދަން ލަސް ނުކުރާށެވެ. އެގޮތުން ދުންފަތުގެ އިސްތިއުމާލު ކުރުމާއި، ޖިސްމާނީ ހަރަކާތްތެރިކަން ކުޑަވުމާއި، ދުޅަހެޔޮ ނޫން ކާނާ ކެއުމާއި، ބަނގުރާ ބޭނުންކުރުން މިއީ މި ބައްޔަށް މަގުފަހިވާ ކަން ކަމެވެ. އެހެންކަމުން މިފަދަ އަމަލްތަކުން ދުރުވުމަކީ ވެސް މީހާ ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ކުރެވިދާނެ ކަންކަމެވެ.