ދުނިޔޭގައި ފާހަގަ ކުރާ ހައިޕަޓެންޝަން ޑޭ ނުވަތަ ލޭ މައްޗަށް ދާ ދުވަހު ދިވެހިންގެ ހާލަކީ ކޮބައިތޯ ބަލާލަން ޖެހެއެވެ. ރެކޯޑް ކުރެވިފައި ހުރި އަދަދުތަކުން ފެންނަ ގޮތުގައި ރާއްޖޭގެ އާބާދީގެ ތެރެއިން މަރުވާ ކޮންމެ 10 މީހަކުން އެކަކީ ލޭމައްޗަށް ދިޔުމުގެ ނުރައްކަލުގެ ސަބަބުން މަރުވާ މީހެކެވެ.
ދިވެހިންގެ އުޅުމާއި ގުޅުމާއި އުޅެންޖެހިފައި ވާ ހަލަބޮލި ދިރިއުޅުމަކީ ލޭމައްޗަށް ދިޔުމަށް މަގުފަހިވާ ކަމަކަށް ވާއިރު، ސަރުކާރުގެ ސިޔާސަތުތަކާއި އުސޫލުތަކަށް ގެންނަ ބަދަލު ތަކަކީވެސް މި ފެކްޓާ [ލޭ މައްޗަށް ދިޔުމަށް] މަގުފަހިވާ ކަންކަމެވެ.
ލިބޭ އާމްދަނީ އާއި ދިރިއުޅުމުގެ ހަރަދާ ބައްދަލު ނުވެ ދިޔުމާއި އިންޓަރެސްޓް ރޭޓާއެކު ތަކެތީގެ އަގުތައް އުފުލި، ކުއްޔާއި ކަރަންޓާއި ފެނާއި އަސާސީ އެހެނިހެން ކަންކަމުގެ އަގުތައް މައްޗަށް ދިޔުމަކީވެސް ހައްތަހާވެސް ފެކްޓާ ތަކެވެ.
ސްކޫލް މަދަރުސާތަކުގައި ދަރިވަރުންނަށް ދިމާވާ ކަންކަމާއި ދެދުވަހުން އެއް ދުވަހު ކޮންމެވެސް އެއްޗެއް ގަންނަން ޖެހުމަކީވެސް މީގެ ތެރޭގައި ހިމެނޭ ކަމެކެވެ.
ދަތުރުފަތުރުގެ އަގު ބޮޑުވުމާއި އެއްފުރާޅެއްގެ ދަށުން ހިދުމަތްތައް ލިބެން ނުހުރުމުގެ އިތުރުން، ބޭންކަށް ވަދެ އޭޓީއެމްއަށް ކާޑު ޖަހާ ބަލާލާއިރު ބެލެންސް ނެތުމަކީވެސް ފެކްޓާތަކެވެ.
މިހުރިހާ ކަމެއްގެ އިތުރުން، ތިމާގެ ދިރިއުޅުމުގެ ކަންކަމުގެ ތެރެއިން އާއިލީ މައްސަލަތަކާއި އިނދެގެން އުޅުނަސް ނީދެ އުޅުމާއި، ގޮތް ދެއްކުމަށާއި އަދި ޒަރޫރީ ކަންކަން ފުއްދުމަށް ލޯނެއް ކުޑަ ނަމަވެސް ލޯނެއް ބޮލުގައި އަޅަން ޖެހިފައި ވުމަކީވެސް ލޭމައްޗަށް ދާން ދިމާވާ ކަންކަމެވެ.
ސިއްހީ ނަޒަރަކުން ބަލާއިރު، ލޭ މައްޗަށް ދިޔުމަކީ ލޭގެ ޕްރެޝަރު ހުންނަން ވާ މިންގަނޑަށް ވުރެ މައްޗަށް ދިޔުމެވެ. އާންމު މީހެއްގެ ލޭގެ ޕްރެޝަރު ހުންނަން ޖެހޭ މިންގަނޑުތަކަކީ، 120/80 mmHg (މިލިމީޓާސް އޮފް މާކިއުރީ) އެވެ. މިތަނުން [120] ހިމެނޭ ބޭންޑަކީ ހިތް ތެޅޭ އިރު ނުވަތަ ލޭ ފޮނުވާލާ އިރު ލޭނާރުތަކުގައި ޕްރެޝަރު ހުންނަ މިންވަރެވެ. [80] ހިމެނޭ ބޭންޑަކީ ހިތް ތެޅޭއިރު ދެ [ބީޓް] ދެމެދުގައި ރެސްޓް [ހުއްޓޭ] ވަގުތު ކޮޅުގެ ޕްރެޝަރެވެ.
މި މިންގަނޑަކީ އާންމު މިންގަނޑު ނަމަވެސް އެކި ސިއްހީ މާހިރުން މިންކުރާ ގޮތް ކުޑަކޮށް ތާފާތުވެއެވެ. މިކަމުގައި މުހިންމީ އާންމު މިންގަނޑުގެ ތެރޭގައި ހިފެހެއްޓޭތޯ ބެލުން ކަމަށް ވާ އިރު، މިންގަނޑު ކަސިޔާރު ވެ ދިޔަނުދިނުމަށް ކުރަންވީ ކަމަކީ ކޮބައިކަން އެނގުންވެސް މުހިންމެވެ.
ތަފާސްހިސާބަށް ބަލާއިރު، ލޭމައްޗަށް ދިޔުމުގެ ރޭންކުގައި ރާއްޖެ އޮތީ 151 ވަނައިގައެވެ. އެއީ ކޮންމެ 100،000 މީހަކުން 6.22 މީހުން މަރުވަނީ ލޭމައްޗަށް ދިޔުމުގައި ކަމަށް ބަލައިގެން ޑްބްލިއުއެޗްއޯއިން ހަދާފައި ހުރި ހިސާބުތަކެވެ. ރާއްޖޭގެ އާބާދީގެ ތެރެއިން އުމުރުން 15-64 އަހަރާ ދެމެދުގަައި ލޭމަތިކަން އެނގޭ 50،000 މީހުން އެބަތިއްބެވެ. އޭގެ ތެރެއިން 42،000 މީހުންނަކީ ކޮންޓްރޯލުން ނެއްޓިފައި ނުވަތަ ހުންނަންވާ މިންގަނޑަށް ވުރެ ލޭމަތި މީހުންނެވެ.
އުމުރުފުރާ ޗާޓް؛
- 15-24 އަހަރާ ދެމެދު – 6.8 ޕަސެންޓް
- 25-34 އަހަރާ ދެމެދު – 9.4 ޕަސެންޓް
- 35-44 އަހަރާ ދެމެދު – 22.4 ޕަސެންޓް
- 45-54 އަހަރާ ދެމެދު – 49.1 ޕަސެންޓް
- 55-64 އަހަރާ ދެމެދު – 66 ޕަސެންޓް
މި މިންގަނޑު މިހެން ހުރި އިރު 2025 އަށް އަމާޒު ހިފާފައި ވާ ގޮތަށް ބަލާއިރު ފެންނަނީ ލޭމައްޗައްދާ ފިރިހެނުންގެ ނިސްބަތް 20 ޕަސެންޓުގައި ހިފަހައްޓާއި އަންހެނުންގެ ނިސްބަތް 20 ޕަސެންޓަށް ވުރެ ދަށް ކުރުމުގެ އަމާޒެކެވެ. ނަމަވެސް އެކަން ބަދަލުވާނެ ކަމަށް ނުފެންނަ ކަމުގައި ބަލައި ޑަބްލިއު އެޗްއޯއިން އަންދާޒާ ކޮށްފައި ވަނީ 2025 ނިމޭ އިރުވެސް އަންހެނުންނާއި ފިރިހެނުންގެ ނިސްބަތް 20 ޕަސެންޓުން މަތީގައި ހިފެހެއްޓިފައި ހުންނާނެ ކަމަށެވެ.
ދިވެހިންނަށް އުޅެންޖެހިފައި ވާ ގޮތުން ލޭމައްޗަށް ދިޔުމުގެ ފުރުސަތު ބޮޑުވެފައި ވީ ނަމަވެސް، ގެންނަ ކުޑަކުޑަ ބަދަލަކުން ބޮޑުތަނުން ރަނގަޅު ކޮށްލެވިދާނެއެވެ. އެގޮތުން ކުރެވިދާނެ ބައެއް ކަންކަމަކީ؛
ލޮނު މަޑުކޮށް ނުވަތަ ލޮނު ނުލައި ކާން އާދަކުރުން
- ދިވެހިންގެ އާންމު ކެއުމުގެ ކޮންމެ ބާވަތެއް ތައްޔާރު ކުރާ އިރު 'ލޮނުކޮޅެއް' އަޅާ އެޅުން ހުއްޓާލައި، ލޮނުކަމެއް ހުރިއްޔާ ދެފަހަރަކު ކާލުމުން އާދަވެ ފަރިތަވާނެއެވެ. މިސާލަކަށް، މަހަކީ އޭގެ ޒާތުގައިވެސް ލޮނު ހުންނަ އެއްޗަކަށް ވާ އިރު، މަސް ކައްކަން ލޮނު ނުލާށެވެ. ކޮންމެ އެއްޗަކަށް ލޮނުލާން ވެއްޖެ ނަމަ 3 އިރުގެ ކެއުން ފުރިހަމަ ވާ އިރު ހަށިގަނޑަށް ބޭނުންވާ މިންވަރަށް ވުރެ ލޮނު ހުންނާނީ އިތުރުވެފައެވެ. ނުވަތަ ދާނީ އިތުރުވަމުންނެވެ.
ސިއްހަތަށް ފައިދާ ހުރި ކާނާއެއް ކެއުން
- ސިއްހަތަށް ފައިދާ ހުރި ކާނާ ހޯދުމަކީ އެހާ އުނދަގޫ ކަމެއް ނޫނެވެ. ތަރުކާރީ އާއި މޭވާއާއި ފަތުގެ ބާވަތްތަކާއި، ފަލަމަޑިއާއި އެޒާތުގެ އެއްޗެހި ކާން އާދަކޮށް ހަވާދާއި ތެޔޮ އެއްޗެހިތައް ކެއުން ހުއްޓާލާށެވެ.
ބަރުދަން އިތުރުވިޔަ ނުދީ ހިފެހެއްޓުން
- މާ ގިނައިން ކެއުމާއި މާގިނައިން ފޮނި ކާއެއްޗެއްސާއި ފަނިތައް ބޮއެ ހެދުމުން ނޭނގި ހުއްޓާ ސަރުބީ ޖަހާ، މީހާ ފަލަވަމުން ގޮސް ބަރުދަން އިތުރުވެއެވެ. އެހެންކަމުން ކާ ގަޑިތަކުގައި މަދުން ކެއުމަށް އާދަ ކުރާށެވެ. މަދުން ކާން ފަށާ އިރު އަވަހަށް ބަނޑުހައި ވާން ފަށައިފިނަމަ ނަޓްކޮޅެއް ކަހަލަ އެއްޗެއް ކާލައި ފެންބޯށެވެ.
ހެލިފެލިވެ ކަސްތަރު ކޮށްލައި އުޅުން
- ކޮންމެ ތާކަށް ދާން، ސައިކަލު، ކާރު ބޭނުން ނުކޮށް ހިނގާލާފައި ދާށެވެ. ކޮންމެ ދުވަހަކު މަދުވެގެން 30-45 މިނެޓާ ދެމެދު ދާހިއްލާލާވަރަށް ހިނގާލިޔަސް ހަމަޖެހެމުން ދާނެއެވެ.
ދުންފަތުގެ އިސްތިއުމާލު ކުރުމާއި ދުފުން ފަދަ ކަންކަން ހުއްޓާލުން
- ދުންފަތާއި ދުފުމަކީ ދިވެހިންގެ މާ ބޮޑު އާދައެއް ނަމަވެސް އެއީ ކުރަން ރަނގަޅު ކަމެއް ނޫނެވެ. ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓާލަން ދޭތެރެ ދުރުކޮށް، ދުފުން ހުއްޓާލަން ކަރަންފުލެއް ފަދަ އެއްޗަކުން ފަށާށެވެ.
ރޭގަނޑުދާ ހަތަރުދަމު ހޭލައި ނުހުރެ އަވަހަށް ނިދާ، ފަތިހު ހޭލަން އާދަކުރުން
- ހޮޓާ ރެސްޓޯރަންޓްތައް ބަންދު ކުރަންދެން އެތަންތާނގައި ނުތިބެ ނުވަތަ ނެޓްފްލިކްސް އާއި ސްޓާޕްލަސް އަޅުވައިގެން ރޭގަނޑު ހަތަރުދަމު ނީނދެ 12 ނުޖަހަނީސް ނިދަން އާދަ ކުރާށެވެ. ރޭގަނޑަކީ ނިދުމަށް ހާއްސަ ވަގުތު ކަމުން ރަނގަޅީ އިޝާއަށް ފަހު ދެން ކަމެއް ނެތިއްޔާ އަވަށް ނިދާފައި ފަތިހު ހޭލުމެވެ.
ލޭމައްޗަށް ދިޔުމަކީ ތަފާތު ގިނަ ބަލިތަކަށް ވާރުތަކުރާ ކަމަކަށް ވާ އިރު، ފުރިހަމަ ސިއްހަތެއްގައި ހުރުމަށްޓަކައި މަތީގައި ފާހަގަ ކުރި ކަންކަން 24 ގަޑި އިރަށް ބަދަލު ކޮށްލައިގެން އަޖުމަ ބަލާލާށެވެ. ނޭވާލާން ފަސޭހަވެ ހަށިގަނޑަށް ލުއިވާ ކަމުގެ އިހުސާސް ކުރެވޭނެއެވެ.