އިންސާނާގެ ހަށިގަނޑުގައި ހިނގާ ލޭ ހަށިގަނޑުގެ އެކި ގުނަވަންތަކަށް ފޮނުވައި ދިނުމުގައި ނުވަތަ ލޭ ހިނގުމުގައި ވަކި މިންވަރެއްގައި އަބަދުވެސް ހިނގަހިނގާ ހުންނަން ޖެހެއެވެ. ހަށިގަނޑުގައި ލޭ ހިނގުމުގެ މިންގަނޑު ނުވަތަ ލޭގެ ޕްރެޝަރު ހުންނަން ޖެހޭ މިންވަރަށް ވުރެ މަތިކޮށް ހުންނަ ނަމަ އެއީ ލޭ މައްޗަށް ދިއުން ކަމުގައި ބެލެވެއެވެ.
ހަށިގަނޑުގައި ލޭގެ ޕްރެޝަރު ހުންނަން ޖެހޭ މިންގަނޑުގައި ހުރުމަކީ ސިއްހަތު ސަލާމަތުން ހުރުމަށްޓަކައި ކޮންމެހެން ބޭނުން ކަމެކެވެ. ލޭގެ ޕްރެޝަރު ހުންނަން ޖެހޭ މިންވަރަށް ވުރެ މައްޗަށް ދާ ނަމަ އެއީ ސިއްހީ ގިނަ މައްސަލަަތަކަށް ތިމާ ހުށަހެޅިގެން ހިނގައިދާނެ ކަމެކެވެ. ނަމަވެސް މި ބައްޔަކީ އެހާ ސީރިއަސް ބައްޔެއްގެ ގޮތުގައި ގިނަ ބަޔަކު ގަބޫލު ނުކުރާ އިރު، ދިމާވާ އެހެނިހެން ސިއްހީ މައްސަލަތަކުގެ ފަހަތުގައި އޮންނަނީ ލޭ މައްޗަށް ދިއުން ކަމަކީ ވެދާނެ ކަމެކެވެ.
ލޭ މައްޗަށް ދިއުމަކީ ފަރުވާ ނުދެވިއްޖެ ނަމަ ފުރާނަ ނުރައްކަލަކަށް ހުށަހެޅިދާނެ ބައްޔެކެވެ. މި ބަލި ތަހައްމަލު ކުރާ މީހުން ރާއްޖޭގައި ގިނަ ވަމުން އަންނަ އިރު ޒުވާނުން ގިނަވާ ކަމަކީ ކަންބޮޑުވާން ޖެހޭ މައްސަލައެވެ. 'ދަ ޕްރެސް' އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި މި ބަލީގައި ދިމާވާ މައްސަލަތައް ހިއްސާ ކުރައްވަމުން އައިޖީއެމްއެޗްގެ އެތެރެހަށީގެ ޑޮކްޓަރު، ޑރ. މުހައްމަދު އަލީ ވިދާޅުވީ، ލޭގެ ޕްރެޝަރު މައްޗަށް ދިއުމުގެ ސަބަބުން ލޯ އަނދިރިވުން، ސްޓްރޯކް ޖެހުން، ހާޓް އެޓޭކް ޖެހުން، ކިޑްނީ ފެއިލް ވުން ފަދަ މައްސަލަތައް ދިމާވާ ކަަމަށެވެ.
ސްޓްރޯކް ޖެހުމާއި ލޯ އަނދިރިވާން މެދުވެރިވާ ސަަބަބު އިތުރަށް ތަފްސީލް ކޮށް ދެއްވަމުން އޭނާ ވިދާޅުވީ، ހަށިގަނޑުގައި ހުންނަ ހިމަ ލޭ ނާރުތައް، ހާއްސަކޮށް ސިކުނޑިއަށް ލޭ ދައުރު ކުރާ ލޭ ނާރާއި، ލޮލަށް ލޭ ދައުރު ކުރާ ނާރުތައް ލޭގެ ޕްރެޝަރު މައްޗަށް ދިއުމުގެ ސަބަބުން ފަޅައިގެން ދިއުމުން އެފަދަ ސިއްހީ މައްސަލަތަކާ ކުރިމަތިލާން ޖެހޭ ފަހަރުތައް އަންނަ ކަމަށެވެ. ހަމައެފަދައިން ހިތުގެ ލޭ ނާރުތައް ވެސް ފަސޭހައިން ސަރުބީ ޖަހާ ނާރުތައް ބެދޭ ގޮތް މެދުވެރިވާ ކަމަށާއި މި ފަދަ ހާލަތްތަކުގައި ހިތުގެ މަސައްކަތަށް ލޯޑް ބޮޑުވެ ހާޓް އެޓޭކް ޖެހޭ ފަހަރުތައް ވެސް އާދެއެވެ.
ހަމައެއާއެކު ހިމަ ލޭ ނާރުތައް ގުޅި ފައިވާ ކިޑްނީގެ ފަންކްޝަން ވެސް ދަށް ކޮށްދޭ ކަމަށާއި ކިޑްނީ ވެސް ފެއިލްވާ މައްސަލަތައް ދިމާވާ ކަމަށް ޑރ. މުހައްމަދު ފާހަ ކުރެއްވިއެވެ. މީގެ އިތުރުން އަތާއި ފަޔާ ގުޅިފައިވާ ލޭ ނާރުތަކަށް ލޭ ދައުރުވުމުގެ މައްސަލަ ޖެހުމުން ބައެއް ފަހަރު އަތާއި ފައިވެސް ބުރިކޮށްލަން ޖެހޭ ފަދަ ކަންކަން ދިމާވުމަކީ ވެސް ލޭ މައްޗަށް ދިއުމުގެ ސަބަބުން ކުރިމަތިލާން ޖެހޭ މައްސަލަަތައް ކަމަށް އޭނާ ވިދާޅުވިއެވެ.
ސްޓްރޯކް ޖެހުމުން ފާހަގަކުރެވިދާނެ ބައެއް ކަންތައްތައް
- ކުއްލިއަކަށް ހަށިގަނޑުގެ އެއް ފަރާތުގެ އަތް، ފައި، އަދި މޫނު އައްސިވެ، ވަރުދެރަވުން
- ކުއްލިއަކަށް ލޮލުގެ ފެނުން ދަށްވުން (އެއްލޯ ނުވަތަ ދެލޮލުގެ ފެނުން ދަށްވުން)
- ހަށިގަނޑުގެ އެއްފަޅީގެ ވާގިނެތުން
- ކުއްލިއަކަށް ބޯއަނބުރާ، ބޮލުގައި ރިހި، މޭނުބައިކޮށް ހޮނޑުލެވުން
- ވާހަކަ ދައްކަން އުދަނގޫވުން އަދި ލިޔަން އުދަނގޫވުން
- ކާތަކެތި ދިރުވަން އުދަނގޫވުން
- ހިނގުމަށް އުދަނގޫވުން
- މަދު ވަގުތުކޮޅަކަށް ހޭވެރިކަން ގެއްލުން
- ކުއްލިއަކަށް ކަމަކާމެދު ވިސްނުން އަރާރުންވެ ގޮތެއް ނިންމަން އުދަނގޫވުން
- ކުޑަކަމުދިއުމަށް ދަތިވެ އުދަނގޫވުން
ލޭ މައްޗަށް ދަނީ ހަމައެކަނި ތިމާގެ ލައިފްސްޓައިލް ބަހައްޓާ ގޮތުން އެކަންޏެއް ނޫނެވެ. އާންމުކޮށް ބޭނުން ކުރާ ބޭހެއްގެ ސަބަބުން ވެސް ލޭމައްޗަށް ދިއުމަށް މަގުފަހިވެއެވެ. އެ ގޮތުން ޕެއިން ކިލާސް ފަދަ ބޭސްތަކާއި ގިނަ ދުވަހު ސްޓެރޮއިޑް ފަދަ ބޭހެއް ބޭނުން ކުރާ ނަމަ ލޭ މައްޗަށް ދިއުމަކީ އެކަށީގެން ވާ ކަމެއް ކަމަށް ޑރ. ވިދާޅުވިއެވެ.
މީގެ އިތުރުން ވެސް ދިރިއުޅުމުގައި ދިމާވާ އެކިއެކި ފިއްތުންތަކުގެ ސަބަބުން ހާސްވެ ކަންބޮޑުވެ، ފިކުރުކޮށް ވިސްނައި ހަދާނަމަ ލޭ މައްޗަށް ދިއުމަކީ ވަރަށް ގާތްކަމެއް ކަމަށް ސިއްހީ މާހިރުން ލަފާދެއެވެ. ނަމަވެސް ފިކުރު ބޮޑުވެ ކަންބޮޑުވެ ހާސްވުމަކީ ލޭގެ ޕްރެޝަރު މައްޗަށް ގޮސް، ދާއިމީ ގޮތެއްގައި އެކަން ހުންނާނެ ކަމެކޭ ބުނެވޭކަން ނެތެވެ. އެގޮތުން މާބޮޑަށް ފިކުރު ބޮޑުވުމަކީ ލޭގެ ޕްރެޝަރު ކުއްލިއަކަށް މައްޗަށްދާ ގޮތް ދިމާވެއެވެ. އަދި ފިކުރު ބޮޑުވުމާ ގުޅިގެން ލޭގެ ޕްރެޝަރު އަވަސް އަވަހަށް މައްޗަށްދާ ނަމަ، ދާއިމީ ގޮތެއްގައި ލޭގެ ޕްރެޝަރު މަތީގައި ހުންނަ ގޮތް ދިމާވެއެވެ. މިކަމުގެ ސަބަބުން ލޭހޮޅިތަކާ، ހިތާ، ގުރުދާއަށް ގެއްލުން ލިބެމުން ދާނެ ކަމަށް ސިއްހީ މާހިރުން ބުނެއެވެ.
ލޭ މައްޗަށް ދިއުމުގެ ފުރުސަތު ބޮޑު މީހުންގެ ތެރޭގައި އާއިލާގައި ލޭ މައްޗަށް ދިއުން ހުންނަ މެންބަރުން ހިމެނޭ ނަމަ ޓެސްޓު ކޮށްލުމަކީ މުހިއްމު ކަމެކެވެ. މާބަނޑު މީހުންނާއި، ދޭތެރެ ދުރު ކުރާ ބޭސް ބޭނުންކުރާ އަންހެނުންނާއި، އުމުރުން 35 އަހަރަށްވުރެ ދޮށީ މީހުންނާއި، އާދަޔާ ހިލާފަށް ފަލަ މީހުންނަކީ ވެސް މި ބަލި ފެނުން ގާތް މީހުންނެވެ.
މީގެ އިތުރުން އާންމުކޮށް ހެލިފެލިވެ ހަރަކާތްތެރިވެ ނޫޅުމާއި، ތެޔޮ އަދި ލޮނު އެއްޗެހި ކެއުމުގައި މާގިނައިން ބޭނުން ކުރުމާއި، އާދަކޮށް ބަނގުރާ ބުއިމާއި ދުންފަތުގެ އިސްތިއުމާލު ކުރުމަކީ ވެސް މި ބަލި ފެންނަ މީހުން ތެރެއިިން ބައެއް މީހުން ކުރާ ކަންކަމެވެ. ލޭ މައްޗަށް ދިއުމުން ރަނގަޅުވުމަށް ނުވަތަ މި ފަދަ ބައްޔަކަށް އަމިއްލަ ނަފްސު ހުށަހެޅިދާނެތީ ރައްކާތެރިވުމަށް މި ނޭދެވޭ އާދަތައް ދޫކޮށްލުމަކީ މުހިއްމު ކަމެކެވެ.