ރައްޔިތުންގެ މަޖިލީހުގެ ނައިބުރައީސް ކަން މުހިންމު ނޫން ކަމަށާއި މަގާމު ދިފާއު ކުރައްވަން ނޫޅުއްވާ ކަމަށް ވިދާޅުވެ އިސްތިއުފާ ނުދެއްވާނެ ކަމަށް އެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވިދާޅުވެއްޖެއެވެ.

މަގާމުން އިސްތިއުފާ ނުދެއްވާނެ ކަމަށް އީވާ ވިދާޅުވީ މިއަދު ރައީސް ނަޝީދު ފެކްޝަން "ފިކުރެއްގެ ދިރުން" އަށް ނިސްބަތްވާ މަޖިލީހުގެ މެންބަރުން އިއްތިއުފާ ދެއްވުމާއި އެ ފިކުރުގެ ފަރާތުން އާ ސިޔާސީ ޕާޓީއެއް އުފައްދަން އިއުލާން ކުރި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

އީވާ ވިދާޅުވީ ޕާޓީއިން ވަކިވި ނަމަވެސް އަމިއްލައަށް ނައިބު ރައީސްގެ މަގާމުން އިސްތިއުފާ ނުދެއްވާނެ ކަމަށެވެ. އަދި މަގާމު ދިފާއު ކުރުމަށްޓަކައި ސިޔާސީ ބޮޑު ކަސްތޮޅެއްގައި ވެސް ޖެހިވަޑައިނުގަންނަވާނެ ކަމަށެވެ.

"އަޅުގަނޑު އިސްތިއުފާއެއް ނުދޭނަން، އަޅުގަނޑު މި ދަންނަވާ ވާހަކައަކީ އަޅުގަނޑުގެ މަގާމު ދިފާއު ކުރާކަށް އަޅުގަނޑު ސިޔާސީ ބޮޑު ކަސްތޮޅެއްގައެއް ނޭޅޭނަން"
އީވާ

ޕާޓީއިން ވަކިވެވަޑައިގެންފިކަން އިއުލާން ކުރެއްވާ އީވާ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ހަޔާތެއް ވޭތު ކުރެއްވީ އެމްޑީޕީގައި ހެޔޮވެރިކަން، އިންސާނީ ގަދަރު އަދި ކަރަޕްޝަން ނައްތައިލުމަށް ވަކާލާތު ކުރެއްވުމުގައި ކަމަށެވެ. ނަމަވެސް މިއަދު އެމްޑީޕީ އަކީ އެ އަސާސްތަކުގެ ޕާޓީއެއް ނޫން ކަމަށެވެ. އެހެނަސް އެ އަސާސްތަކާއި ވަކާލާތުކުރުން ދޫކޮށްލައްވަން ތައްޔާރު ނޫން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މަގާމުން އިސްތިއުފާ ނުދެއްވާނެ ކަމަށް އީވާ ވިދާޅުވި އިރު އޭނާ މަގާމުން ވަކި ކުރުމުގެ މަސައްކަތް އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕުން ވަނީ ފަށާފައެވެ. އީވާ މަގާމުން ވަކި ކުރުމުގެ މަސައްކަތް ފެށީ އޭނާ ޕާޓީއިން އިސްތިއުފާ ދެއްވައި ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަންގެ މަސައްކަތްތަކަށް ވަޑައިގަތުމުންނެވެ. އީވާ ގެންދަވަނީ ފާޅުކަން ބޮޑު ގޮތެއްގައި ސަރުކާރަށް ތާއީދު ނުކުރައްވާކަން ހާމަ ކުރައްވައި، ސަރުކާރަށް ފާޑު ވިދާޅުވަމުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް ނުވަތަ ނައިބު ރައީސްގެ އިތުބާރު ނެތް ކަމަށް ރައްޔިތުން މަޖިލީހުގެ ދެބައިކުޅަ އެއްބައި މެންބަރުންގެ ވޯޓުން ފާސްވާނެ ކަމަށް ގާނޫނު އަސާސީގައި ވާއިރު އެއީ 43 މެންބަރުންގެ ވޯޓެވެ.

ނަޝީދު ފެކްޝަންގެ 12 ބޭފުޅުން ނުލައި އަދިވެސް ބޭނުންވާ މެޖޯރިޓީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފެކްޝަނަށް އެބައޮތެވެ.