ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވައި އެމްޑީޕީގެ ސިޔާސަތުތަކާ ދެކޮޅަށް ހިންގަވާ 'ފިކުރެއްގެ ދިރުން' ފެކްޝަނުން އާ ސިޔާސީ ޕާޓީއެއް ހަދަން ނިންމައިފިއެވެ.
ފިކުރެއްގެ ދިރުން ފެކްޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިއަދު އެޕާޓީން ވަކިވެވަޑައިގެންނެވި މަޖިލީހުގެ 12 މެންބަރުންނާއި އެސްޓީއޯގެ ކުރީގެ އެމްޑީ ހުސައިން އަމްރުގެ އިތުރުން ރައީސް އޮފީހުގެ މިނިސްޓަރު ކުރިން ބާރަށު ދާއިރާގެ މެންބަރު އަދި އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒް ބައިވެރިވެވަޑައިގެންފައެވެ.
އާ ޕާޓީ އުފައްދަން ނިންމާފައި ވާކަން ހާމަ ކުރައްވާ އެ ފެކްޝަނުން ބުނީ އަންނަ ހަފުތާގައި ރަޖިސްޓްރީ ކުރަން އީސީ އަށް ހުށަހަޅަން ނިންމާފައިވާ ކަމަށެވެ. ނަމަވެސް އެ ޕާޓީއަށް ކިޔާނެ ނަމެއް އެ ޕްރެސް ކޮންފެރަންސްގައި އެ ފެކްޝަނުން ހާމައެއް ނުކުރެއެވެ.
ފިކުރެއްގެ ދިރުން ފެކްޝަންގައި ހިމެނިވަޑައިގަންނަވާ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވިދާޅުވީ، ގައުމުގެ މުސްތަގުބަލު ބައްޓަން ކުރުމުގައި މަސައްކަތް ކުރުމަށް 'ފިކުރެއްގެ ދިރުން' ފެކްޝަންގައި ތިއްބެވި މެންބަރުންނަކީ އެތައް މަސައްކަތެއް އެމްޑީއަށް ކޮށްދެއްވާފައިވާ މެންބަރުން ކަަމަށެވެ. އެގޮތުން ދެ ފަހަރު މަތިން އެމްޑީޕީއަށް ވެރިކަން ހޯދައިދޭން ވެސް އެތައް މަސައްކަތްތަކެއް ކުރެއްވި ކަމަަށް އީވާ ވިދާޅުވެއެވެ.
އެމްޑީޕީއަށް އެތައް މަސައްކަތެކެއް ކޮށްދިން މެންބަރުންތަކެއް އެ ޕާޓީން ވަކިވީ ވަރަށް ހިތާމައާއެކުގައި ކަމަށާއި ނަމަވެސް އާ ޕާޓީއެއް އުފެއްދުމަށް މަސައްކަތް ފަށާފައި ވަނީ އާ އުންމީދަކާ އެކުގައި ކަމަށް އީވާ ވިދާޅުވިއެވެ. ރާއްޖޭގެ މުސްތަގްބަލާއި ޒުވާނުންނަށާއި ސިޔާސީ މައިދާން ބައްޓަން ކުރުމަށް އާ އުންމީދުތަކެއް އެބަ އޮތް ކަމަށް އީވާ ވިދާޅުވިއެވެ.
މިގޮތަށް އެ ފެކްޝަނުން ނިންމާފައި ވަނީ އެ ފެކްޝަންގެ ހަރަކާތްތައް ހިންގެން އޮތީ އާ ޕާޓީއެއް އުފައްދައިގެން ކަމަށް ފެންނާތީ ކަމަށް އެ ފެކްޝަނުން ބުނެއެވެ.
- ނަޝީދު ފިޔަވައި އިސްތިއުފާ ދެއްވި މަޖިލީހުގެ 12 މެންބަރުންނަކީ؛
 - ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް
 - މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ
 - މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ
 - ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު ޔާސިރު އަބްދުއްލަތީފް
 - މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު
 - ވިލުފުށި ދާއިރާގެ މެންބަރު ހަސަން އަފީފް
 - މަޑަވެލި ދާއިރާގެ މެންބަރު ހުސައިން ފިރުޝާން
 - މައްޗަންގޯޅި އުތުރު ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު
 - ތޮއްޑޫ ދާއިރާގެ މެންބަރު ހަސަން ޝިޔާން
 - ގައްދޫ ދާއިރާގެ މެންބަރު އަހްމަދު ޒާހިރު
 - ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް
 
މީގެ އިތުރުން އެސްޓީއޯގެ ކުރީގެ އެމްޑީ ހުސައިން އަމްރުއާއި ރައީސް އޮފީހުގެ މިނިސްޓަރު މުހައްމަދު ޝިފާޒެވެ.
މި ބޭފުޅުން އެމްޑީޕީން އިސްތިއުފާ ދެއްވާފައިވާ އިރު، ޕާޓީގެ އާއްމު މެމްބަރުންތަކެއް ވެސް އެމްޑީޕީން ވަކިވާން އަންނަނީ ފޯމު ފުރަމުންނެވެ.

												
												
								
					
					
					
					
					
					
					
					
					
					
					
					
ހޭ ޖެހޭ 1 ބެތް