ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ފިކުރެއްގެ ދިރުމުން އުފައްދަން ނިންމާފައިވާ ޕާޓީއަށް ކިޔާނެ ނަމަކާއި ލޯގޯ އަދި ކުލަ ހުށަހެޅުމުގެ ފުރުސަތު އެ ފެކްޝަނުން ހުޅުވާލައިފިއެވެ.

އެ ފުރުސަތު އޮންލައިންކޮށް ހުޅުވާލައިފާވާއިރު އެ ފުރުސަތު ހުޅުވާލަފައިވަނީ ހުކުރު ދުވަހުގެ ހެނދުނު 6 ޖެހުމުގެ ނިޔަލަށެވެ. އަދި އެ ފޯމުގައި ޕާޓީއަށް ކިޔަން ބޭނުންވާ ނަމުގެ ތަފްސީލް ވެސް ހުށަހެޅުމަށް ވަނީ ހިމަނާފައެވެ.

މީގެ އިތުރުން އާ ޕާޓީ ހެދުމަށް މަޝްވަރާކުރުމަށް މިރޭ 9 ޖަހާއިރު ޒޫމް މެދުވެރިކޮށް ބައްދަލުވުމެއް ބާއްވަން އެ ފެކްޝަނުން ނިންމާފައިވާއިރު އެމްޑީޕީއިން ވަކިވެފައިވާ މަޑަވެލި ދާއިރާގެ މެންބަރު ހުސައިން ފިރުޝާން ވިދާޅުވީ އެންމެބޮޑު އެއް އަމާޒަކީ އަލަށް އުފަންމިވާ ޕާޓީގައި ޒުވާނުންގެ ބައިވެރިވުމާއި ހިޔާލާއި މަޝްވަރާ އެންމެ ފުޅާ ދާއިރާއެއްގައި އޮތުން އަދި ޕާޓީ އުފެއްދުމުގައާއި ސިޔާސަތު ކަނޑައެޅުމުގައި މާބޮޑަށް ޒުވާން ވިސްނުމާއި ފިކުރުއޮތުން ކަމަށެވެ. އަދި އެ ބައްދަލުވުމުގައި ބައިވެރިވުމަށް ވަނީ އެދިފައެވެ.

މިދިޔަ ހަފްތާގެ ތެރޭގައި މަޖިލީހުގައި އެމްޑީޕީ ތަމްސީލްކުރި 12 މެންބަރަކު ވަކިވެފައިވާއިރު އެ މެންބަރުންނަކީ ރައީސް ނަޝީދުގެ ފެކްޝަނުގައި ހިމެނިވަޑައިގެންނަވާ މެންބަރުންނެވެ. މި ބޭފުޅުން އެމްޑީޕީން އިސްތިއުފާ ދެއްވާފައިވާ އިރު، ޕާޓީގެ އާއްމު މެމްބަރުންތަކެއް ވެސް އެމްޑީޕީން ވަކިވާން އަންނަނީ ފޯމު ފުރަމުންނެވެ.

ފިކުރެއްގެ ދިރުން ފެކްޝަނުން ދާދިފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބުނެފައި ވަނީ، އާ ޕާޓީ އުފައްދަން ނިންމާފައި ވާ ކަމަށާއި، އަންނަ ހަފުތާގައި ރަޖިސްޓްރީ ކުރަން އީސީ އަށް ހުށަހަޅަން ނިންމާފައިވާ ކަމަށެވެ.