ރައްޔިތުންގެ މަޖިލީހުގެ ނައިބުރައީސް، އަދި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲގެ އިތުބާރު ނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން އެމްޑީޕީގެ ޕީޖީ ގްރޫޕުން ފާސްކޮށްފިއެވެ.
މިއަދު އެމްޑީޕީ ޕީޖީ ގުރޫޕުން އީވާގެ އިތުބާރު ނެތްކަމަށް ފާސްކޮށްފައިވަނީ ޕީޖީ ގްރޫޕުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާގުންނެވެ.
އެމްޑީޕީ ތެރޭގައި އުފެދުނު ހަމަނުޖެހުންތަކާއެކު ރައީސް ނަޝީދު ފެކްޝަން "ފިކުރެއްގެ ދިރުން" އަށް ނިސްބަތްވާ 12 މެންބަރުން ވަނީ އެމްޑީޕީ އިން ވަކިވެފައެވެ. އިއްޔެ "ފިކުރެއްގެ ދިރުން" ފެކްޝަން އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އީވާ ވިދާޅުވީ ޕާޓީއިން ވަކިވި ނަމަވެސް އަމިއްލައަށް ނައިބު ރައީސްގެ މަގާމުން އިސްތިއުފާ ނުދެއްވާނެ ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ނައިބުރައީސް ކަން މުހިންމު ނޫން ކަމަށާ މަގާމު ދިފާއު ކުރައްވަން ނޫޅުއްވާ ކަމަށްވެސް އީވާ ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް ނުވަތަ ނައިބު ރައީސްގެ މަގާމުގަ ހުންނަވާ ބޭފުޅަކު އެ މަގާމުން ވަކިކުރަން ހުށަހެޅޭނީ މުޅި މަޖިލީހުގެ ޖުމްލަ މެންބަރުންގެ ހަތަރުބައިކުޅަ އެއްބަޔަށް ވުރެ މަދު ނޫން އަދަދެއްގެ މެންބަރުންގެ ސޮޔާއެކު ހުށަހަޅާ ގަރާރަކުންނެވެ.
ގާނޫނު އަސާސީގައިވާ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ރައީސް ނުވަތަ ނައިބު ރައީސްގެ އިތުބާރު ނެތް ކަމަށް ދެބައިކުޅަ އެއްބައި މެންބަރުންގެ ވޯޓުން ފާސްވާނެއެވެ.
ބޭރުކުރަންވީ ތި އާލާތްގަނޑު