ސަރުކާރުގެ މައި ޕާޓީ އެމްޑީޕީން އަމިއްލަ އަށް ވަކިވި މަޖިލިސް މެންބަރުން އެކަން އަމިއްލަ އަށް ދެންނެވުމުން ދަފްތަރަށް ބަދަލު ގެނެވޭނެ ކަމަށް، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މިދިޔަ އަންގާރަ ދުވަހު މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް އެމްޑީޕީން ވަކިކޮށްފައި ވާއިރު، ނަޝީދުގެ "ފިކުރެއްގެ ދިރުން" ފެކްޝަނަށް ނިސްބަތްވާ 12 މެންބަރުން ވަނީ ޕާޓީން އަމިއްލަ އަށް ވަކިވެ ވަޑައިގެންފައެވެ. އެގޮތުން އެމްޑީޕީން އިއްޔެ ވަކިވެވަޑައިގަތް 12 މެންބަރުންނަކީ:

  1. ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް
  2. މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ
  3. މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ
  4. ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު ޔާސިރު އަބްދުއްލަތީފް
  5. މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު
  6. ވިލުފުށި ދާއިރާގެ މެންބަރު ހަސަން އަފީފް
  7. މަޑަވެލި ދާއިރާގެ މެންބަރު ހުސައިން ފިރުޝާން
  8. މައްޗަންގޯޅި އުތުރު ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު
  9. ތޮއްޑޫ ދާއިރާގެ މެންބަރު ހަސަން ޝިޔާން
  10. ގައްދޫ ދާއިރާގެ މެންބަރު އަހްމަދު ޒާހިރު
  11. ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް
  12. އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު

ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ދެވަނަ ދައުރުގެ ޖަލްސާ ފެއްޓެވުމުގެ ކުރިން ނަޝީދު ވިދާޅުވީ، އެމްޑީޕީން އާޒިމް ވަކިކޮށްފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން މަޖިލީހަށް އަންގާފައިވާ ކަމަށެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި، އެމްޑީޕީން 12 މެންބަރުން އިއްޔެ ވަކިވިކަން އެ ކޮމިޝަނުން ވަނީ މަޖިލީހަށް އަންގާފައެވެ.

ނަމަވެސް މަޖިލީހުގެ ދަފްތަރުން ޕާޓީ ބަދަލުވެގެން ދާނީ އެބޭފުޅުން އެމްޑީޕީން ވަކިވިކަމަށް ލިޔުއްވުމުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މަޖިލީހުގެ ގަވައިދުގެ 36 ވަނަ މާއްދާއިވާ ގޮތުގެ މަތިން މެންބަރަކު ނިސްބަތްވާ ޕާޓީއަކުން ވަކިވެފައިވާ ނަމަ، އިލެކްޝަންސް ކޮމިޝަނަށާއި މަޖިލީހުގެ ރައީސަށް އަންގަން ޖެހޭނެއެވެ.

ނަޝީދުގެ "ފިކުރެއްގެ ދިރުން" ފެކްޝަންގެ މެންބަރުން އެމްޑީޕީން ވަކިވީ އާ ސިޔާސީ އާ ޕާޓީ އެއް ހެދުމަށެވެ. ނަމަވެސް ނަޝީދު އަދިވެސް އެމްޑީޕީން އިސްތިއުފާއެއް ނުދެއްވައެވެ.

މިކަމާ ގުޅޭގޮތުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ މެންބަރުންގެ ފަރާތުން އީވާ ވިދާޅުވީ، "ފިކުރެއްގެ ދިރުމުން" އާ ޕާޓީ އެއް ހެދުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ. އެހެންކަމުން އެ ބޭފުޅުންގެ އާ ޕާޓީ ވުޖޫދަށް އައުމުގެ ކުރިން، އެ ބޭފުޅުން ތިއްބަވާނީ އަމިއްލަ މެންބަރުންގެ ގޮތުގައެވެ.