ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ފިޔަވައި "ފިކުރެއްގެ ދިރުން" ފެކްޝަންގައި ތިއްބެވި ގިނަ މެންބަރުން އެމްޑީޕީން އިސްތިއުފާ ދެއްވައިފިއެވެ.

"ފިކުރެއްގެ ދިރުން" ފެކްޝަންގައި އިސްކޮށް އުޅުއްވާ ގިނަ ބޭފުޅުން އެމްޑީޕީން އިސްތިއުފާ ދެއްވިކަން "ދަ ޕްރެސް" އަށް ވަނީ ކަށަވަރުވެފައެވެ. އެގޮތުން އެމްޑީޕީން އިސްތިއުފާ ދެއްވާފައި ވަނީ:

  1. ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް
  2. މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ
  3. މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ
  4. ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު ޔާސިރު އަބްދުއްލަތީފް
  5. މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު
  6. ވިލުފުށި ދާއިރާގެ މެންބަރު ހަސަން އަފީފް
  7. މަޑަވެލި ދާއިރާގެ މެންބަރު ހުސައިން ފިރުޝާން
  8. މައްޗަންގޯޅި އުތުރު ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު
  9. ތޮއްޑޫ ދާއިރާގެ މެންބަރު ހަސަން ޝިޔާން
  10. ގައްދޫ ދާއިރާގެ މެންބަރު އަހްމަދު ޒާހިރު
  11. ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް
  12. އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު

މީގެ އިތުރުން؛

  • އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒް
  • އެސްޓީއޯގެ ކުރީގެ އެމްޑީ ހުސައިން އަމްރު ވަނީ ޕާޓީން ވަކިވެވަޑައިގެންފައެވެ.

ނަޝީދު ފިޔަވައި އެމްޑީޕީން ވަކިވި ފިކިރެއްގެ ދިރުމުގެ މަޖިލީސް މެންބަރުން

އެމްޑީޕީގެ ސްޕޯކްސްޕާސަން އަދި ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަނަސް އަބްދުއްސައްތާރު ވަނީ "ފިކުރެއްގެ ދިރުން" ފެކްޝަނަށް ނިސްބަތްވާ 12 މެންބަރަކު އިސްތިއުފާ ދެއްވިކަން ކަށަވަރު ކޮށްދެއްވައި ފައެވެ. އޭނާ ވިދާޅުވީ، ޕާޓީން އިސްތިއުފާ ދެއްވުމަށް އެދި އެ ބޭފުޅުން މިއަދު ސިޓީ އެއް ހުށަހަޅުއްވާފައިވާ ކަމަށެވެ.އެއާއެކު، ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީ ތަމްސީލްކުރައްވާ މެންބަރުންގެ އަދަދު 54 އަށް ދަށްވެގެން ދާނެއެވެ."ފިކުރެއްގެ ދިރުން"ގެ މެންބަރުން އެމްޑީޕީން އިސްތިއުފާ ދެއްވާފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް އިއްޔެ ވަކިކޮށްފައި ވަނިކޮށެވެ.އާޒިމް އެމްޑީޕީން ވަކިކޮށް އެ ޕާޓީގެ ދަފްތަރުން އުނިކުރީ ރާއްޖެ-މޮރިޝަސް އިމުގެ މައްސަލައިގައި ބަންޑާރަނައިބު އިބްރާހީމް ރިފްއަތުގެ މައްޗަށް އިތުބާރު ނެތް ކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ތާއީދުކޮށް ސޮއިކުރެއްވުމާއި، އިދިކޮޅު ފަރާތްތަކާ އެކު ނޫސްވެރިންގެ ދެ ބައްދަލުވުމެއްގައި ބައިވެރިވެވަޑައިގެންނެވި މައްސަލައިގައެވެ.އެމްޑީޕީން އާޒިމް ވަކިކުރީ ޕާޓީގެ އަސާސީ ގަވައިދުގައިވާ ގޮތުގެ މަތިން ކަމަށް އެ ޕާޓީން ބުނި ނަމަވެސް، އާޒިމް ވިދާޅުވި ގޮތުގައި، އޭނާ ޕާޓީން ވަކިކޮށްފައި ވަނީ ޕާޓީގެ އަސާސީ ގަވައިދާއި ފިޔަވަޅު އަޅާ ކޮމިޓީގެ ގަވައިދާ ހިލާފަށެވެ.އިއްޔެ އާޒިމް އެމްޑީޕީން ވަކިކުރިއިރު، ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފާއި، ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު ޔާސިރު އަބްދުއްލަތީފާއި، ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބްގެ އިތުރުން މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ އެމްޑީޕީން އިސްތިއުފާ ދެއްވާފައި ވަނީ ޕާޓީގެ ވިޕްލައިނާ ހިލާފުވި މައްސަލައިގައި އެމްޑީޕީން ފަހުގެ އިންޒާރު އެ މެންބަރުންނަށް ދީފައި ވަނިކޮށެވެ.