ގިނަ އަދަދެއްގެ ޓީ ބިލް (ޓްރެޝަރީ ބިލް) ވިއްކުމަށް ފިނޭންސް މިނިސްޓްރީން ހުޅުވާލައިފިއެވެ.

ޓީ ބިލް ވިއްކަނީ ދައުލަތުގެ އާމްދަނީން ހަރަދުތައް ދެކޮޅު ނުޖެހި ސަރުކާރު ހިންގުމަށް އިތުރަށް ފައިސާ ބޭނުންވުމުން، ފައިސާ ޗާޕްކުރުމުގެ ބަދަލުގައެވެ.

އެގޮތުން މިފަހަރު ހުޅުވާލާފައި ވަނީ 182 ދުވަހުން އަނބުރާ ދައްކާ ގޮތަށް ހުޅުވާލި 999.8 މިލިއަން ރުފިޔާގެ ޓީބިލާއި 364 ދުވަހުން އަނބުރާ ދައްކަން ޖެހޭ 1.2 ބިލިއަން ރުފިޔާގެ ޓީބިލް ހިމެނެއެވެ. މީގެ އިތުރުންވެސް 98 ދުވަހުން އަނބުރާ ދައްކާ ގޮތަށް ހުޅުވާލި 289 މިލިއަން ރުފިޔާގެ ޓީބިލުގެ އިތުރުން 28 ދުވަހުގެ ތެރޭގައި އަނބުރާ ދައްކާ ގޮތަށް ހުޅުވާލި 1 ބިލިއަން ރުފިޔާގެ ޓީބިލު ވިއްކުމަށް ވަނީ ހުޅުވާލާފައެވެ.

ހުރިހާ ޓީބިލްގެ ޖުމްލަ އަދަދު 3.3 ބިލިއަނަށް ވުރެ މައްޗަށް އަރާއިރު ސަރުކާރުން ވަނީ މީގެ ކުރިންވެސް މިމަހުގެ ތެރޭގައި ޓީބިލް ވިއްކާފައެވެ. އެފަހަރުވެސް ދެ ބިލިއަން ރުފިޔާގެ ޓީބިލް ވިއްކުމަށް ހުޅުވާލިއެވެ.

އާންމު ގޮތެއްގައި ރާއްޖޭގައި ވިއްކާ ޓީބިލްތަކުގެ ރޭޓް އުޅެނީ 3.50 ޕަސެންޓާއި 4.60 ޕަސެންޓާ ދެމެދުގައެވެ. ފިނޭންސް މިނިސްޓްރީން ވިއްކާ ޓީބިލްތައް އަމިއްލަ ކުންފުނިތަކުގެ އިތުރުން ސަރުކާރުގެ ބައެއް ކުންފުނިތަކުން ވެސް ގަނެއެވެ.