އާބަންކޯ އިން ހުޅުމާލޭގައި ތައާރަފު ކޮށްފައިވާ ސްމާޓް ޕާކިން ޖާގަތަކަށް ކުރިމަތިލާން ހުޅުވާލައިފިއެވެ.

އާބަންކޯއިން ބުނީ، ކާރަށް ހާއްސަކޮށްފައިވާ މި ޕާކިން ޖާގަތަކަށް ޝައުގުވެރިވާ ފަރާތްތަކުން ޖާގަ ހޯދަން ބީލަން ހުށަހެޅުމުގެ ފުރުސަތު އަންނަ މަހުގެ 7 ގެ މެންދުރު ފަހު 2:00 އާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ.

ހުޅުމާލެ ފިތުރޯނު މަގު، ފެރީ ޓާމިނަލް ޕާކު ކައިރީގައި ތަރައްގީކޮށްފައިވާ ފިތުރޯނު ސްމާޓް ޕާކިން ޒޯންއިން ޕާކްކުރުމަށް ޖާގަ ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވަނީ 3 އަހަރުގެ މުއްދަތަކަށެވެ. މި ޒޯނުން 23 ޖާގަ ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވާކަމަށް އާބަންކޯއިން ވަނީ ބުނެފައެވެ.

އާބަންކޯއިން ބުނީ، މަހު ކުލީގެ ގޮތުގައި ނަގާނީ ބީލަން ކާމިޔާބު ކުރާ ފަރާތުން ހުށައަޅާ އަގުކަމަށެވެ. އަދި 3 އަހަރުދުވަހުގެ ކުލި އެއްފަހަރާ ދައްކާ ފަރާތްތަކަށް 7 ޕަސަންޓުގެ ޑިސްކައުންޓެއް ދިނުމަށް ހަމަޖެހިފައިވާ ކަމަށާއި، ކުލި ހިގަން ފަށާނީ ޖާގަ ހަވާލުކުރާ ތާރީހުން ފެށިގެން ކަމަށެވެ.

އެއްމެ ފަހުގެ ޒަމާނީ ޓެކްނޮލޮޖީ ހިމެނޭހެން ފަރުމާކޮށްފައިވާ މި ސްޕާޓް ޕާކިންގައި ވަރަށް ހާއްސަ ތަފާތު ކަންކަން އެބްހުރި ކަމަށާއި މިގޮތުން ޕާކިންޖާގަ ކަށަވަރުކޮށްގެން ޕާކު ކުރަން އަންނަ ކާރުތަކުގެ ނަމްބަރު ބޯޑު ކޮމްޕިއުޓާ ވިޝަން އިނޭބަލްޑް ކެމެރާއަކުން ރީޑުވެގެން އޮޓޯ ބޫމް ގޭޓު ހުޅުވޭނެ ކަމަށް އާބަންކޯއިން ބުނެއެވެ.

އާބަންކޯއިން ބުނީ، މިގޮތަށް ހުށިޔާރުކަމާ އެކީގައި އޮޓޮމެޓިކުން ނަމްބަރު ބޯޑު ދެނެގަތުމަށް އެއްމެ ފަހުގެ ޓެކުނޮލޮޖީތަކުގެ ތެރޭގައި ހިމެނޭ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި)، އަދި މެޝިން ލާނިން (އެމް.އެލް) ބޭނުންކުރާ ކަމަށެވެ. މީގެ ސަބަބުން އިންސާނީ މުއާމަލާތަކާ ނުލައި އޮޓޮމެޓިކުން ފަސޭހަކަމާއެކު ކާރަށް ޕާކިން ޒޯނަށް ވަދެ އަދި ނިކުމެ ހެދޭނެ ކަމަށް އާބަންކޯއިން ވަނީ ފާހަގަކޮށްފައެވެ.

މީގެ އިތުރުން މި ޒޯނުގައި ޕާކު ކުރާ އުޅަނދުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި ސައްވީސް ގަޑި އިރު ސީސީޓީވީ ކެމެރާ މެދުވެރިކޮށް މޮނިޓާ ކުރެވޭނެ ކަމަށް އާބަންކޯއިން ބުނެއެވެ. އާބަންކޯއިން ބުނީ، ހަމައެކަނި ކާރު ޕާކު ކުރުމަށް ކަނޑައެޅިފައިވާ މި ސްމާޓް ޕާކިން ޒޯންގައި ކުރު މުއްދަތަށް ޕާކު ކުރަން އަދި ދިގު މުއްދަތަށް ޕާކު ކުރަން ބޭނުންވާ ފަރާތްތަކަށް ހާއްސަ ޖާގަ ތަކާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހާއްސަ ޖާގަތައް ހުންނާނެ ކަމަށެވެ.

ޕާކިން ޖާގަ ހުސްވުމުން ނޮޓިފިކޭޝަންތަކާ، ޕާކިން ޖާގަޔާ ހަމަޔަށް ނެވިގޭޓުކޮށްދިނުމާ، ބޭނުން ކުރާ ފަރާތުގެ ޕްރޮފައިލް ވެސް މި އެޕް ގެ ޒަރީއާއިން ފެންނާނެ ކަމަށް ވެސް އާބަންކޯއިން ބުނެއެވެ. އާބަންކޯއިން ބުނީ، ފިތުރޯނު ޕާކިން ޒޯނަކީ އެއްމެ ފުރަތަމަ ސްމާޓް ޕާކިން ޒޯނު ކަމުގައި ވިޔަސް ވަރަށް އަވަސް މުއްދަތެއްގެ ތެރޭގައި އިތުރު ސްމާޓް ޕާކިން ޒޯންތައް ހުޅުމާލޭގެ އެކި ސަރަހައްދު ތަކުގައި ތައާރަފު ކުރެވި ޕާކިންގެ ކަންކަމަށް އިންގިލާބީ ބަދަލެއް ގެނެވިގެން ދާނެ ކަމަށެވެ.