ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) ގެ ދެ ބޯޓް ހުއްދަ ނުހޯދައި އެފްރިކާގެ އެރިޓްރިއާގެ ބަނދަރަށް ވަނީ މޫސުން ގޯސްވުމުގެ ސަބަބުންނާއި ހުންގާނަށް ޖެހުނު މައްސަލައެއްގައި އެމަޖެންސީ ހާލަތަކަށް ގޮސްގެން ކަމަށް އެ ކުންފުނީގެ އެމްޑީ މުހައްމަދު ގަސަމް ވިދާޅުވެއްޖެއެވެ.
2019 ވަނަ އަހަރު ބަނުމަށް ހަވާލުވި ހަތަރު ބޯޓުގެ ތެރެއިން ދެ ބޯޓު މިސްރުން ފުރައިގެން ރާއްޖެ އަށް ދަތުރުކުރަނިކޮށް މޫސުން ގޯސްވެގެން އެފްރިކާގެ އެރިޓްރިއާގެ ބަނދަރަށް ވަނީ މިދިޔަ މަހުގެ 26 ވަނަ ދުވަހުއެވެ.
'ދަ ޕްރެސް' އަށް މައުލޫމާތު ދެއްވަމުން ގަސަމް ވިދާޅުވީ، ގައުމަކަށް ވަންނަ އިރު ގައުމެއްގެ ކަމާ ބެހޭ ފަރާތްތަކުގެ ހުއްދަ ހޯދައިގެން ވަންނަން ޖެހޭނެ ކަމަށާއި އެ ދެ ބޯޓު ވެސް އެ ބަނދަރަށް ވަނުމުގެ ކުރިން ބަނދަރަށް ގުޅަން ވަރަށް މަސައްކަތް ކުރި ކަމަށެވެ. ހޯދަން ޖެހޭ ހުއްދަތައް ނުހޯދާ ވެސް އެ ބަނދަަރަށް ވަންނަން ޖެހުނީ މަޖުބޫރީ ހާލަތެއް މެދުވެރިވެގެން ކަމަށް އޭނާ ވިދާޅުވިއެވެ.
އެ ދެ ބޯޓު އެ ދުވަހު އެރިޓްރިއާގައި ބަނދަރު ކުރި ހާލަތު އިތުރަށް ތަފްސީލް ކޮށްދެއްވަމުން ގަސަމް ވިދާޅުވީ، ބޯޓުގައި ހުރި ރޭޑިއޯ ސެޓުން ގުޅަން އުޅެ ނުގުޅުނު ކަމަށާއި އެއީ ކުޑަ ދެ ބޯޓް ކަމުން ބޮޑެތި ބޯޓުތަކުގައި ހުންނަ ވަސީލަތްތައް ނެތް ކަމަށެވެ. ހަމައެއާއެކު މޫސުން ގޯސްވެ ކަނޑު ގަދަވެ ކުރިއަށް އެއްގޮތަކަށް ނުދެވޭނެ ކަން އެނގުނު އިރު، ކްރޫއިންގެ ހާލު ވެސް ވަރަށް ގޯސްވެއްޖެ ކަމަށެވެ. މީގެ އިތުރުން ބޯޓުގެ ހުންގާނު ސިސްޓަމަށް ވެސް މައްސަލައެއް ދިމާވެގެން އެ ބަނދަރަށް ވަނުން ނޫން ގޮތެއް ނެތިގެން ވަނީ ކަމަށް ގަސަމް ވިދާޅުވިއެވެ.
އެރިޓްރިއާއަށް ބަނދަރު ކުރި ފަހުން އެ ދެ ބޯޓު އަދި ރާއްޖެއަށް ނުގެނެވިގެން އުޅޭ މައްސަލައަކީ ހުއްދަ ނުނަގައި އެ ބަނދަރަށް ވަތް މައްސަލަ ކަމަށާއި މިހާރު ފޮރިން މިނިސްޓްރީއާ ގުޅިގެން އެ ދެ ބޯޓު އަނބުރާ ރާއްޖެއަށް ގެނައުމަށް ކުރަން ޖެހޭ ކަންކަން ކުރަމުން އަންނަ ކަމަށް ގަސަމް ވިދާޅުވިއެވެ. އަދި ވަރަށް އަވަހަށް އެ ދެ ބޯޓު ގެނެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވެސް ގަސަމް ވިދާޅުވިއެވެ.
ބޯޓުތައް ގެނައުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތަފްސީލް ހާމަކުރައްވަމުން ގަސަމް ވިދާޅުވީ، މިދިޔަ ބުރާސްފަތި ދުވަހު އިންޑީއާގެ ނިއުދުއްލީގައި ހުންނަ ހައިކޮމިޝަންގައި ހުންނަވާ އެރިޓްރިއާގެ ސަފީރާ، އިންޑިއާއަށް ރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރު، ބައްދަލު ކުރައްވާފައި ވާކަމަށެވެ. އެ ބައްދަލުވުމުގައި އެރިޓްރިއާގެ ސަފީރު ވިދާޅުވެފައި ވަނީ މިހާރު އެ ގައުމުން އެފްއެސްއެމް ބޯޓުގެ މައްސަލަ ތަހުގީގު ކުރަން ފަށާފައި ވާތީ އަދި ވަކި އެއްޗެއް ދަންނަވަން ދަތި ކަމަށެވެ. އޭގެ ފަހުން އަދި އިތުރު އަޕްޑޭޓެއް ލިބިވަޑައިގެންފައި ނުވާ ކަމަށް ވެސް ގަސަމް ވިދާޅުވިއެވެ.
ހިފެހެއްޓި ދެ ބޯޓުގައި ތިބީ ދެ ދިވެހި ކެޕްޓަނުންނާއި ދެ ދިވެހި އިންޖިނިއަރުންނާއި މިސްރުގެ ފަޅުވެރިންނެވެ. އެ ދުވަހު މޫސުން ގޯސްވެގެން ފަޅުވެރިންގެ ހާލު ގޯސްވި ނަމަވެސް މިހާރު އެމީހުންގެ ހާލު ރަނގަޅު ކަމަށް ގަސަމް ވިދާޅުވެއެވެ.