ރައްޔިތުންގެ މަޖިލީހުގެ ގަވައިދު އެ މަޖިލީހުގެ ރައީސަށް ސާފުނުވާ ކަމަށް ދޭހަވާ މޭރުމަރުން އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް، ރައީސް މުހައްމަދު ނަޝީދަށް ފާޑުވިދާޅުވެއްޖެއެވެ.
މަޖިލީހުގެ ވަޓްސްއެޕް ގްރޫޕަށް ރައީސް ނަޝީދު މިއަދު ފޮނުއްވި މެސެޖެއްގައި ވަނީ މަޖިލީހުގެ ރިޔާސަތުގައި އެމަނިކުފާނު އިންނަވާހާ ހިނދަކު މެންބަރުންގެ އެދުމާއި ރުހުމާ ނުލައި މަޖިލީހުގެ އެއްވެސް ކޮމެޓީއަކުން އެއްވެސް މެންބަރަކު ވަކިނުކުރެވޭނެ ކަމަށް ވިދާޅުވެފައެވެ. އަދި މަޖިލީހަކީ ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގަންނަވާ ގޮތަށް ހިންގަން އޮންނަތަނެއް ނޫން ކަމަށް ވިދާޅުވެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ވެސް ފާޑުވިދާޅުވެފައެވެ.
އެކަމާ ގުޅިގެން ރޮޒައިނާ ވަނީ މަޖިލީހުގެ ގަވާއިދުގައި މަޖިލީހުގެ ކޮމިޓީތަކަށް މެންބަރުން ލުމާއި ވަކިކުރުމަކީ އެ މަޖިލީހުގެ މެންބަރަކު ހިމެނޭ ސިޔާސީ ޕާޓީއަށް އޮންނަ ބާރެއް ކަމަށާއި އެ ބާރު މަޖިލީހުގެ ރައީސްއަށް ނޯންނާނެ ކަމަށްވެސް ވިދާޅުވެ ރައްދު ދެއްވާފައެވެ. އަދި އެކަން ކުރަންވީ ގޮތްވެސް މަޖިލީހުގެ ގަވާއިދުގައި ސާފުކޮށް އެބަ އޮތް ކަމަށް ވިދާޅުވެ ރޮޒައިނާ ވަނީ މަޖިލީހުގެ ގަވާއިދުގައި އެކަން އޮންނަ ގޮތުގެ ސްކްރީންޝޮޓް ތަކެއްވެސް ހިއްސާ ކުރައްވާފައެވެ.
އެއާއެކު ރޮޒައިނާ ވިދާޅުވަނީ ރައީސް ނަޝީދު އުޅުއްވަނީ މާ ހަޑިކޮށް ކަމަށާއި އެހެން ނޫޅުއްވުމަށެވެ.
ނަޝީދުގެ ފެކްޝަނަށް ނިސްބަތްވާ މެންބަރުން ހިމެނޭ ކޮމެޓީތައް ބަދަލު ކުރަން އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު މުހައްމަދު އަސްލަމް ހުށަހެޅުއްވި ބަދަލުތަކުގެ ތެރޭގައި ހާރިޖީ ގުޅުންތަކުގެ ކޮމިޓީއާއި ޕެޓިޝަން ކޮމިޓީއާއި ސްޓޭޓް އޯންޑު އެންޓަޕުރައިޒަސް ކޮމިޓީއާއި ޖުޑިޝަރީ ކޮމިޓީއާއި އިޖްތިމާއީ ކޮމިޓީގެ އިތުރުން ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީއިން މެންބަރުން ވަކިކުރަން ވަނީ ހުށަހަޅުއްވާފައެވެ.