އިންޑިއާގެ ބޮޑުވަޒީރު ރަސްމީ ދަތުރެއްގައި އެމެރިކާއަށް ވަޑައިގަތުމަށް މަހަކަށް ވެފައި ވަނިކޮށް، ދީނީ މިނިވަން ކަމާ ގުޅޭ ގޮތުން އެމެެރިކާއިން ނެރުނު ރިޕޯޓުގައި އިންޑިއާގައި ބައިމަދު ދީންތަކުގެ މީހުންނަށް އަމާޒުކޮށް ހަމަލާ ދޭ މައްސަލަ ސަމާލުކަމަށް ގެނެސްފިއެވެ.
ސްޓޭޑް ޑިޕާޓުމަންޓުން މިއަދު އާންމު ކުރި ރިޕޯޓުގައި ބުނެފައި ވަނީ އިންޑިއާގައި ބައިމަދު ދީންތަކުގެ މީހުންނަށް އަމާޒުކޮށް ހަމަލާ ދިނުން އިތުރުވެފައި ވާ ކަމަށެވެ.
ދުނިޔޭގެ އެންމެ އާބާދީ ބޮޑު އިންޑިއާގައި 172 މިލިއަން މުސްލިމުން އުޅެއެވެ. އެއީ 1.4 ބިލިއަންގެ އާބާދީގެ 14 ޕަސެންޓެވެ. ކްރިސްޓިއަނުންގެ އަދަދަކީ 26 މިލިއަނެވެ. އެއީ 2.3 ޕަސެންޓެވެ.
"އަހަރެމެން ސަރުކާރަށް ގޮވާލަނީ ބައިމަދު ދީންތަކުގެ މީހުންނާ މެދު އަނިޔާވެރިވާ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމަށާއި އެފަދަ ކަންކަން ސަރުކާރުން ކުއްވެރިކުރަން"
އަދި މުސްލިމުން މަރާ ގަތުލު އާންމު ހިންގުމަށް ގޮވާލުމާއި ރުޅިވެރިކަމާއި ނަފްރަތު އުފައްދާ އަޅުކަން ކުރާ ތަންތަނަށާއި އާންމުންގެ ތަކެއްޗަށް ގެއްލުން ދިނުމާއި މީހުންގެ ގޮދޮރު ތަޅާ ސުންނާފަތި ކުރުން ފަދަ ކަންކަން ކުރާ ފަރާތްތަކާ މެދު ފިޔަވަޅު އަޅަން ގޮވާލާ ކަމަށް ވެސް ބުނެއެވެ.
މި މައްސަލަގައި އެމެެރިކާއިން އިންޑިއާގެ އޮފިޝަލުންނާ ވާހަކަ ދައްކާނެ ކަމަށާއި އަދި އެކިއެކި އަމިއްލަ ޖަމްއިއްޔާތަކާ ގުޅިގެން ގާތުން ކަންކަން ބަލަމުން ދާނެ ކަމަށް ވެސް އެމެރިކާގެ އޮފިޝަލް ވިދާޅުވެއެވެ.
މި ރިޕޯޓް ތައްޔާރު ކުރުމުގައި ސްޓޭޑް ޑިޕާޓުމަންޓުގެ އޮފިޝަލުން މައުލޫމާތު ހޯދުމުގެ އިތުރުން މީޑިއާގެ އެކިއެކި މަންސަތަކުންވެސް މައުލޫމާތު އެއްކޮށްފައި ވާ ކަމަށް ބުނެފައި ވެއެވެ.
އެމެރިކާގެ މި ތުހުމަތުތަކަށް މީގެ ކުރިންވެސް އިންޑިއާއިން ދެކޮޅު ހަދަމުން ގޮސްފައި ވާތީ އެމެރިކާގެ އިދާރާއެއް ކަމަށް ވާ ޔޫއެސް ކޮމިޝަން އޮން އިންޓަނޭޝަނަލް ރިލިޖަސް ފްރިޑަމް (ޔޫއެސްސީއައިއާރުއެފް) އިން ވަނީ އިންޑިއާ ބްލެކްލިސްޓް ކުރުމަށް ސްޓޭޓް ޑިޕާޓްމަންޓަށް ގޮވާލާފައެވެ.
އެ އިދާރާއިން މީގެ ކުރިން ތައްޔާރު ކުރި ބައެއް ރިޕޯޓުތަކުގައި، އިންޑިއާގެ މައި ސަރުކާރާއި ސަރަހައްދީ ސަރުކާރުތަކުގެ ސިޔާސަތެއްގެ ގޮތުން ދީނީ ގޮތުން ތަފާތު ކުރުން ގެންގުޅޭ ކަމަށް ބުނެފައު ވެއެވެ. އެގޮތުން ހަދާފައި ހުރި ބައެއް ގާނުނުތަކާއި ބުރުގާ އެޅުން މަނާ ކުރުމާއި ގެރި ކަތިލުން މަނާ ކުރުން ފަދަ ކަންކަން ފާހަގަ ކޮށްފައި ވެއެވެ.
އެއާއެކު "ކަންޓްރީސް އޮފް ޕާޓިކިއުލާ ކޮންސާން" ނުވަތަ ވަކި ބާވަތެއްގެ ކަންބޮޑުވުންތައް ހުރި ގައުމުތަކުގެ ލިސްޓުގައި އިންޑިއާ ހިމެނުމަށް އެ އިދާރާއިން ވަނީ ގޮވާލާފައެވެ. މި ލިސްޓަކީ އެމެރިކާގެ ހާރިޖީ ވަޒީރުގެ މެންޑޭޓުގެ ދަށުން ކޮންމެ އަހަރަކު މުރާޖައާ ކުރަން ޖެހޭ ލިސްޓެކެވެ. ނަމަވެސް އެމެރިކާ އާއި އިންޑިއާ އޮންނަ ގާތް ގުޅުމާއި އިންޑިއާގެ ކަންކަމުގައި އެމެރިކާއިން ގެންގުޅޭ ލުއި ސިޔާސަތުގެ ދަށުން އެ ލިސްޓުގައި އިންޑިއާ ނުހިމަނާނެ ކަމަށް މުރާސިލުން ބުނެއެވެ.
ސްޓޭޑް ޑިޕާޓްމަންޓުގެ މި ރިޕޯޓު މިއަދު ބްލިންކަން އިއްވި އިރު އިންޑިއާގެ ނަން ވިދާޅުވެފައެއް ނުވެއެވެ. ނަމަވެސް ޗައިނާ އާއި އީރާން އަދި މިޔަންމާ އާއި ނިކަރާގުއާގެ ނަން ވަނީ ވިދާޅުވެފައެވެ.