ބަންގްލަދޭޝްގައި ދަރިވަރުންނާއި ޒުވާނުން ނިކުމެ ޝައިހު ހަސީނާގެ ވެރިކަން ވައްޓާލުމުގެ ތެރެއިން އުފެދުނު ހަމަނުޖެހުންތަކުގައި އެގައުމުގައި ދިރިއުޅޭ ހިންދޫންގެ މުދަލާއި ތަކެއްޗަށް ގެއްލުން ދޭ ކަމަށް ބުނެ ފަތުރަނީ ދޮގު ހަބަރުކަމަށް ބޭރުގެ މީޑިއާތަކުން ބުނެފިއެވެ.
ހިންދޫންގެ އިމާރާތްތަކާއި މުދަލާއި ތަކެތީގައި ހުޅުޖަހާ ރޯކުރާ މަންޒަރުކަމަށް ބުނެ ފަތުރާ ހަބަރުތަކާއި ހިންދޫ އަންހެނުން އެހީއަށް އެދި ރޯ މަންޒަރުތައް ފެންނަ ވީޑިއޯތައް ސޯޝަލް މީޑިއާގައި ދަނީ ދައުރު ކުރަމުންނެވެ. އަދި އިންޑިއާއަށް ނިސްބަތްވާ ބައެއް މީޑިއާ އައުޓްލެޓްތަކުންވެސް މި ގޮތަށް ހަބަރުތައް ފަތުރާފައި ވެއެވެ.
ބީބީސީ ބުނާގޮތުން ބަންގްލަދޭޝްގައި މިކަން ހިނގާކަމަށް ބުނެ ހަބަރުފަތުރާ އެއް ފަރާތަކީ އިނގިރޭސިވިލާތުގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅޭގޮތުން ވެސް ދޮގު ހަބަރު ފަތުރާ ކަނާއަތުފިޔައިގެ އިނގިރޭސި ރައްޔިތެއް ކަމަށް ވާ ޓޮމީ ރޮބިންސަންއެވެ.
ބަންގްލަދޭޝްގެ ދަރިވަރުންނާއި ޒުވާނުން ނިކުމެ ސަރުކާރު ވައްޓާލި ހާދިސާގައި 400 މީހަކު މަރުވެފައި ވާ އިރު ހަސީނާ އިސްތިއުފާ ދެއްވާ ފިއްލަވައިގެން އިންޑިއާއަށް ވަޑައިގަތުމާއެކު ބަންގްލަދޭޝްގެ ތެރޭގައި ހިނގަމުން ދާ ހަމަނުޖެހުންތަކުގައި ހިންދޫންގެ ފައްޅިތައް އަންދާކަމަށް ވެސް ބުނެ ހަބަރު ފަތުރާފައި ވެއެވެ. ހަސީނާ ނިސްބަތްވެވަޑައިގަންނަވާ އަވާމީ ލީގް އަކީ މުސްލިމުންނާއި ހިންދޫ ދަރިކޮޅުގެ މީހުންވެސް ހިމެނޭ ޕާޓީއަކަށް ވާއިރު، ހަމަލާތައް އަމާޒު ކުރަނީ ހިންދޫ ދަރިކޮޅުގެ މީހުންނަށް ކަމަށް ބުނެފައި ވެސް ވެއެވެ.
އިންޑިއާއަށް ނިސްބަތްވާ ބައެއް މީޑިއާތަކާއި އަދި ހިންދޫންނާ ގުޅިފައި ވާ އެކިއެކި ސޯޝަލްމީޑިއާގެ އެކައުންޓްތަކުން ދޮގު ހަބަރު ފަތުރަނީ މުސްލިމުންގެ ބޮލުގައި އިލްޒާމް އެޅުވުމަށް ކަމަށް ވެސް ބީބީގެ ތަހުގީގުން ސާބިތުވާކަމަށް ބުނެފައި ވެއެވެ.
އެގޮތުން އެފަދަ އެއް ހާދިސާއެއްގެ ހަގީގަތް ހާމަކޮށްދެމުން ބީބީސީން ބުނީ، ޗިޓަގޮންގް ގައި ހުންނަ ނަވާގަރަހާ ފައްޅީގައި ރޯކޮށް އަންދާލައިފި ކަމަށް ބުނެ ފެތުރީ ރޯބުހުތާނު ދޮގު ކަމަށާއި ނަމަވެސް ގެއްލުން ދީފައި ވަނީ އެ ފައްޅިއާ ކައިރީގައި ހުރި އަވާމީ ލީގުގެ އޮފީހަކަށް ކަމަށެވެ.
ހިންދޫންގެ ތަންތަނަށް ގެއްލުން ދޭ ކަމަށް ބުނެ ފެތުރި ހަބަރުތައް 4 މިލިއަނެއްހާ މީހުން ޝެއާކޮށް ހަދާފައި ވާ ކަމަށާއި އެކަން ކުރުމުގައި ގިނައިން ބައިވެރިވެފައި ވަނީ އިންޑިއާ ސަރަހައްދުން ކަމަށް ސޯޝަލްމީޑިއާ މޮނިޓަރިން ޓޫލް 'ބްރޭންޑްވޮޗް' އިން ވަނީ ބުނެފައެވެ.
މިފަދަ އެހެން ހަބަރެއްގައި ބަންގްލަދޭޝްގެ ކްރިކެޓް ޓީމުގައި ހިމެނޭ ހިންދޫއެއްގެ ގޭގައިވެސް ރޯކޮށް އަންދާލި ކަމަށް ބުނެފައި ވީ ނަމަވެސް ރޯކޮށްލި ގެއަކީ އަވާމީ ލީގަށް ނިސްބަތްވާ މަޖިލީސް މެންބަރެއްގެ ގެ ކަމަށް ވެސް ބީބީސީން ވަނީ ބުނެފައެވެ.
މިފަދަ އެތައް ހަބަރެއް ފަތުރަމުން ދާ މި ދަނޑިވަޅުގައި ބަންގްލަދޭޝްގެ މުސްލިމް ދަރިވަރުން ވަނީ، އާންމު ތަންތަނަށް ނިކުމެ ހިންދޫންނަށް ނިސްބަތްވާ ފައްޅިތައް ގާޑުކުރަން ފަށާފައެވެ. އެކަމުގައި އިސްކޮށް އުޅޭ ދަރިވަރުން ބުނީ، މުސްލިމުންނާއި ހިންދޫން ޖައްސާ ދެބައިމީހުންގެ ދެމެދުގައި ނަފްރަތާއި ރުޅިވެރިކަން އުފެއްދުމަށް ޖާގަ ނުދޭނެ ކަމަށާއި އެހެން ކަމުން ހިންދޫންގެ މުދަލާއި އަޅުކަމަށް ބޭނުން ކުރާ ތަންތަން ހިމާޔަތް ކުރުމަށް މުސްލިމް ދަރިވަރުން ނިކުތީ ކަމަށެވެ.
އިނގިރޭސިވިލާތުގައި ވެސް ކުރިއަށް ދިޔަ ވަރުގަދަ މުޒާހަރާތައް ހަމަނުޖެހުމަކަށް ބަދަލުވެ މުސްލިމުންގެ މުދަލާއި ތަކެއްޗަށް ގެއްލުންދޭ ހިސާބަށް ދިޔައީ، އެގައުމުގައި ވަޅިން ހަމަލާދީ 3 ކުޑަކުއްޖަކު މަރާލީ އެގައުމަށް ހިޖުރަކޮށްގެން އުޅޭ މުސްލިމެއް ކަމަށް ބުނެ ހަބަރުތައް ފެތުރުމުންނެވެ. ނަމަވެސް އެކަން ކުރީ އިނގިރޭސި ކާފަރެއް ކަމަށް އެގައުމުގެ ކޯޓުތަކުން ވަނީ ބުނެފައެވެ.