ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒް އިސްލާމިކް މަރުކަޒުގައި ކުރިއަށް ގެންދިޔަ ތަފްސީރު ދަރުސް ކުލާސްތައް އަމިއްލައަށް ހުއްޓާލިތާ 1 މަސްދުވަސްވެފައިވާ ކަމަށް އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
ޝަހީމް މިހެން ވިދާޅުވެފައި ވަނީ އިޔާޒްގެ ތަފްސީރު ކްލާސްތައް ހުއްޓާލުމަށް މިނިސްޓްރީން އެންގި ކަމަށް ބުނެ ހަބަރު ފެތުރުމާ ގުޅިގެންނެވެ.
މިނިސްޓަރު ވިދާޅުވީ ޑރ. އިޔާޒްް އަމިއްލައަށް ދަރުސް ކުރިއަށް ގެންދިއުން ހުއްޓާލިތާ މަހަކަށް ވުރެ ގިނަ ދުވަސް ވެފައިވާ ކަމަށާއި ކުރީ ސަރުކާރުގެ ދުވަސްވަރުން ފެށިގެން ދަރުސެއް ހުއްޓުވާފައި ނުވާނެ ކަމަށެވެ.
"ޑރ އިޔާޒު އަމިއްލަ ފުޅަށް ދަރުސް ކުރިއަށް ގެންދިއުން ހުއްޓަލިތާ އެއް މަހަށް ވުރެ ގިނަ ވެއްޖެ. ކުރީގެ ސަރުކާރުގެ ދުވަސްވަރުން ފެށިގެން އަންނަ ދަރުސެއް ހުއްޓުވާފަ ނުވާނެ. އަލުން ދަރުސް ދޭން ފަށަން އެދުނީ މިއަދު. ދެ މަަރުކަޒު ނޫންތަންތަނުގައި ކުރިއަށް ގެންދެވޭނެ ކަމަށްވާނީ ދަންނަވާފައި،" ޝަހީމް ވިދާޅުވި އެވެ.
އިޔާޒް، އިސްލާމީ މަރުކަޒުގައި ތަފްސީރު ކްލާސްތައް ހިންގާތާ ގިނަ އަހަރުތަކެއް ވެފައިވީ ނަމަވެސް މިނިސްޓްރީން ވަނީ އިސްލާމިކް މަރުކަޒުގައި އާއި ސަލްމާން މިސްކިތުގައި ދަރުސް ކުރިއަށް ގެންދިއުމުގެ ހުއްދަ ނުދެވޭނެ ކަމަށް އޭނާއަށް އަންގާފައެވެ.
އެނގިފައިވާ ގޮތުގައި އިޔާޒްގެ ތަފްސީރު ކްލާސްތައް އޭނާ ހުއްޓާލީ ދަރިފުޅު ބަލިވެ ރާއްޖެއިން ބޭރަށް ދިޔުމަށެވެ. ނަމަވެސް އެނބުރި ރާއްޖެ އައިސް ތަފްސީރުގެ ކްލާސްތައް ނެގުމަށް އިސްލާމިކް މިނިސްޓްރީގެ ހުއްދަ އަށް އެދުމުން ދެ މަރުކަޒު ނޫން ތަންތަނުގައި ކްލާސްތައް ގެންދެވޭނެ ކަމަށް ވަނީ އިޔާޒް އަށް އަންގާފައެވެ.
ދާދިފަހުން އިޔާޒް އައި އިސްލާމިކް މިނިސްޓަރު، ޝަހީމް ވަނީ ހަނިއްޔާގެ މައްޗަށް ޣައިބަށް ކަށުނަމާދު ކުރުމާ މެދު ބަހުގެ ހަމަލާތަކެއް ރައްދު ކުރައްވާފައެވެ.
އެގޮތުން ރާއްޖޭގެ ހުރިހާ މިސްކިތެއްގައި ހަނިއްޔާގެ މައްޗަށް ޣައިބަށް ކަށު ނަމާދު ކުރަން އެންގުމުގެ ބަދަލުގައި އެ ކަން އިމާމުންގެ އިހުތިޔާރަށް ދޫކޮށްލީ ޣައިބަށް ކަށު ނަމާދު ކުރުމަކީ ވާޖިބަކަށް ނުވާތީ ކަމަށް ޝަހީމް ވިދާޅުވުމުން އިޔާޒް ވަނީ ހުކުރު ނަމާދާއި އީދު ނަމާދު މިނިސްޓްރީން ވަކިގަޑިއެއްގައި ކުރަން އަންގަނީ ކީއްވެގެންތޯ ސުވާލު އުފައްދާފައެވެ.