އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުގެ އިލްމީ ފެންވަރާ ބެހޭ ގޮތުން ސުވާލު އުފެއްދުމުގެ ޖާގައެއް ނެތް ކަމަށް ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒް ވިދާޅުވެއްޖެއެވެ.

އިޔާޒް މިހެން ވިދާޅުވެފައި ވަނީ އެކްސްގައި "ހަސަން ކުރުސީ" ގެ ނަމުގައި ހިންގާ އެކައުންޓަކުން ޑރ. ޝަހީމަށް ޕީއެޗްޑީ ލިބިވަޑައިގެންފައިވާ ގޮތާ މެދު ސުވާލު އުފައްދައި ޖަހާފައިވާ ޕޯސްޓަކާ ގުޅިގެން އާންމުން ޑރ. ޝަހީމަށް ފާޑުކިޔުން އިތުރުވެފައި ވާތީއެވެ.

އިޔާޒް ވިދާޅުވީ، ޑރ ޝަހީމްގެ އިލްމީ ފެންވަރާއި ހުނަރުވެރިކަމަކީ ސުވާލު އުފެއްދުމުގެ ޖާގައޮތް ކަމެއް ނޫން ކަމަށާއި ޕީއެޗްޑީގައި ޝަހީމް ފާސްވެފައި ވަނީ ކުދި އިސްލާހު ތަކާއެކުގައި ކަމަށެވެ. އެއީ މަދު ކެންޑިޑޭޓެއް ފިޔަވާ ހުރިހާ ކެންޑިޑޭޓުންނަށް ވެސް ލިބޭނެ އެންމެ މަތީ މާކްސް ކަމަށާއި ޝަހީމްގެ އަތުގައި އޮތީ ރަނގަޅު ސެޓްފިކެޓެއް ކަމަށެވެ.

2013 ވަނަ އަހަރު ޑރ. ޝަހީމް އާއި ޑރ. މުނީޒާ ދަސްވެނިވީ އޭނާއާ އެކުގައި ކަމަށް އިޔާޒް ވިދާޅުވެ އެކްސްގައި ކުރެއްވި ޕޯސްޓްގައި އެބޭފުޅުން ޕީއެޗްޑީ ހާސިލް ކުރެއްވި ދުވަހުގެ ފޮޓޯއެއް ވެސް ވަނީ ހިއްސާ ކުރައްވާފައެވެ.

މީގެ އިތުރުން އިޔާޒް ވަނީ ސޫރަތުލް މައިދާގެ އާޔަތެއްގެ މާނަ ވެސް ހިއްސާ ކުރައްވާފައެވެ. އެ އާޔަތުގެ މާނައިގައި ވަނީ "ތިޔަބައިމީހުންގެ މެދުގައި އުފެދިފައިވާ ރުޅިވެރިކަމެއް އެއީ ތިޔަބައިމީހުން އަދުލުވެރިނުވުމަށް ބާރުއަޅާކަމެއް ކަމުގައި ނުހަދާށެވެ. ތިޔަބައިމީހުން އަދުލުވެރިވާށެވެ. އެގޮތް ތަގްވާވެރިކަމާ ގާތެވެ." މިހެންނެވެ.