މާލޭގެ ގެއެއްގެ ތެރޭގައި އޮސްޓްރިޗް ނުވަތަ ގިނިކާ މާދޫންޏެއް ގެންގުޅޭ މައްސަލައެއް ފިޝަރީޒް މިނިސްޓްރީން ބަލަން ފަށައިފިއެވެ.

ސޯޝަލް މީޑިއާގައި އާންމުވި ފޮތޯއިން ފެންނަ ގޮތުގައިއެ ދޫނީގެ ދިގުމިނުގައި ގާތްގަނޑަކަށް ފަސް ފޫޓު ހުންނާނެއެވެ. އަދި އެ ދޫނު ގެންގުޅޭ ކަމަށް ބެލެވޭ މީހާ ވެސް އެ ފޮޓޯއިން ފެނެއެވެ.

އެކަމާ ގުޅިގެން ފިޝަރީޒް މިނިސްޓްރީން ބުނީ، އެ ދޫންޏަކީ ދޫނި ފާމެއްގައި ގެންގުޅެން ހުއްދަ ދޫކޮށްފައިވާ އޮސްޓްރިޗެއް ކަމަށާއި ނަމަވެސް ފާމުގެ ބަދަލުގައި ގޭގައި އެ އޮސްޓްރިޗް ގެންގުޅޭ މައްސަލަ މިނިސްޓްރީން ބަލަމުންދާ ކަމަށެވެ.

އެ ދޫނި ގެންގުޅެން ސަރުކާރުން ދޫކޮށްފައިވާ ހުއްދައަށް ބަލާއިރު އޭގައިވާ ގޮތުން ޖެނުއަރީ 2022 ގައި ދީފައިވާ އެ ހުއްދައިގެ ދަށުން 50 އޮސްޓްރިޗް ބިސް ރާއްޖެއަށް ވަނީ އެތެރެކޮށްފައެވެ. އިރާނުން އެތެރެކުރި މި ބިސްތަކަކީ 'ޑޮމެސްޓިކް އޮސްޓްރިޗް' ގެ ބިސްތަކެކެވެ.

އޮސްތްރިޗް ރާއްޖެ ގެނެއުމަށް ދޫކޮށްފައިވާ ހުއްދަ

މި ވައްތަރުގެ ދޫނި ބިހުގެ ދިގު މިނުގައި ހަ އިންޗު ހުންނައިރު ބަރުދަނުގައި 1.3 ކިލޯ ހުރެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ރާއްޖޭގައި 10 އޮސްޓްރިޗް ގެންގުޅެއެވެ.