ރައްޔިތުންގެ މަޖިލީހުގެ މެދުހެންވޭރު ދާއިރާ ތަމްސީލް ކުރައްވާ އެމްޑީޕީގެ މެންބަރު އަލީ އާޒިމް އެ ޕާޓީން ވަކި ވެފައި ވާ ކަމަށް އެމްޑީޕީފެ ފިޔަވަޅު އަޅާ ކޮމިޓީން ނިންމައިފިއެވެ.

އެ ކޮމިޓީން މިގޮތަށް ނިންމާފައި ވަނީ، ރާއްޖެއާއި މޮރިޝަސް އާ ފޯޅަވައްސާއި ދެމެދު އޮތް ކަނޑުގެ ފުށުއަރާ ސަރަހައްދު ވަކި ކުރުމުން ރާއްޖެއަށް ލިބުނު ގެއްލުމާ ބެހޭ ގޮތުން ސަރުކާރަށް ދެކޮޅަށް ވާހަކަ ދައްކަމުންދާ "ކަނޑު ވިއްކާލުމާ ދެކޮޅު އިއްތިހާދު" އާ ގުޅިގެން އިދިކޮޅު ސިޔާސީ ޕާޓީތަކާ އެކު ޕްރެސް ކޮންފަރެންސްގައި އަލީ އާޒިމް ބައިވެރިވެވަޑައިގެންނެވި މައްސަލަ އާއި ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ސޮއިކުރެއްވުމާ ގުޅިގެން އެމްޑީޕީގެ ޕީޖީ ލީޑަރު މުހައްމަދު އަސްލަމް ހުށަހެޅުއްވި މައްސަލަ ބަލުމަށްފަހު ގައެވެ.

'ދަ ޕްރެސް' އަށް އެނގިފައިވާ ގޮތުގައި މިއަދު މި މައްސަލައާ މެދު ގޮތެއް ނިންމުމަށް އެމްޑީޕީގެ ފިޔަވަޅުއަޅާ ކޮމިޓީން ބައްދަލުވުމެއް ކުރިއަށް ގެންގޮސްފައި ވާއިރު، އެ ބައްދަލުވުމުގައި ވަނީ އާޒިމް އެ ޕާޓީން ވަކި ވެއްޖެ ކަމަށް ނިންމާފައެވެ. އާޒިމް ވަކި ވެއްޖެ ކަމަށް ނިންމީ އެ ޕާޓީގެ އަސާސީ ގަވާއިދުގެ 19 ވަނަ މާއްދާ އާއި 20 ވަނަ މާއްދާގެ ދަށުންނެވެ.

ފިޔަވަޅު އަޅާ ކޮމިޓީގެ ބައްދަލުވުން ކުރިއަށް ދަނީ

ގަވާއިދުގެ 19 ވަނަ މާއްދާގައި ބުނަނީ އެމްޑީޕީގެ މެންބަރަކު އެހެން ސިޔާސީ ޕާޓީއެއްގައި ބައިވެރިވެއްޖެ ނަމަ ނުވަތަ ހަރަކާތްތެރިވެއްޖެ ނަމަ ޕާޓީން ވަކިވާނެ ކަމަށެވެ. އަދި ގަވާއިދުގެ 20 ވަނަ މާއްދާގައި ބުނެފައި ވަނީ ޕާޓީގެ މަސްލަހަތު ގެއްލުވާލުމަށް މަސައްކަތް ކުރާ މެންބަރެއް ނަމަ ވަކި ކުރެވޭނެ ކަމަށެވެ.

ކަނޑު ވިއްކުމާ ދެކޮޅު އިއްތިހާދުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ އާޒިމް (ވ 2) ބައިވެރިވަނީ

ކަނޑު ވިއްކުމާ ދެކޮޅު އިއްތިހާދުން ރޭ ބޭއްވި ޕްރެސް ކޮންފެރެންސްގައި އާޒިމް ބައިވެރިވެވަޑައިގެންފައިވާ އިރު، އިދިކޮޅު ސިޔާސީ ފަރާތްތަކުން ގުޅިގެން ޗާގޯސް މައްސަލައިގައި މައުލޫމާތު ދިނުމަށް އުފައްދާފައިވާ ކޯލިޝަނަށް "ކަނޑު ވިއްކުމާ ދެކޮޅު އިއްތިހާދު" މި ނަން ހުށަހެޅުއްވި ފަރާތަކީ ވެސް އާޒިމް ކަމަށް ރޭގެ ޕްރެސްގައި ޕީއެންސީގެ ލީޑަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވަނީ އިއުލާން ކުރައްވާފައެވެ.

އެ އިއްތިހާދުން ވަނީ ޗާގޯސް މައްސަލައިގައި އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތާއި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ހުށަހަޅާފައެވެ. ޝާހިދުގެ މައްސަލަ އަނބުރާ ނަގާފައި ވާއިރު، އެ އިއްތިހާދުން އަންނަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް އަޒުލް ކުރުމަށް ވެސް މެންބަރުންގެ ސޮއި ހަމަކުރަން މަސައްކަތް ކުރަމުންނެވެ.

އާޒިމް ވަކި ވެއްޖެ ކަަމަށް ނިންމާފައި ވާއިރު، އެމްޑިޕީ ދެބައިވެ، ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދު ކުރައްވާ އެމްޑީޕީގެ ބޭފުުން ގުޅިގެން ވަނީ "ފިކުރެއްގެ ދިރުން" ނަމުގައި ފެކްޝަނެއް ހަދާފައެވެ. އެ ފެކްޝަނުން އަންނަނީ ރައީސް ސޯލިހަށް ރިޔާސީ އިންތިހާބުގައި ތާއީދު ނުކުރާނެ ކަމަށް ފާޅުގައި ބުނެ އެމަނިކުފާނާ ދެކޮޅަށް ކެމްޕެއިން ކުރާ ފަރާްތަކާ ގުޅިގެން މަސައްކަތް ކުރަމުންނެވެ. އެ މަސައްކަތްތައް ކުރިއަށް ގެންދަނިކޮށް އެމްޑީޕީން ވަނީ އެ ޕާޓީއާ ދެކޮޅަށް ކަން ކުރާ ފަރާތްކާ މެދު ފިޔަވަޅު އަޅާނެ ކަމަށް ބުނެފައެވެ.