ރާއްޖޭގެ ދެކުނުގައި އުފެދިފައިވާ "ފެބިއެން" ކޮޅިގަނޑުގެ ސީދާ އަސަރު ރާއްޖެއަށް ނުކުރާނެ ކަމަށް މެޓް އޮފީހުން ބުނެފިއެވެ.
މެޓް އޮފީހުން ބުނީ، މި ކޮޅިގަނޑުގެ ސަބަބުން ރާއްޖެއަށް ވިއްސާރަ ނުކުރާނެ ކަމަށާއި ނަމަވެސް ވައިގެ އަސަރު ކުރާނެ ކަމަށެވެ. މިދުވަސްވަރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައަކީ ހުޅަނގުމޫސުމުގެ ވިއްސާރަ ކަމަށް ވެސް މެޓް އޮފީހުން ވަނީ ބުނެފައެވެ.
މިދުވަސްވަރު ރާއްޖޭއަށް ކުރަމުން ދާ ވިއްސާރަގައި މިއަދު ވެސް ގިނަ އަތޮޅުތަކަށް މޫސުން ގޯސްވާނެކަމަށް ލަފާކޮށް، މޫސުމާބެހޭ ޤައުމީ އިދާރާއިން ވަނީ ވައިޓް އެލާޓް ނެރެފައެވެ. ވައިޓް އެލާޓް ނެރެފައިވަނީ ފުވައްމުލަކު ސިޓީން ފެށިގެން ސިޓީއަށް، އަދި ބ އަތޮޅުން ފެށިގެން ފ.އަތޮޅާ ދެމެދުގެ ރަށްތަކަށެވެ.
މި އެލާޓް ނެރެފައިވަނީ މެންފުރު 01:00ގެ ނިޔަލަށެވެ. މެޓް އޮފީހުން ބުނީ، ގަޑިއަކު 19 މޭލާ 24 މޭލާ ދެމެދުގައި ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި ވިލާގަނޑުގައި 45 މޭލަށް ވައިގަދަވާނެ ކަމަށެވެ. އަދި ވިލާގަނޑުގައި ކަނޑުތައްވެސް ގަދަވާނެތީ، މޫސުމަށް ސަމާލުވުމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން އިލްތިމާސްކުރައްވައެވެ.
މެޓް އޮފީހުން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ފާއިތުވި 24 ގަޑިއިރު އެންމެ ގިނައިން ވާރޭވެހުނީ ހދ. ކުޅުދުއްފުއްޓަށެވެ. އެއީ 84 މިލިމީޓަރުގެ ވާރޭވެއެވެ. ދެން އެންމެ ގިނައިން ވާރޭވެހުނީ ހދ. ހަނިމާދު އަށެވެ. އެއީ 50.4 މިލިމީޓަރުގެ ވާރޭއެވެ.