ބީއެމްއެލް ކޮމިއުނިޓީ ފަންޑުގެ ދަށުން އދ. ފެންފުށި ޕްރީސްކޫލު މަރާމާތުކޮށް ތަރައްގީކޮށްފިއެވެ.

ފެންފުށީގައި ހިންގަމުންދާ ޖަމިއްޔާއެއް ކަމަށްވާ ފެންފުށި ޒުވާނުންގެ ދިރުމުގެ ފަރާތުން މި ޕްރޮޖެކްޓް ކުރިޔަށް ގެންގޮސްފައިވާއިރު މި ޕާކު މިހާރު ޕްރީސްކޫލު ކުދިންނަށާއި އާންމުންނަށް ހުޅުވާލާފައިވާ ކަމަށް ބީއެމްއެލް އިން ބުނެއެވެ.

މި ޕްރޮޖެކްޓާ ގުޅޭ ގޮތުން ފެންފުށި ޒުވާނުންގެ ދިރުމުގެ ފަރާތުން ޖަމިއްޔާގެ ރައީސް އަހުމަދު އަބްދުލް މުހުސިން ވިދާޅުވީ، މިރަށުގައި ކުޑަކުދިންގެ ޕާކެއް ނުހުންނަ ކަމަށާއި އެހެންކަމުން މި ޕްރޮޖެކްތުގެ ދަށުން އެޖަމިއްޔާގެ އެންމެ ބޮޑު މަގުސަދަކަށްވީ މި ޕާކު ތަރައްގީކޮށް ހިތްހަމަޖެހުމާއި އުފަލުގެ ތެރެއިން އެކުވެރި ބަދަހި އާއިލާތަކެއް އުފައްދާ އެއްބައިވަންތަ މުޖުތަމައުއެއް ބިނާކުރުން ކަމަށެވެ.

ޖަމިއްޔާގެ ފަރާތުން ރައްޔިތުންނަށް މިވަރުގެ ހިދުމަތެއް ކޮށްދެވުނީތީ ވަރަށް އުފާކުރަން. މި ފުރުސަތުގައި ބީއެމްއެލްއިން މުޖުތަމައިގެ ލާބައާއި މަންފާ އަށް ކުރަމުންދާ މަސައްކަތަށް ޝުކުރުއަދާކުރަން.
އަހުމަދު އަބްދުލް މުހުސިން

ބީއެމްއެލް ކޮމިއުނިޓީ ފަންޑަށް ހުށަހަޅާ ޕްރޮޕޯސަލްތަކަކީ ހިލޭ ސާބަހަށް ކުރާ މަސައްކަތްތަކާއި ތައުލީމާއި ކުޅިވަރު ހަރަކާތްތަކުގެ އިތުރުން ތިމާވެށި ހިމާޔަތްކުރުން ފަދަ ކަންކަމަށް އަމާޒުކޮށްގެން ހުށަހެޅޭ ޕްރޮޕޯސަލްތަކެކެވެ.

ކޮމިއުނިޓީ ފަންޑުގެ ދަށުން 80 ޕްރޮޖެކްޓަކަށް ފައިސާގެ އެހީތެރިކަން ފޯރުކޮށްދެވިފައިވާ ކަމަށް ބީއެމްއެލުން ބުންޏެވެ. "އަަހަރެންގެ ބޭންކް" ކޮމިއުނިޓީ ފަންޑުގެ ދަށުން ބީއެމްއެލުން އެހީތެރިކަން ފޯރުކޮށްދެމުންދާތާ ހަ އަހަރު ވަނީ ވެފައެވެ.