މި ސަރުކާރުގެ އިތުރުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަށް ހެޔޮ ބަހެއް ބުނާ އަޑު އިވެނީ ސިޔާސީ މަގާމުތަކުގައި ތިބި މަދު ބައެއްގެ ފަރާތުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެންބަރު، އަލީ އާޒިމް ވިދާޅުވެއްޖެއެވެ.

ރައީސް މުހައްމަދު ނަޝީދު ފެކްޝަނަށް ނިސްބަތްވާ އާޒިމް މިގޮތަށް ވިދާޅުވެފައި ވަނީ ރައީސް ސޯލިހުގެ ސަރުކާރަށް ފާޑު ވިދާޅުވަމުން މިއަދު ކުރެއްވި ޓްވީޓެއްގައެވެ. ގިނަ ދިވެހިންގެ ތާއިދު ނެތްކަން ފާހަގަ ކުރައްވަމުން އިތުރަށް އާޒިމް ވިދާޅުވެފައި ވަނީ "ދިވެހިން ތިބީ ރައީސް ސޯލިހަށް ދެވަނަ ދައުރެއް ދޭކަށެއް ނޫން" ކަމަށެވެ.

އެމްޑީޕީ ޕާލިމަންޓަރީ ގުރޫޕުގެ ލީޑަރުކަންވެސް މީގެ ކުރިން ކުރައްވާފައިވާ އާޒިމް މިހާރު ތާއިދު ކުރައްވަނީ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު އިސްކޮށް ހުންނަވައިގެން ހިންގަވަމުން ގެންދަވާ "ފިކުރެއްގެ ދިރުން" ފެކްޝަނަށެވެ.

އާޒިމް މިގޮތަށް ވިދާޅުވެފައި ވާއިރު، ރާއްޖެ އާއި މޮރިޝަސް އާ ދެމެދު އޮތް އިމުގެ މައްސަލައިގައި ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ސަރުކާރުން ދޫކޮށްލި ކަމަށް ކުރާ ތުހުމަތުގައި ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތުގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް ރައްޔިތުންގެ މަޖިލިހަށް މިދިޔަ ބުރާސްފަތި ދުވަހު ވަނީ ހުށަހަޅާފައެވެ. ރައްޔިތުން މަޖިލީހުގެ ތަޅުމަށް މި މައްސަލަ ހުށަހަޅާފައި ވަނީ "ފިކުރެއްގެ ދިރުން" ފެކްޝަނުގެ ތާއިދާ ވެސް އެކުގައެވެ.

ނަމަވެސް އެކަމާ ދެކޮޅު ހައްދަވަމުން އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަން އަދި ރައީސް އޮފީހުގެ މިނިސްޓަރު އިބްރާހީމް ވަހީދު ވިދާޅުވީ، ރިފްއަތުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލިހަށް އިދިކޮޅު މެންބަރުން ހުށަހެޅި ނަމަވެސް، އެމްޑީޕީން ރިފްއަތާ ދެކޮޅަށް ވޯޓު ނުދޭނެ ކަމަށެވެ.

އަދި އެމްޑީޕީގެ އަސާސީ ގަވައިދުގައިވާ ގޮތުން، އެހެން ޕާޓީއެއްގެ ހަރަކާތްތަކުގައި ބައިވެރިވެއްޖެ ނަމަ، ޕާޓީގެ މެންބަރުކަން ގެއްލޭނެ ކަމަށްވެސް ވަހީދު ވަނީ ވިދާޅުވެފައެވެ.