މާދަމާ ތުރުކީގައި ފަށާ ރިޔާސީ އިންތިހާބުގެ ވޯޓަށް ރަޝިއާއިން ނުފޫޒު ފޮރުވާކަމަށް އިދިކޮޅު ކެންޑިޑޭޓް ކެމަލް ކިލިކްދަރޮގްލޫ ތުހުމަތު ކޮށްފިއެވެ.

އެތުހުމަތުތަކާ ގުޅޭ ތަފްސީލެއް އޭނާ ހާމަ ކޮށްފައި ނުވިނަމަވެސް ރަޝިއާ ބަހުން އޭނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ އޭނާއާ ދެކޮޅަށް ތުރުކީގައި ފަތުރާ ކޮންޓެންޓް (މީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި ފަތުރާ މައުލޫމާތު) އެޑިޓްކޮށް، ކަނޑާ އެއްކޮށް ދޮގު މައުލޫމާތު ހިމެނޭ ގޮތަށް ފަތުރަނީ ރަޝިއާއިން ކަމަށެވެ.

އިތުރަށް އޭނާ ބުނެފައި ވަނީ މި އިންތިހާބަށް ފަހުވެސް ރަޝިއާއިން ތުރުކީ އާ ގުޅުން ބާއްވަން ބޭނުންނަމަ ތުރުކީގެ މައްޗަށް ނުފޫޒުފޯރުވުން ހުއްޓާލުމަށެވެ.

މިކަމާ ގުޅިގެން ރަޝިއާއިން ވަނީ ވަގުތުން ޖަވާބު ދީފައެވެ. ރަޝިއާގެ ތަރުޖަމާން ޑިިމިޓްރީ ޕެސްކޯވް ވިދާޅުވީ، އެއްވެސް ގައުމެއްގެ ދާހިލީ ކަމަކާ ރަޝިއާއިން ނުބެހޭނެ ކަމަށާއި ކިލިކްދަރޮގްލޫ އަށް މައުލޫމާތު ދިން ބަޔަކު އެދިނީ މުޅިން ނުބައި މައުލޫމާތެއް ކަމަށެވެ.

އަދި ރަޝިއާ އަކީ ވަރަށް ބޮޑަށް އަސާސް ތަކުގައި ހިފަހައްޓާ ގައުމެއް ކަމަށާއި ސަރަހައްދީ އަދި ބައިނަލްއަގުވާމީ މައްސަލަތަކުގައި މިހާތަނަށްވެސް ތުރުކީން ހިފަހައްޓަމުން އަދި ދައްކަމުން ގެންދަނީ ޒިންމާދާރު މިނިވަން ދައުލަތެއްގެ ސިފަތައް ކަމަށާއި އެއީ ރަޝިއާއިން އިހުތިރާމް ކުރާ ކަމެއް ކަމަށެވެ.

މި ކިލިކްދަރޮގްލޫ މީގެ ކުރިންވެސް ވަނީ މިފަދަ ތުހުމަތެއް ކޮށްފައެވެ. އޭރު އޭނާ އެގައުމުގެ އޮފިޝަލުންނަށް ގޮވާލާފައި ވަނީ ވޯޓަށް ނުފޫޒު ފޯރުވުމުގެ ބޭނުމުގައި "ޑާކް ވެބް" ގައި ފާޑުފާޑުގެ މައުލޫމާތު ހިއްސާ ނުކުރަމެވެ.

އޭނާ ބުނެފައި ވަނީ، އެކަން ކުރަން ތުރުކީގެ ސަރުކާރުން ބޭރުގެ ހެކަރުންނާ ޑީލް ހަދާފައި ވާ ކަމަށާއި އެމީހުންނަށް ފައިސާ ދައްކަނީ ބިޓްކޮއިން ފަދަ ވަސީލަތްތަކުން ކަމަށެވެ. ނަމަވެސް އެ ތުހުމަތުތައް ޕްރެޒިޑެންޝަލް ކޮމިއުނިކޭޝަން ޑިރެކްޓަރު ފަހްރެތީން އަލްތުން ވަނީ ދޮގުކުރައްވާފައެވެ.

ތުރުކީގެ އިންތިހާބު ފޯރިގަދަވެ ބޯމަތިވެފައި ވާ އިރު ކިލިކްދަރޮގްލޫ ވަނީ ތުރުކީގެ މިހާރުގެ ރައީސް ރަޖަބް ތޮއްޔިބް އުރުދުގާންގެ 20 އަަހަރުވީ ވެރިކަން ނިމުމަކަށް ގެނެސް އޭނާގެ ވެރިކަމެއްގައި ތުރުކީގެ ސިޔާސަތު ބަދަލު ކޮށްލާނެ ކަމަށް ވިދާޅުވެއެވެ. އެގޮތުން ކްރެމްލިންގެ ބަދަލުގައި ގުޅުންތައް ގާއިމުކޮށް ފުޅާ ކުރާނީ ހުޅަނގާއެކު ކަމަށް އޭނާ ވަނީ ބުނެފައެވެ.

ނަމަވެސް އޭނާގެ ފޮރިން ޕޮލިސީ އެޑްވައިޒަރު ބުނެފައިވަނީ ކިލިކްދަރޮގްލޫ ހޮވުނު ނަމަވެސް ރަޝިއާއާ މެދު އޮންނަ ސިޔާސަތަށް މާބޮޑު ބަދަލެއް ނާންނާނެ ކަމަށާއި ރަޝިއާ އާއެކު ރަނގަޅު ގުޅުމެއް އޮންނާނެ ކަމަށެވެ. ނަމަވެސް ދާދި ފަހުން ތުރުކީއަށް ބިންހެލުން އައި ސަރަހައްދުތަކުގައި އަދިވެސް މަގުބޫލީ އުރުދުގާންއެވެ. ޖުމްލަ 3 ކޯލިޝަނަކުން އިންތިހާބުގައި ވާދަ ކުރާ އިރު އުރުދުގާން ވާދަކުރައްވާ ކޯލީޝަންގައި 4 ޕާޓީ، ކިލިކްދަރޮގްލޫ ކޯލީޝަންގައި 6 ޕާޓީ އަދި ލޭބާ ޕާޓީއާއި ފްރީޑަމް އެލަޔަންސް ހިމެނޭ ކޯލިޝަން ވާދަކުރެއެވެ.

64 މިލިއަނަށް ވުރެ ގިނަ މީހުން ވޯޓުލާ އިންތިހާބަށް ކިލިކްދަރޮގްލޫ ނިކުމެފައި ވަނީ ކޯލިޝަނަކުން ކަމަށް ވާއިރު، ލަފާކުރާ ޕޮލްތަކުން ދައްކަނީ އުރުދުގާން ކުރީގައި އޮތް ކަމަށެވެ. އެގޮތުން އުރުދުގާން އަށް 32.8 ޕަސެންޓް ލިބިވަޑައިގަންނަވާ އިރު ކިލިކްދަރޮގްލޫ އަށް ލިބޭނެ ކަމަށް ދައްކަނީ 27.6 ޕަސެންޓެވެ.

މާދަމާގެ ވޯޓުގައި އެއްވެސް ކެންޑިޑޭޓަކަށް 50 ޕަސެންޓް ނުލިބިއްޖެ ނަމަ ދެވަނަ ބުރު އޮންނާނީ މެއި 28، 2023 ގައެވެ.