ބަންޑާރަނައިބު އިބްރާހީމް ރިފްއަތުގެ އިތުބާރު ނެތް ކަމަށް ރައްޔިތުންގެ މަޖިލިހަށް ހުށަހަޅާފައިވާ މައްސަލަ އަށް ތާއީދުކޮށް ވޯޓުދޭ މެންބަރުން ވަކިކުރާނެ ކަމަށް، އެ ޕާޓީން ބުނެފިއެވެ.

ރާއްޖެ އާއި މޮރިޝަސް އާ ދެމެދު އޮތް އިމުގެ މައްސަލައިގައި ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ސަރުކާރުން ދޫކޮށްލި ކަމަށް ކުރާ ތުހުމަތުގައި ރިފްއަތުގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް ރައްޔިތުންގެ މަޖިލިހަށް ހުށަހަޅާފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހުގައެވެ.

ރިފްއަތާ ދެކޮޅަށް ހުށަހެޅި މައްސަލައިގައި އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ "ފިކުރެއްގެ ދިރުން" ފެކްޝަންގެ މެންބަރުންގެ ތާއީދު އޮތީ ރިފްއަތު މަގާމުން ވަކިކުރުމަށެވެ. އެކަން ކުށްވެރިކޮށް އެމްޑީޕީން ވަނީ ހަމަ އެ ދުވަހު ބަޔާނެއް ވެސް ނެރެފައެވެ.

އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަން އަދި ރައީސް އޮފީހުގެ މިނިސްޓަރު އިބްރާހީމް ވަހީދު ވިދާޅުވީ، ރިފްއަތުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލިހަށް އިދިކޮޅު މެންބަރުން ހުށަހެޅި ނަމަވެސް، އެމްޑީޕީން ރިފްއަތާ ދެކޮޅަށް ވޯޓު ނުދޭނެ ކަމަށެވެ.

"ޔަގީން ކަމާ އެއްކޮށް މި ބުނަނީ ރިފްއަތު ވަތްކެއް ނުކުރެވޭނެ އިނގޭތޯ،"

އޭނާ ވިދާޅުވި ގޮތުގައި، އެމްޑީޕީގެ އަސާސީ ގަވައިދުގައިވާ ގޮތުން، އެހެން ޕާޓީއެއްގެ ހަރަކާތްތަކުގައި ބައިވެރިވެއްޖެ ނަމަ، ޕާޓީގެ މެންބަރުކަން ގެއްލޭނެއެވެ.

"އަޅުގަނޑުމެންގެ މެންބަރުން ސޮއިކޮށް ވޯޓު ދީ ހަދައިފިއްޔާ ޕާޓީގެ އަސާސީ ގަވައިދުގައި ވާ، މިހާރު ވެސް ލިޔެވިފަ އޮންނާނެ، އެހެން ސިޔާސީ ޕާޓީއެއްގެ ހަރަކާތްތަކުގައި ބައިވެރިވީމަ އެމްޑީޕީގެ މެންބަރުކަން ގެއްލޭނެ، އަލުގަނޑުމެން އެކަން ތަންފީޒުކުރާނަން،" އިބްރާހީމް ވަހީދު ވިދާޅުވިއެވެ.

އަދި ޕާޓީން ވަކިކުރުމުގެ ކުރިން އެ މެންބަރުންނަށް އެކަން އަންގައި، ދިފާއުގައި ހުށަހަޅަން ޖެހޭ ހުށަހެޅުން ހުށަހަޅަން ފުރުސަތު ދޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"މީތި (މެންބަރުން ވަކިކުރުން) އަޅުގަނޑުމެން ހަމަ ރަސްމީކޮށްލަން ޖެހޭނީ، އަޅުގަނޑުމެން [އެކަން] ރަސްމީ ކުރާނީ ޕާޓީގެ ގުނަންތަކުގަ އެ އޮންނަ އުސޫލުގެ ތެރެއިން،"
އިބްރާހީމް ވަހީދު | އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަން

ގާނޫނުއަސާސީގެ 100 އާއި 101 ވަނަ މާއްދާގައިވާ ގޮތުން، ސަބަބު ބަޔާންކޮށް، ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅޭނީ މަޖިލީހުގެ ތިންބައިކުޅަ ދެބައި މެންބަރުންގެ ސޮޔާ އެކުގައެވެ. އަދި ވަޒީރެއްގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް ހުށަހެޅޭނީ މަދުވެގެން 10 މެންބަރުންގެ ސޮޔާ އެކުގައެވެ.

ވަޒީރެއްގެ އިތުބާރު ނެތް ކަމަށް ފާސްވުމަށް މަޖިލީހުގެ ދެބައިކުޅަ އެއްބައި މެންބަރުންގެ ވޯޓު ބޭނުންވާނެއެވެ. އެއީ 43 ވޯޓެވެ. ރައީސްގެ އިތުބާރު ނެތް ކަމަށް ފާސްވާނީ މަޖިލީހުގެ މެންބަރުންގެ ތިންބައިކުޅަ ދެބައި މެންބަރުންގެ ވޯޓުންނެވެ.

ބަންޑާރަނައިބު ރިފްއަތުގެ މައްސަލަ މަޖިލިހަށް ހުށަހަޅާފައިވާއިރު، އަންނަ ހަފްތާގައި ފޮރިން މިނިސްޓަރު ޝާހިދުގެ މައްސަލަ އަންނަ ހަފްތާގެ ތެރޭގައި ހުށަހަޅުއްވާނެ ކަމަށް، ވިލިމާލެ ދާއިރާގެ މެންބަރު އަހްމަދު އުޝާމް ވަނީ މިއަދު ވިދާޅުވެފައެވެ.