ފަހުގެ ތާރީހުގައި ކަނޑުމަތީގެ ނުރައްކާތެރި ހާދިސާތައް ހިނގާފައި ވާއިރު އެފަދަ ގިނަ ހާދިސާތަކުގައި އިންސާނުންގެ ފުރާނައާއި ގިނަ އަދަދެއްގެ މުދަލާއި އުޅަނދު ގެއްލިދެއެވެ. އެ ފަދަ ކޮންމެ ހާދިސާއަކީވެސް ބިރުވެރި އަދި އެހާމެ ނާމާން ހާދިސާތަކަށް ވާއިރު ހިލަވެލި ބަރުކޮށްގެން، މިދިޔަ ބުދަ ދުވަހުގެ ރޭ މެންދަމު 3 ޖަހާ ހާއިރު މާލެއިން ފުރައިގެން ބ. ދަރަވަންދޫއަށް ދަތުރު ކުރަމުން ދިޔަ "ޖަންބޯ" ނަމަކަށް ކިޔާ ދޯނިން ގެއްލުނު ދެމީހުންވެސް ކުރީ މިފަދަ ބިރުވެރި ތަޖުރިބާއެކެވެ.
މާލެއިން ފުރައިގެން ދަރަވަންދުއަށް ދަތުރުކުރަމުން ދިޔަ އެ ދޯނި ކ. ގާފަރު ފަޅަށް ވަނީ ވިލާގަނޑެއް [ވިއްސާރަ ވިލާ] ހަދާފައި ހުރުމާއެކު އެ ރަށުގައި މަޑުކޮށްލުމަށް ފަހު ކައްކާ އަދި ކެއުމުގެ ވެސް މަގުސަދުގައެވެ. އެއަށްފަހު ބުރާސްފަތި ދުވަހު ހެނދުނު 10:40 ހާއިރު ގާފަރުން ނައްޓާލިތާ މާ ގިނަ އިރެއް ނުވެ ދޯންޏަށް ރާޅެއް އަރާ ދޯނި ބަންޑުން ޖަހާލީއެވެ. ދޯނީގައި ދިވެހި ކައްޕިއެއް ހުރިއިރު ފަޅުވެރިއެއްގެ ގޮތުގައި ހުރީ ބިދޭސީއެކެވެ.
އެ ހާދިސާއާ ހިނގިގޮތް "ދަ ޕްރެސް" އާ ހިއްސާ ކުރަމުން ދޯނީގެ ކައްޕި، ހުސައިން ރަޝީދު ބުނީ ދޯނި ބަންޑުން ޖަހާލީ ގާފަރުން ނައްޓާލިތާ މާގިނައިރު ތަކެއް ނުވަނީސް ގާތްގަނޑަށް ގާފަރުގެ ބޭރުން 8 މޭލާ ހިސާބުން ކަމަށެވެ. އަދި ދޯނި ބަންޑުން ޖަހާލަން މެދުވެރިވި ގޮތް ކިޔަދެމުން ހުސައިން ބުނީ އެ ދޯންޏަކީ ވަރަށް ބޮޑަށް ރޯލް ވާ ދޯންޏެއް ކަމަށާއި ރާޅާއެކު ދޯނީގައި ހުރި ތަކެތި އެއްފަރާތަށް ކަހާލުމާއެކު ދޯނި އަޑިއަށް ދިޔައީ ކަމަށެވެ.
ހުސައިން ބުނީ ދޯންޏަކީ 1200 ބަސްތާ އެރުވޭ ދޯންޏެއް ކަމަށާއި އެހެންނަމަވެސް އެ ދޯންޏަށް އަރުވާފައި ހުރީ 700 ބަސްތާ ކަމަށެވެ. އަދި ދޯނި ބަންޑުން ޖަހާލިއިރު އޭނާ ހުރީ ހުންގާނުގައި ކަން ފާހަގަ ކުރަމުން ހުސައިން ބުނީ ބިދޭސީ މީހާ ހުރީ އިންޖީނުގެ ކައިރީގައި ކަމަށެވެ. އަދި އެވަގުތު ވީލް ހައުސްގެ ތެރެއިން ނިކުންނަން ހުސައިން ކުރީވެސް އަނިޔާވެރި ހަނގުރާމައެކެވެ. ހުސައިން ބުނީ ވީލްހައުސްގެ ބިއްލޫރި ގަނޑު ތަޅާލުމަށް ފަހު އޭނާއަށް އެތަނުން ނިކުމެވުނުްއިރު ހަށިގަނޑުގައި ގިނަ އަދަދެއްގެ ޒަހަމްތަކެއް ހުރި ކަމައެވެ. އެގޮތުން ފަޔާއި އަތާއި ބަނޑު އަދި މެޔަށްވެސް ބިއްލޫރި ހެރި ޒަހަމްވެފައި ވާކަން އޭނާ ފާހަގަ ކުރިއެވެ.
ދޯނި އަޑިއަށް ދިޔުމާއެކު ކަނދުފައްޗެއް ބަނދެ، ކަނދު ފައްޗަށް އަރައިގެން ތިބީ ކަމަށާއި އިއްޔެ ރޭގެ ވަގުތުތަކުގައިވެސް ދަތުރުކޮށްފައިދާ އުޅަނދުތައް ފެނުނު ނަމަވެސް އަލިކަމެއް ނެތުމާއެކު އެ ދިމާލަށް ދާން އުނދަގޫވާނެތީ ތިބީ ކަމަށް ހުސައިން ކިޔައިދިނެވެ.
ދޯނި އޮންނަތަން އޮޑިވެރި ފަރާތަށް އެނގޭނެ ކަމަށާއި އެކަން އެމްއެންޑީއެފްއަށް ރިޕޯޓް ކުރީ ވެސް އޮޑިވެރިޔާ ކަމަށް ހުސައިން ވަނީ ބުނެފައެވެ. ހުސައިން ބުނީ ދޯނި އޮތް ސަރަހައްދު އެނގުނު ނަމަވެސް މީހުން ނުފެނި ގިނައިރު ވީ އޮޔާއެކު މީހުން ތިބީ އެ ސަރަހައްދާ މާ ދުރުގައި ކަމުންނެވެ.
ހުސައިން ބުނީ އެ މީހުން ތިބި ސަރަހައްދަށް އެމްއެންޑީއެފްގެ ކޯސްޓްގާޑަށް ދެވިފައި ނުވި ނަމަވެސް އެ މީހުން ވެސް އެ ސަރަހައްދުގައި ހަރަކާތްތެރި ވަމުން ދިޔަ ކަމަށެވެ.
މި ހާދިސާ ހިނގާފައި މިވަނީ އެ ދޯނީގައި ހުސައިން މަސައްކަތް ކުރަން ފެށިފަހުން އޭނާގެ ކުރި ދެވަނަ ދަތުރުގައެވެ. ހުސައިން ބުނީ އެ ހުރިހާ ވަގުތެއްގައި ވެސް މޫސުން މާ ގޯސް ނޫން ކަމަށާއި ކަނޑުމަތީގައި އެ ހުރިހާ ވަގުތެއް ހޭދަކުރި އިރުވެސް ހަނދާންވަމުން ދިޔައީ އަނބިމީހާއާއި ދަރިންގެ މަތިން އެކަނި ކަމަށާއި މާތްﷲ އަށް ޝުކުރު ކޮށްލައިގެން އޮތީ ކަމަށެވެ.
އެ ދޯނީގައި ހުރި ބިދޭސީ މީހާއަށްވެސް ފަތަން އެނގޭ ކަމަށާއި އެހެންނަމަވެސް އޭނާ ވަރަށް ބިރުން އުޅުނު ކަމަށް ހުސައިން ބުންޏެވެ. އަދި ތަކުރާރުކޮށް އޭނާ މަރުވާން ދޫކޮށްލާފައި ހުސެއިން ދިއުމަށް ބިދޭސީ މީހާ އާދޭސް ކުރަމުން ދިޔަ ނަމަވެސް ހުސައިންވެސް ވީ ހާލެއްގައި އެ މީހާވެސް ގެންގުޅޭނެ ކަމަށް ބުނެދެމުން ދިޔަ ކަމަށް ހުސައިން ބުންޏެވެ.
ހުސައިން ބުނީ ކޮންމެ ކަމެއް ވިޔަސް ހެޔޮ ކަމުގައި އޭނާ އެތާ އޮތީ ކަމަށާއި އިތުރަށް ކަންކަމާ ވިސްނަން ފަށައިފިނަމަ ހާލު މާ ދަށްވެދާނެ ކަން އެނގޭތީއާއެކު ބިދޭސީ މީހާއަށްވެސް ނަސޭހަތްތެރިވަމުން ދިޔައީ ކަމަށެވެ. ހުސައިން ދިޔައީ އޭނާއަށް ވެސް ހިތްވަރުދީ އެފަދަ ކަމަކާ މެދު ވިސްނުމުގެ ފުރުސަތު ނުދޭން މަސައްކަތް ކުރަމުންނެވެ.
ކަނޑުމަތީގެ އެކި މަސައްކަތްތަކުގައި މީގެ ކުރިންވެސް އުޅެފައި ހުރި ހުސައިން އަކީ ވެސް ކަނޑަށް ފަރިތަ އަދި ގިނަ ތަޖުރިބާތަކެއް ވެސް ކޮށްފައިވާ މީހެކެވެ. ހުސައިން ބުނީ އެފަދަ ހާދިސާއެއް އޭނާއާ މީގެ ކުރިން ދިމާވެފައި ނުވާ ކަމަށާއި އެހެންނަމަވެސް ދޯންޏަށް ރާޅު އަރައިގެން ކުދި ކުދި ހާދިސާތައް ދިމާވެފައިވާ ކަމަށެވެ.
އިއްޔެގެ ހެނދުނު 10:11 ހާއިރު އެ މީހުން ހޯދާފައި ވަނީ އަމިއްލަ ފަރާތެއްގެ ލޯންޗެއް ކަމަށް ވާ ޓްރެވަލީ ފިޝް ފައިޓާސް ލޯންޗުންނެވެ. ގާތްގަނޑަކަށް 24 ގަޑިއިރު ހަށިގަނޑަށް ލިބިފައިވާ ޒަހަމްތަކާއެކު ކަނޑުމަތީގައި ދެ މީހުން ހޭދަކުރިއިރު މުދަލަށާއި ދޯނި ގެއްލި، އަގު ނުކުރެވޭ ވަރުގެ ގެއްލުމެއް ވަނީ ލިބިފައެވެ.
ހުސައިން ބުނީ ހުރިހާ ތަކެތި ވީ ކަނޑު އަޑީގައި ކަމަށާއި ލިބުނު ގެއްލުމުގެ އަދަދު ގާތްގަނޑަކަށް 8 މިލިއަން ރުފިޔާއަށް އަރާނެ ކަމަށެވެ. އެހެންނަމަވެސް އެތަކެތި ނެގުމުގެ މަސައްކަތް ނުކުރާ ކަމަށްވެސް އޭނާ ފާހަގަ ކުރިއެވެ.