40 މީހުންނާއެކު ދަތުރުކުރަމުންދިޔަ ބޯޓެއްގެ އިންޖީނު ހުއްޓުމާ ގުޅިގެން އެމްއެންޑީއެފްއިން އެހީތެރިކަން ފޯރުކޮށްދޭން ފަށައިފިއެވެ.
އެމްއެންޑީއެފްއިން މައުލޫމާތު ދީފައިވާ ގޮތުގައި އެއީ މާލެއިން ފުރައިގެން ޅ. ނައިފަރަށް ދަތުރުކުރި "ލައިފްލައިން" ނަމަކަށް ކިޔާ ބޯޓެކެވެ.
އެ ބޯޓުގެ އިންޖީނު ހުއްޓުމާ ގުޅިގެން، އެ ބޯޓުގައި ތިބި އަންހެނުންނާއި ކުޑަކުދިން ނައިފަރަށް ގެންގޮސްދިނުމަށް އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑު ފަސްޓް ސްކޮޑްރަންއިން ހަރަކާތްތެރިވަމުންދާކަން އެމްއެންޑީއެފްއިން ބުނެފައިވެއެވެ.
އެމްއެންޑީއެފްއިން ބުނީ ލައިފްލައިން ބޯޓުގައި ތިބި މީހުން ނައިފަރަށް ގެންގޮސްދިނުމުގައި ހަރަކާތްތެރިވަމުން ދަނީ އެމްއެންޑީއެފް ކޯސްޓްގާޑު ފަސްޓް ސްކޮޑްރަންގެ ދެ ހާބާކްރާފްޓް ލޯންޗާއި ކޯސްޓްގާޑުގެ ގަލްފްކްރަފްޓް ލޯންޗެއް ކަމަށެވެ.
40 މީހުންނާއެކު ދަތުރުކުރި އެ ބޯޓުގެ އިންޖީނު ހުއްޓިފައި ވަނީ ކާށިދޫގެ އިރުން ކަމަށް އެމްއެންޑީއެފްއިން ވަނީ ބުނެފައެވެ. އެ ހާދިސާގެ ރިޕޯޓް ލިބިފައި ވަނީ މިއަދު ހެނދުނު 8:15 ހާއިރު ކަމަށް އެމްއެންޑީއެފްއިން ބުނެއެވެ.