އަޕްޑޭޓް: މި ހަބަރުގައި ލޯންޗެއް ކަމަށް ލިޔެފައި އެވަނީ، ހާދިސާ އާ ގުޅޭގޮތުން އެމްއެންޑީއެފް އިން މައުލޫމާތު ދިން ގޮތަށެވެ. ނަމަވެސް ފުލުހުން ދިން މައުލޫމާތާއި 'ދަ ޕްރެސް' އިން ބެލިބެލުމުން އެއީ ށ. ފުނަދުއަށް ދަތުރުކުރި ސަޕްލައި ދޯންޏެއްކަން ވަނީ އެނގިފައެވެ.

ހދ. ކުމުންދޫ ކައިރިއަށް ބަންޑުން ޖަހާލި ލޯންޗަކުން ކަނޑުވި މީހުން ސަލާމަތް ކޮށްފިއެވެ.

އެމްއެންޑީއެފް އިން ބުނީ ކުމުންދޫ ކައިރިން ބަންޑުން ޖަހާލި ކަމުގެ މައުލޫމާތު އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑު ފަސްޓް ސްކޮޑްރަންއަށް ލިބުނީ މިއަދު ހެނދުނު 08:45 ހާއިރު ކަމަށެވެ.

އަދި އެ ސަރަހައްދަށް ގޮސް، ކަނޑުވެފައި ތިބި ހަތަރު މީހުން ސަލާމަތްކޮށްފައިވާއިރު އޭގެތެރެއިން ދެ މީހެއްގެ ހާލު ދެރަވުމާ ގުޅިގެން ކުޅުދުއްފުއްޓަށް ގެންގޮސްފައިވާ ކަމަށްވެސް އެމްއެންޑީއެފް އިން މައުލޫމާތު ދިނެވެ. އެ ދެމީހުންނަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި މިހާރު ދަނީ ފަރުވާ ދެމުންނެވެ.

އަދި އެ ލޯންޗުން ކަނޑުވި ބާކީ ދެ މީހުން، ވެރިފަރާތުން ފޮނުވި ސަޕްލައި ދޯންޏަކަށް ނަގާފައިވާ ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.

ރޭ ވެސް ވަނީ ޑިންގީ އެއް ބަންޑުން ޖަހަލާ ކަނޑުވި ބަޔަކު ފުލުހުން އެހީތެރިކަން ފޯރުކޮށްދީފައެވެ. ޒަމާނީ އައިލެންޑު ރިސޯޓުން ކ. ގުރައިދޫއަށް ދަތުރުކުރަމުން ދިޔަ އެ ޑިންގީއެއް ބަންޑުން ޖަހާލައި އޭގެން ދަތުރު ކުރި 17 މީހުން ވަނީ ސަލާމަތް ކޮށްފައެވެ. އެއީ ހުސްވެސް ބިދޭސީން ކަމަށް ފުލުހުން މައުލޫމާތު ދިނެވެ.

ހުޅަނގު މޫސުމުގެ ބާރުގަދަވެފައިވާ މި ދުވަސްވަރު ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް ކަމާބެހޭ ފަރާތްތަކުން ދަނީ ކެނޑިނޭޅި އިރުޝާދު ދެމުންނެވެ.