ހދ. ކުމުންދޫ ކައިރިން ދަތުރު ކުރަނިކޮށް ބަންޑުން ޖަހާލި ސަޕްލައި ދޯންޏަކުން ކަނޑުވެ ހާލުދެރަވި ދެމީހުންގެ ތެރެއިން އެކަކު ނިޔާވެއްޖެއެވެ.
ޖުމްލަ 4 މީހަކު ތިބި އެ ދޯނި ބަންޑުން ޖަހާލަން ދިމާވި ހާދިސާގެ ތަފްސީލު އަދި ލިބިފައި ނުވި ނަމަވެސް، އެ ހާދިސާގައި 2 މީހެއްގެ ހާލު ދެރަވެގެން ފަރުވާ ދެމުން ދަނިކޮށް އެކަކު ވަނީ ނިޔާވެފައެވެ.
ނިޔާވީ، އުމުރުން 66 އަހަރުގެ ފިރިހެނެއް ކަމަށާއި އޭނާ ނިޔާވީ އެ އތޮޅު ކުޅުދުއްފުޑީ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށް ކަމަށް 'ދަ ޕްރެސް' އަށް ވަނީ މައުލޫމާތު ލިބިފައެވެ.
ހާލު ދެރަވި ދެވަނަ މީހާއަށް ވެސް ފަރުވާ ދެމުން ގެންދާ އިރު، ދެން ތިބި 2 މީހުންގެ ހާލު ރަނގަޅު ކަމަށް މައުލޫމާތު ލިބެއެވެ.
މި ހާދިސާ އާ ގުޅޭ މައުލޫމާތު ހިއްސާ ކުރަމުން ބަންޑުންޖަހާލީ ލޯންޗެއް ކަމަށް އެންއެމްޑީއެފް އިން ބުނި ނަމަވެސް އެއީ ސަޕްލައި ދޯންޏެއް ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި އެ ދޯނި ބަންޑުން ޖަހާލި އިރު ދަތުރު ކުރަމުން ދިޔައީ ށ. ފުނަދުއަށް ދާން ކަމަށް ވެސް އެނގިފައި ވެއެވެ.
2 ދިވެހިންނާއި 2 ބިދޭސީން ތިބި އެ ދޯނި ބަންޑުން ޖަހާލި އިރު އޭގައި ހުރީ ޖަމްބޯ ބޭގްތަކެއް ކަމަށް މައުލޫމާތު ލިބިފައި ވީ ނަމަވެސް މުދަލުގެ ތަފްސީލެއް އަދި ނުލިބެއެވެ.
މި ދޯނިން ދަތުރުކުރި މީހުން ކުޅުދުއްފުއްޓަށް ގެންގޮސްފައި ވަނީ އެމްއެންޑީއެފް ގެ ބޭކަލުންނެވެ.