ސިއްހީ ދާއިރާއަށް މިއަދަކީ ހާއްސަ ދުވަހެކެވެ. ތަފާތު ބަލިތައް ތަހައްމަލު ކުރާ މީހުންނަށް އެންމެ ގާތުން ހިދުމަތް ދޭ، ނަރުހުންނަށް ހާއްސަ ދުވަހެއްގެ ގޮތުގައި މިއަދު ފާހަގަ ކުރާ އިރު، އެމީހުންނަށް ތައުރީފާއި ތަހުނިޔާ ކިޔާ ނުލައި ނިންމާލެވޭކަށް ނެތެވެ. ބައިންލައަގްވާމީ ނަރުހުންގެ ދުވަހާ ގުޅިގެން މިއަދު 'ދަ ޕްރެސް' ގެ މީހުން ސިލްސިލާގައި މި ގެނެސްދެނީ 14 އަހަރަށް ވުރެ ގިނަ ދުވަހު ނަރުހެއްގެ ގޮތުގައި މަސައްކަތް ކުރި ޒުވާނެކެވެ.
ގދ. ފަރެސްމާތޮޑާއަށް އުފަން އުމުރުން 33 އަހަރުގެ އާއިޝަތު ނަޒްރާ އަލީ މި ދާއިރާއަށް ވަނުމުގެ ޝައުގުވެރިކަން އުފެދިގެން އައި ގޮތް ހިއްސާ ކުރަމުން ބުނީ، ކުޑައިރު ނަރުސް ކުދިން ލާ ޔުނީފޯމަކީ ވަރަށް ކަމުދިޔަ ޔުނީފޯމެއް ކަމަށެވެ. ހުދު ކުލައިގެ އެ ޔުނީފޯމަށް ހިތް ޖެހުނު އިރު، އެ ޔުނީފޯމް ލާން އޭރު އޭނާ ބޭނުން ވިއެވެ. އަދި ބަލިވެގެން ހޮސްޕިޓަލަށް ދާ ފަހަރުތަކުގައި ނޫނީ ބަލި މީހަކަށް ގޮވާލަން ދާ ފަހަރުތަކުގައި ނަރުހުން ދޭ ހިދުމަތް ފެނި، މި ދާއިރާއަށް ވަނުމުގެ ޝައުގުވެރިކަން އުފެދިގެން ދިޔަ ކަމަށް އޭނާ ބުނެއެވެ.
މަދުރަސީ ހަޔާތް ނިންމާލުމަށް ފަހު ނަޒްރާ، މަތީ ތައުލީމް ހާސިލް ކުރަން ނިންމައި ނަރުހަކަށް ވުމުގެ ފޮނި އުންމީދުގައި ކިޔަވަން ފެށިއެވެ. އެ ގޮތުން އެޑްވާންސް ސެޓްފިކެޓް އޮފް ނާސިން ފުރިހަމަ ކުރުމަށް ފަހު 2009 ވަނަ އަހަރު އައިޖީއެމްއެޗާ ގުޅިގެން މަސައްކަތް ފެށީ މި ދާއިރާއިން ކުރިއަށް ދިއުމުގެ ފޮނި ހުވަފެންތަކެއް ދެކެމުންނެވެ. 2021 ވަނަ އަހަރު ނަރުހުންގެ ދާއިރާއިން މާސްޓަށް ހާސިލް ކޮށްފައިވާ އިރު، މިހާރު ނަޒްރާ އަކީ ސީނިއާ ރެޖިސްޓާޑް ނާސް މިޑްވައިފްގެ މަގާމުގައި ހުރި އަދި އެ ހޮސްޕިޓަލުގެ ގާއިނީ ވޯޑް ސީ އަދި ޑީގެ ނަރުހުންގެ މެނޭޖަރެވެ.
14 އަހަރުގެ ދިގު މި ދަތުރުގައި އޭނާ ކުރި ތަޖުރިބާ ހިއްސާ ކުރަމުން ބުނީ، ބަލި މީހުންނަށް ހިދުމަތް ކުރާ އިރު އެންމެ ހިތަށް އަސަރު ކުރަނީ މާބަނޑު މީހުން ވިހެއުމުގައި ދިމާވާ ބައެއް ހާދިސާތައް ކަމަށެވެ. އެގޮތުން ވިހެއުމުގެ ތެރޭގައި ދަރިފުޅު ބަނޑަށް މަރުވުމާއި، އަދި ވިހެއުމަށް ފަހު ވެސް މައިމީހާ އާއި ދަރިފުޅަށް ދިމާވާ ސިއްހީ މައްސަލަތަަކުގައި މުއާމަލާތް ކުރުމަކީ ވަރަށް ނާޒުކް ކަމެއް ކަމަށެވެ.
މިފަދަ ހާދިސާއެއް ދިމާވުމުން ބަލި މީހާއަށާއި އަދި އެހީތެރިންނާއި އާއިލާއާ މުއާމަލާތް ކުރުމާއި ހިދުމަތް ދިނުމުގައި ބައެއް ފަހަރު ހުރަސްތަކާ ކުރިމަތީލާން ޖެހެއެވެ. އެފަދަ ދަނޑިވަޅުތަކަކީ ކޮންމެ މީހެއްގެ ވެސް އިހްސާސްތައް އެންމެ ފުން މިނަށް ދާ ވަގުތެއް ކަމުން، އެ ހާލަތްތަކުގައި ވީހާވެސް މަޑުމައިތިރި ކަމާއެކު އެމީހުންގެ އިހްސާސްތައް ދަނެގެން މުއާމަލާތް ކުރުމަށާއި ހިދުމަތް ދިނުމަށް އިސްކަން ދޭ ކަމަށް އޭނާ ބުނެއެވެ.
ކޮވިޑް ދުވަސްވަރަކީ ވެސް ވަރަށް ބޮޑު ޗެލެންޖެއް ކަމަށާއި އެ ދުވަސްވަރަކީ ވެސް ގިނަ ކަންކަން އުނގެނެން ލިބުނު ފުރުސަތެއްގެ ގޮތުގައި ނަޒްރާ ފާހަގަ ކުރެއެވެ. އައިޖީއެމްއެޗްގައި މަސައްކަތް ކުރަމުން ދިޔަ ގިނަ ނަރުހުންތައް ކޮވިޑް ފެސިލިޓީތަކަށް ފޮނުވާލަން ޖެހުމުން ހޮސްޕިޓަލުގައި ހިދުމަތް ދޭން ތިބި ނަރުހުން މަދުވެ މަސައްކަތް އެތައް ގުނައަކަށް ބުރަވެގެން ދިޔަ ކަަމަށް އޭނާ ބުނެއެވެ. އެހެންކަމުން ގިނަ ވަގުތު މަސައްކަތް ކުރަން ޖެހުމާއި ޕެންޑަމިކްގައި ބަލި މީހުންނަށް ހިދުމަތް ކުރުމުގައި ހޭދަ ކުރި ދުވަސްތަކުން ވަރަށް އަގު ހުރި ފިލާވަޅުތަކާއި ތަޖުރިބާ ލިބުމަކީ ކުރިއެރުމެއްގެ ގޮތުގައި އޭނާ ސިފަކުރެއެވެ.
ރާއްޖޭގައި މި ދާއިރާ އަކީ ހަމައެކަނި އަންހެނުން މަސައްކަތް ކުރަން ހާއްސަ ދާއިރާއެއް ގޮތުގައި ގިނަ ބަޔަކު ގަބޫލު ކުރާ އިރު، އެ ސަގާފަތް ފޮހެލަން ޖެހޭ ކަމަށް ނަޒްރާ ބުނެއެވެ. މިއީ ފިރިހެނުންނަށް ވެސް ކުރެވޭނެ ކަމެއް ކަމަށާއި ވަކި ބަޔަކަށް ކުރެވޭނެ މަސައްކަތެއް ގޮތުގައި ދެކުމަކީ ގޯހެއް ކަމަށް އޭނާ ބުނެއެވެ.
މިހާރު ވެސް ނަރުހުން މަދުކަން ފާހަގަ ކުރަމުން ނަޒްރާ ބުނީ، މި ދާއިރާއިން އިތުރު މީހުން ބޭނުންވާ ކަމަށާއި، ރަށްރަށުގައި ވެސް ހޮސްޕިޓަލްތައް ގާއިމް ކުރާ އިރު، ނަރުހުން މަދުވުމަކީ ދަތިތަކާ ކުރިމަތިލާން ޖެހޭ ކަމެއް ކަމަށެވެ. މި ދާއިރާއިން ކުރިއަށް ދާނެ ދިވެހިން ބޭނުންވާ އިރު، މަދުރަސީ ހަޔާތް ނިންމާލުމަށް ފަހު ކެރިއަރެއް ހިޔާރު ކުރާ ކުދިންނަށް ނަޒްރާ ވަނީ ހާއްސަ މެސެޖެއް ދީފައެވެ.
ނަރުހަކަށް ވުމުގެ ހުވަފެން ދެކޭ ކޮންމެ ކުއްޖަކު ވެސް މިއީ ތިމާއަށް ކުރެވިދާނެ ކަމެއް ކަމަށް ގަބޫލުކޮށް އެތައް ކަމެއް ގުރުބާން ވާންޖެހޭނެ ކަމަށް ގަބޫލުކޮށްގެން މި ދާއިރާއަށް ކުރިމަތިލުމަށް އޭނާ ނަސޭހަތްތެރި ވެއެވެ. ޝިފްޓް ޑިއުޓީ އަދާ ކުރަން ޖެހުމާއި ދަންވަރު ވެސް ޑިއުޓީ އަދާ ކުރަން ޖެހޭ އިރު، އޮން ކޯލްގައި ވެސް ހުންނަން ޖެހި ބައެއް ހާލަތްތަކުގައި ގިނަ ވަގުތު މަސައްކަތުގައި ހޭދަ ކުރަން ޖެހިދާނެ ކަމަށް ނަޒްރާ ބުނެއެވެ. އާންމުކޮށް މި މަސައްކަތަށް ނިކުންނަނީ އަންހެނުން ކަމަށް ވާ އިރު، އާއިލާއަށާއި ދަރިންނަށް ވަގުތު ދިނުމުގައި ވެސް ހުރަސްތަކާ ކުރިމަތިލާން ޖެހޭނެ ކަމަށް އޭނާ ބުނެއެވެ.
އެފަދަ ކަންކަމުން އަރައިގަތުމަށް މި ދާއިރާ ހިޔާރު ކުރުމުގެ ކުރިން އާއިލާއާ އެކު ވާހަކަ ދައްކާލުމަކީ މުހިއްމު ކަމެކެވެ. މަސައްކަތުގައި އުޅޭ އިރު ވެސް ދިރިއުޅުމެއް ފެށުމުގެ ކުރިން ހަޔާތުގެ ބައިވެރިޔާއަށް މި މަސައްކަތުގައި އުޅެން ޖެހޭ ގޮތް ސާފުކޮށް ދީފައި އޮތުމަކީ ވެސް މުހިއްމު ކަމެއް ކަމަށް އޭނާ ބުނެއެވެ. އެފަދަ މުއާމަލާތްތައް ކޮށްފައި އޮތުމުން ވަޒީފާގައި އުޅޭ އިރު، ދިރިއުޅުމުގެ ކަންކަން އޮމާން ކަމާ އެކީ ގެންދަން ފަސޭހަ ވެގެން ދާނެ ކަމަށް ނަޒްރާ ބުނެއެވެ.
މި ދާއިރާއަކީ ބުރަ އަދި ބޮޑެތި ޒިންމާތަކެއް އުފުލަން ޖެހޭ ކަމަކަށް ވި ނަމަވެސް ބަލި މީހުންނަށް ހިދުމަތް ކޮށްދިނުމުން ބަލި މީހުންގެ މޫނުމަތިން ފެންނަ އުފާވެރިކަމާއި ހިތްހަމަޖެހުން އަދި ތައުރީފްގެ ބަސްތަކަކީ މުޅި ދުވަހުގެ ވަރުބަލި ކަން ފިލުވާލަދޭ ފަދަ ހިތްހަމަޖެހުމެއް ގެނެސްދޭ ކަމެއް ކަަމަށް ނަޒްރާ ބުނެއެވެ.
އޭނާއަށް ވެސް އެންމެ ބޮޑު އެހީތެރިކަމެއް ލިބިގެން ދިޔައީ އާއިލާ އާއި ފިރިމީހާ އަދި ފިރިމީހާގެ އާއިލާގެ ފަރާތުން ކަމަށް ނަޒްރާ ބުނެއެވެ. ހަތަރު އަހަރުގެ ދަރިއަކު ހުރި އިރު، މި މަސައްކަތުގައި ކުރިއަށް ދިއުމުގައި ފިރިމީހާ އާއި އާއިލާގެ ފަރާތުން ލިބުނު އެއްބާރުލުމާއި އެހީތެރިކަމަކީ ހަމައެކަނި ޝުކުރު އަދާކޮށްގެން ނިންމާލެވޭނެ ކަމެއް ނޫން ކަމަށް އޭނާ ބުނެއެވެ. އަބަދުވެސް އެމީހުން ކޮށް ދިން ކަންކަން ބަލައިގަންނާނެ ކަމަށް އޭނާ ބުނެއެވެ.
މަސައްކަތުގެ މާހައުލުން ވެސް ނަޒްރާ ވަނީ އޭނާއަށް އެކި ގޮތްގޮތުން އެހީތެރިވެދިން އަދި މިއަދު ނަޒްރާ ހުރި ހިސާބަށް ދިއުމުގައި އެހީތެރިވެދިން ބައެއް ފަރާތްތަކަށް ހާއްސަ ޝުކުރެއް އަދާ ކޮށްފައެވެ. އޭގެ ތެރޭގައި ޑިރެކްޓާ ޖެނެރަލް އޮފް ނާސިން ފާތުމަތު ޝިފާ، ޑިރެކްޓާ އޮފް ނާސިން (ހިޔަލަ) ހުސްނާ މުހައްމަދު އަދި އައިޖީއެމްއެޗްގެ އެސިސްޓަންޓް ޑިރެކްޓާ އޮފް ނާސިން ޢާއިޝަތު ޝާމިލާ މުހައްމަދުގެ ނަން ޝުކުރުގެ ލިސްޓުގައި އޭނާ ހިމަނާލިއެވެ.
ޝާމިލާ އަކީ މި ކެރިއާގައި އޭނާ ރޯލް މޯޑެލެއްގެ ގޮތުގައި ބަލަމުން އަންނަ ފަރާތެވެ. އަބަދުވެސް ކަންކަން ކުރާނެ ގޮތް ބުނެދީ، ހިތްވަރުދީ އޭނާގެ ފަރާތުން ލިބޭ އެހީތެރިކަމަށް ނަޒްރާގެ ތައުރީފް ބަންޑުން ކޮށްލިއެވެ. ހަަމައެއާއެކު ޝިފާ އާއި ހުސްނާގެ ފަރާތުން ވެސް އޭނާއަށް އެތައް ކަމެއް ދަސްވެފައިވާ ކަމަށާއި ކޮންމެ ކަމެއްގައި ވެސް އެހީތެރިކަމެއް ބޭނުންވެއްޖެ ހިނދެއްގައި އެހީތެރިކަން ފޯރުކޮށްދޭން އެންމެ ކައިރިން މަސައްކަތް ކޮށްދޭ ކަމަށް ނަޒްރާ ބުނެއެވެ. އަދި ނާސިން ޑިޕާޓްމަންޓް ހިންގުމާ ހަވާލުވެ ތިއްބަވާ އެންމެހާ ބޭފުޅުންގެ ހިތްތިރިކަމާއި ކެތްތެރިކަމާއި ހިތްހެޔޮ ކަމަކީ މެދު ނުކެނޑި މި ދާއިރާގައި އޭނާ އުޅެން ހިތްޖެހުނު މައިގަނޑު ސަބަބު ކަމަށް ވެސް ނަޒްރާ ބުނެއެވެ.
ނަރުހެއްގެ ގޮތުގައި ގިނަ ދުވަސްތަކެއް ހިދުމަތް ކޮށްދެމުން އައި ނަޒްރާގެ އުންމީދަކީ އޭނާ ސްޕެޝަލިސްޓް ނަރުހަކަށް ވާނެ ދުވަހެވެ. އެ ހުވަފެން ހާސިލް ކުރުމަށް ގަދަ އަޅާ މަސައްކަތް ކުރަމުން އަންނަ އިރު، ސިއްހީ ދާއިރާއިން ނަރުހުންނަށް ގިނަ ކުރިއެރުންތައް ލިބޭނެ ކަންކަން ރާއްޖޭގައި މަގުފަހިވެގެން ދިއުމަކީ ވެސް އޭނާ ދެކޭ ވަރަށް ބޮޑު ހުވަފެކެވެ. އެ ގޮތުން ނާސިން ސްޕެޝަލްޓީގެ ތަމްރީންތައް ރާއްޖޭގައި ތިބެގެން ނަރުހުންނަށް ހާސިލް ކުރެވޭނެ ދުވަހަކަށް އިންތިޒާރު ކުރާ ކަމަށް އޭނާ ބުނެއެވެ. އަދި މިދާއިރާއަށް ވިހާވެސް ގިނަ ބަޔަކު ވަނުމަކީ ވެސް އޭނާ ދެކޭ ހުވަފެނެކެވެ.
ރާއްޖޭގައި މަސައްކަތް ކުރާ ހުރިހާ ނަރުހުންނަށް 'ދަ ޕްރެސް' ގެ ފަރާތުންނާއި ހުރިހާ ދިވެހިންގެ ނަމުގައި ތިޔަ ކުރާ މަސައްކަތަށް ފަށްފަށުން ޝުކުރު އަދާ ކުރަމެވެ. ތި ކޮށްދެނީ ވަރަށް އަގު ބޮޑު ގައުމީ ހިދުމަތެކެވެ. އަދި ތިކުރާ މަސައްކަތުގައި މާތް ﷲގެ ބަރަކާތް ލެއްވުމަށް އެދި ދުޢާ ކުރަމެވެ. އާމީން