ހަމަ ލޮލަށް ނުފެންނަ، އަސްލަކާ ނަސްލެއްވެސް ކަނޑައެޅިގެން ބުނަން ނޭނގޭ ކުޑަކުޑަ މަހުލޫގަކުން މުޅި ދުނިޔެ ކުޑަކަކޫ މައްޗަށް ތިރިކޮށްލި ފަހުން މިއަދަކީ އަޅުގަނޑުމެންނާ، މެއި މަހެއްގެ 12 ވަނަ ދުވަސް ބައްދަލު ކުރި 2 ވަނަ އަހަރެވެ. މެއި މަހުގެ 12 ވަނަ ދުވަހަކީ، އެންމެ ގާތުން ފެންނަން ހުރި ކަލަންޑަރަށް ބަލާލިކަމުގައި ވީ ނަމަވެސް، ނަރުހުންގެ ދުވަހުގެ ގޮތުގައި ފާހަގަ ކޮށްފައި ވާ ދުވަސް ކަން އެއްވެސް މީހަކަށް ނޯޅޭނެއެވެ.

ކޮވިޑް-19ގެ މި ބަލިމަޑުކަމުގައި، ދުނިޔޭގެ އެކި ކަންކޮޅުތަކުން، ހަގީގީ ބަތޮލުންގެ ގޮތުގައި، ވަރުބަލިކަމެއް ނެތި، ވިދާ ބަބުޅަމުންދާ ތަރިންނަކީ ނަރުހުން ކަމާ މެދު ދެބަސްވުމަކީ އިންސާފަކަށް ނުވާނެއެވެ. މިއިން ކޮންމެ ބަތޮލެއްގެ ހިދުމަތަކީ ދެވޭ އުޖޫރަކުން ނުވަތަ ދުލުން ބޭރުކޮށްލާ ލަފުޒުތަކަކުން، ނުވަތަ ގަނޑަށް ތިރިކުރާ އަކުރުތަކަކުން، އެ ހިދުމަތެއްގެ އަގާ ގާތް ކުރާ މިންވަރަށްވެސް އަގު އަދާ ނުކުރެވޭ ފަދަ، މާތް ހިދުމަތެކެވެ. ސަބަބެއް ނެތިއެއް ނޫނެވެ. އުއްމީދާއި އަޒުމު، ހިތާމައާއި ހިތްދަތިކަން، ތަދާއި ވޭން، މިހެން ގޮސް ކިތަންމެ ޖަޒުބާތެއް، އޭގެ އެންމެ ފުރިހަމަ މާނާގައި ލޮލުން ދެކި އަތުން ހިފާ އެއް ބަޔަކީވެސް ހަމަ މިދެންނެވި ނަރުހުންނެވެ.

ކޮވިޑް ވެކްސިން ޖެހުމުގެ ތެރެއިން / ފޮޓޯ: ނިމާ ހަސަން | ދަ ޕްރެސް

ނަރުހުންގެ ދުވަހުގެ މިއަހަރުގެ ޝިއާރެއް ކަމުގައި ކަނޑައަޅާފައި ވަނީ، "ނާސަސް: އަ ވޮއިސް ޓު ލީޑް- އަ ވިޝަން ފޮ ފިއުޗާ ހެލްތުކެއާ" މި ޝިއާރެވެ. އެއީ ހަމަ ތެދެކެވެ. އާބާދީތަކާ ގައުމުތަކުގެ ސިއްހީ ނިޒާމު ދުޅަހެޔެކަންމަތީ ނެގެހެއްޓުމުގެ ހަގީގީ މޭސްތިރިންނަކީވެސް ހަމަ ނަރުހުންނެވެ. ސިއްހީ ތަސައްވުރުގެ އަޑަކީ ނަރުހުންނެވެ. އިންސާނެއްގެ ހަޔާތަށް އަންނަ އެންމެ އުފާވެރި ވަގުތުތަކާއި ހިތްދަތި ވަގުތުތަކުގައިވެސް އެންމެ ގާތުގައި ހިދުމަތް ކުރަން ތިބޭ އިހުސާންތެރިންނަކީ ނަރުހުން ކަން ދަންނަންޖެހެއެވެ. މިއީ، ހިތާ ހިތުގެ ގުޅުމެކެވެ. އިންސާނިއްޔަތު ކަމުގެ ގުޅުމެކެވެ.

ކޮވިޑް-19ގެ ތޫފާނެއްގައި ޖެހިފައިވާ މިދަނޑިވަޅުގައި، ހިންދެމިނުލާ މަސައްކަތުގައި އުޅެމުން އެދަނީވެސް ހަމަ ނަރުހުންނެވެ. މާދަމައަކީ، ބާރަކާތްތެރި ފިތުރު އީދު ދުވަހެއް ކަމަކު، އެ ނަރުހުންގެ ތާވަލަށް ބަދަލެއް ނެތެވެ. އަސާސީ ސިއްހީ ފަރުވާއިން ފެށިގެން، ބަލި މީހާއަށް ބޭނުންވާ އެންމެ ހައްސާސީ ފަރުވާ ދިނުމުގައި އުޅުމަށް މިއަދު އޮތީ މަޖުބޫރުވެފައެވެ.

އިންޑިއާގައި ކޮވިޑަށް ޓެސްޓު ކުރަން މީހެއްގެ ހަށިގަނޑުން ސާމްޕަލް ނަގަނީ / ފައިލް ފޮޓޯ: ބްލޫމްބާގު

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ)ގެ ތަފާސް ހިސާބުތަކަށް ބަލާއިރު، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަރަކާތްތެރިވަމުން އަންނަ ސިއްހީ ހިދުމަތްތެރިންގެ 2 ބައިކުޅަ 1 ބަޔަށް ވުރެ ބޮޑު ބައެއް ހިއްސާ ކުރަނީ ނަރުހުންނެވެ. ބަލިމީހާއާ ސިއްހީ ނިޒާމު ގުޅާލަދޭ ފާލަމަކީ ނަރުހުންނެވެ.

ކޮވިޑް-19 އިން ދިފާއުވުމަށް މިއަދު އުފުލާލެވެން އޮތް އެންމެ ބޮޑު އައްޑަނަ ކަމަށް ވާ ވެކްސިން ޖެހުމުގެ ރޭހުގައިވެސް، އެންމެ ހިދުމަތްތެރި ދައުރެއް އަދާ ކުރަމުން ދަނީ ނަރުހުންނެވެ. ޑޯޒްއަކަށް ފަހު ޑޯޒްއެއް، ވަރުބަލިކަމެއް، ހިތްބުރަ ކަމެއް ނެތި، މުޅި އާބާދީއަށް ޖަހައިދެމުން އެދަނީ، ކުރިމަގަށް ކުރާ ފޮނި އުއްމީދުތަކަކާއެކުގައެވެ. އެ އުއްމީދުތަކަށް ހަގީގީ ކުލަ ގެނެސްދިނުމުގެ ޒިންމާ އޮތީ އަޅުގަނޑުމެންގެ އަތުގައެވެ. ނަރުހުންނާ ސިއްހީ ހިދުމަތްތެރިންގެ އިރުޝާދުތަކަށް ކިޔަމަންވުމަކީ، ކޮށްދެވޭނެ އެންމެ ބޮޑު އެއް ކަމެވެ.

މި ހުރިހާ ހިދުމަތެއްގައި ނަރުހުން ދެމި ތިބީ، އަމިއްލަ ނަފުސު ގުރުބާން ކުރަމުން ކަން ދަންނަންޖެހެއެވެ. މަޖުބޫރެވެ. ޕޭޝަންޓަކަށް ފަހު ޕޭޝަންޓަކަށް ހިދުމަތް ކޮށްދިނުމުގައި ހިނިތުންވެލައިގެން ތިބެ، މި ބަތޮލުން ހިދުމަތް ކުރަމުންދާއިރު، އެ ހިތުގައި އަޅާ ވޭން އިހްސާސް ކުރެވެނީ މަދު ބަޔަކަށެވެ.

ނުރައްކާތެރި 2019-އެންކޯވް ވައިރަސް އެންމެ ފުރަތަމަ ފެނުނު ވޫހާން ސިޓީގެ ހޮސްޕިޓަލެއްގެ އައިސީޔޫގައި އޮތް ހާލުބޮޑު މީޙަކަށް ފަރުވާ ދެނީ/ފޮޓޯ: އޭޕީ ފޮޓޯ

ބައިނަލްއަގުވާމީ ނަރުހުންގެ ކައުންސިލް (އައިސީއެން) އިން، މިއަހަރުގެ ނަރުހުންގެ ދުވަހާ ގުޅުވައިގެން އާންމު ކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު، ޖެނުއަރީ 31، 2021ގެ ނިޔަލަށް، ދުނިޔޭގެ އެކި ކަންކޮޅުތަކުން 59 ގައުމަކުން، 2710 ނަރުހަކު ވަނީ ކޮވިޑް ބަލީގައި މި ދުނިޔެ ދޫކޮށްފައެވެ. ގައުމުތަކުގެ މަސައްކަތްތެރިންގެ އާބާދީއަށް ބަލާއިރު، ކޮވިޑަށް އިންފެކްޓް ވާ ނިސްބަތް އެންމެ ބޮޑީވެސް ނަރުހުންގެ މެދުގައެވެ. ޑިސެންބަރު 31، 2020ގެ ނިޔަލަށް ލިބިފައިވާ އެންމެ ފަހުގެ ތަފާސް ހިސާބުތަކަށް ބަލާއިރު، 34 ގައުމަކުން 1.6 މިލިއަން ސިއްހީ ހިދުމަތްތެރިއަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. މިއީ އަދި ލިބިފައިވާ މައުލުމާތުގެ މައްޗަށް ބިނާކޮށް އެކުލަވާލާފައިވާ ތަފާސް ހިސާބުތައް ކަމަށާ، ހަގީގީ އަދަދުތައް މިއަށްވުރެ އިތުރުވާނެ ކަމަށް އައިސީއެންއިން ބުނެއެވެ.

މި ހިއްސާ ކޮށްލެވުނީ ޖިސްމާނީ ބަލިމަޑުކަމުގެ ވާހަކައެވެ. ނަފްސާނީ ބަލިހާލަތުވެސް ހަމަ މިހާ ހިތްދައްޗެވެ. އައިސީއެންގެ ރެކޯޑްތަކަށް ބަލާއިރު، އައިސީއެންގެ މެންބަރު ޖަމިއްޔާތަކުގެ ތެރެއިން 80 ޕަސަންޓް ޖަމިއްޔާއަކުން ވަނީ، ނަރުހުންނަށް ނަފްސާނީ މައްސަލަތައް ކުރިމަތިވާ ކަމަށް ރިޕޯޓް ކޮށްފައެވެ. އަދި ކާރިސާއަކަށް ފަހު ކުރިމަތިލާން ޖެހޭ ޕޯސްޓް ޓްރޯމެޓިކް ސްޓްރެސް ޑިސްއޯޑާގެ ވޭން އުފުލާ ނަރުހުންގެ އަދަދުވެސް، ކުރިއަށް އޮތް ތަނުގައި އިތުރުވާނެ ކަމަށް ބެލެވެއެވެ. އެންމެ ކުރިއަރާފައިވާ އެމެރިކާއަށް ބަލާއިރު، 67 ޕަސެންޓް ނަރުހުން ވަނީ، ނިދަން އުނދަގޫވުމުގެ މައްސަލަތައް ރިޕޯޓް ކޮށްފައެވެ.

އިޓަލީވިލާތުގެ ރޯމްގެ ހޮސްޕިޓަލެއްގެ އައިސީޔޫގައި ކޮވިޑް-19 ޕޭޝަންޓަކަށް ފަރުވާ ދެނީ/ފޮޓޯ: ގެޓީ އިމޭޖަޒް

ނަރުހުންނަށް ނަފްސާނީ މައްސަލަތަކާ ކުރިމަތި ކުރުވާ ތަފާތު ސަބަބުތައް ހުރިކަން، އައިސީއެންއިން ފާހަގަ ކުރެއެވެ. އެގޮތުން، ހަށިރައްކަލަށް ބޭނުން ކުރާ އާލާތްތައް (ޕީޕީއީ) އެކަށީގެންވާ ގޮތެއްގައި ލިބެމުން ނުދިއުމާ، ވައިރަސް ފެތުރުމުގެ ބިރު އޮތުމާ، މަސައްކަތުގެ ލޯޑު ބޮޑުވުމާ، ނަރުހުންނާ ދެކޮޅަށް ހިންގާ ތަފާތު ކުރުންތަކާ އެނޫންވެސް އެފަދަ ޖަރީމާތައް އިތުރުވުން ފަދަ ސަބަބުތައް ހިމެނެއެވެ.

ކޮވިޑް-19ގެ މި ބަލިމަޑުކަން، ނަރުހުންގެ ދައުރާ ބެހޭ ބޮޑު މައުލޫއަކަށް ބަހުސް ކުރުމުގެ ދޮރު ހުޅުވާދީފިއެވެ. ނަރުހުންގެ ވަޒީފާގައި އިތުރު އިންވެސްޓްމަންޓްތަކެއް ސަރުކާރުތަކުން ކުރަން ޖެހޭކަން އަންގައިދީފިއެވެ. ނަރުހުން ތަމްރީނުކޮށް، ތައުލީމު ފޯރުކޮށްދިނުމަށް އިތުރު މަސައްކަތްތަކެއް ކުރަން ޖެހިފައި ވާ ކަމުގެ ރަނގަބީލު ކެނޑިނޭޅި އަޅަނީއެވެ. ބަވަނަވަންތަ ގޮތެއްގައި، އާލަމީ އުސޫލަކުން އެންމެނަށްވެސް ސިއްހީ ހިދުމަތް ކަށަވަރު ކޮށްދިނުމަށްޓަކާ، މިއީ ކޮންމެހެން ކުރަން ޖެހިފައިވާ ކަންތައްތަކެވެ.

މާޔޫސްވެ ނުތަނަވަސްވެފައިވާ ސިއްހީ ހިދުމަތްތެރިއެއް/ފޮޓޯ: ވީޑިއޯބްލޮކްސް

ބައިނަލްއަގުވާމީ ފެންވަރުގައި ނަރުހުންގެ ދުވަހެއް ފާހަގަކުރަމުން ދަނީ، ޒަމާނީ ނަރުސްކަމުގެ ބާނީގެ ގޮތުގައި ސިފަކުރަމުން އަންނަ ފްލޯރެންސް ނައިޓިންގޭލްގެ އުފަން ދުވަހާ ގުޅުވައިގެންނެވެ. ސިއްހީ ފަރުވާގެ ހިދުމަތަށް އިންގިލާބީ ބަދަލުތަކެއް ގެނެސްދިން ނައިޓިންގޭލް މި ދުނިޔޭގެ އަލިކަން ދުށީ މީލާދީން 1820 ވަނަ އަހަރުއެވެ.

ބޮޑެތި ގޮންޖެހުންތަކަކާއެކު ނަރުސްކަމުގެ އިލްމު ހާސިލުކޮށް އިނގިރޭސިވިލާތުގެ ހޮސްޕިޓަލުގައި ހިލޭ ސާބަހަށްވެސް އޭނާ ހިދުމަތްކުރިއެވެ. އެއީ ކޮލެރާ ރޯގާގެ ދުވަސްވަރެވެ. ބޮޑެތި ހަނގުރާމަތަކުގައިވެސް ސިއްހީ ހިދުމަތުގެ މިޝަން ކޮންޓްރޯލް ގައި އޭނާ ދިޔައީ އަމަލީ ގޮތުން އިސް ދައުރެއް އަދާކުރަމުންނެވެ. ފްލޯރެންސް ނައިޓިންގޭލްގެ މަގުބޫލުކަން އާންމުންގެ ތެރޭގައި ފެތުރިގެންދިޔައެވެ. ޅެމާ، ލަވައާއި ޑްރާމްތައް އޭނާއަށް ހާއްސަކުރިއެވެ. އެތައް ބަޔަކު އޭނާގެ ލަފައަށް ބަރޯސާވި މުޝީރަކަށް ފްލޯރަންސް ނައިޓިންގޭލްވިއެވެ.