ނަރުހުން ފޯރުކޮށްދޭ ހިދުމަތުގެ ނާރެހަކީ އަޅާލުމާއި ބެލެހެއްޓުމާއި އަދި ބަލިމީހުންނަށް އެންމެ ހެޔޮގޮތް އިހްތިޔާރު ކުރުމާއެކު ކަންކަން ނިންމުން ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހްމަދު ވިދާޅުވެއްޖެއެވެ.

ފަޒްނާ މިހެން ވިދާޅުވީ ދުނިޔޭގެ ނަރުހުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ރޭ ބޭއްވި ޑިނާނައިޓްގައި ދެއްކެވި ވާހަކަގައެވެ.

ފަޒްނާގެގެ ވާހަކަގައި ނަރުހުންނަކީ ބަލިމީހާގެ އެނދުކައިރީގައި 24 ގަޑިއިރު ތިބޭ އެންމެ ގާތް އެކުވެރިން ކަމަށާއި އަދި ބަލި މީހާއަށް ހަމަޖެހުން ހޯދައިދޭ، އޯގާތެރިކަމުން ފުރިގެންވާ ބައެއް ކަމަށް ވިދާޅުވިއެވެ.

ހަމައެހެންމެ ނަރުހުންނަކީ ނަފުސާނީ އަދި ޖަޒުބާތީ ދައުރެއް އަދާކުރާ ބައެއްކަންފަޒްނާ ވަނީ ފާހަގަކުރައްވާފައެވެ. މީގެ އިތުރުން ނަރުހެއްގެ ފަރާތުން ލިބިވަޑައިގެންނެވި ހިދުމަތާގުޅޭ ގޮތުން އެކަމަނާގެ ވަރަށް ކުރީގެ ހަނދާންތަކަކާއި އަދި ކޯވިޑް ފެސިލިޓީގައި ހިދުމަތްކުރެއްވި ދުވަސްތަކާއި ބައިވެރިވެވަޑައިގެންނެވި ބައެއް ބައްދަލުވުންތަކުގައި ބަލިމީހުންނާއި ގުޅޭގޮތުން އެކަމަނާ ކުރެއްވި ބައެއް ތަޖުރިބާތައް ވެސް ހިއްސާ ކުރެއްވިއެވެ.

އެކަންކަން ހިއްސާކުރައްވަމުން ރަފަޒްނާ ވަނީ ސިއްހީ ނުރައްކާ ކުރިމަތިވާހިނދު އެކަންކަން ހައްލުކޮށް އަމާން އައްސޭރިއަކަށް ވާސިލުކޮށްދިނުމުގެ ހިތްވަރާއި ކުޅަދާނަކަމާއި ކެރުންތެރިކަމާއި ކަންކުރަންވީ އެންމެ ތޫނުފިލިގޮތް ނަރުހުންގެ ކިބައިގައި ހުންނަކަން ފާހަގަކުރައްވާފައެވެ.

މީގެ އިތުރުން ފަޒްނާ ވަނީ ނަރުހުންނަކީ އަބަދުވެސް އެމީހުންގެ އަމިއްލަ ދަތިތަކުގެ ބުރައަށްވުރެ، އެމީހުންނަކީ ބަލި މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި އެންމެ އިސް ދައުރު އަދާކުރާ ބައެއްކަމުގެ އިހުސާސްތަކުން އުފަލާއި ހިންހަމަޖެހުން ލިބިގަންނަ ހިތްވަރުގަދަ ބައެއްގެ ގޮތުގައި ސިފަކުރައްވާފައެވެ. އަދި މިހާރު ހިދުމަތުގައި ތިބި ނަރުހުންވެސް އަދި ނަރުސްކަން ދަސްކުރާ ދަރިވަރުން ވެސް އެފަދަ ބަޔަކަށްވުމަށް ފަޒްނާ ވަނީ އެދިވަޑައިގަންނަވާފައެވެ.