ޖަންބޯ ދޯނިން ދަތުރުކުރި 2 މީހުން ފެނިފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.

އެމްއެންޑީއެފުން ބުނީ އެ ދޯނިން ދަތުރު ކުރި 2 މީހުން ސްޕީޑް ލޯންޗަކަށް ފެނިވާ ކަމަށާއި 2 މީހުންގެ ވެސް ހާލު ރަނގަޅު ކަމަށެވެ. އަދި އިތުރު ތަފްސީލް ލިބިފައި ނުވާ ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

"ދަ ޕްރެސް"އަށްް މައުލޫމާތު ދެމުން އެމްއެންޑީއެފުން ބުނީ ޖަންބޯ ދޯނި ހޯދުމަށް ކޯސްޓްގާޑުގެ ނޫރުއްދީން ލޯންޗު ރެއިން ފެށިގެން ހަރަކާތްތެރިވަމުންދާ ކަމަށާއި މިއަދު އެމްއެންޑީއެފްގެ ޑޯނިއާ އެއާކްރާފްޓް ވެސް ދޯނި ހޯދުމަށް ބޭނުންކޮށްފައިވާ ކަމަށެވެ.

ހިލަވެލި ބަރުކޮށްގެން މާލެއިން ފުރައިގެން ކ. ގާފަރުގައި މަޑުކުރުމަށް ފަހު އިއްޔެ ހެނދުނު 10:40 ހާއިރު ގާފަރުން ފުރައިގެން ބ. ދަރަވަންދޫއަށް ދަތުރުކުރި "ޖަންބޯ" ދޯނީގެ ހަބަރެއް ނުވެގެން އެދޯނި ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން ފަށާފައިވަނީ ރޭގައެވެ.

އެ ދޯނީގެ ހަބަރެއް އެންމެފަހުން ވެފައިވަނީ އިއްޔެ މެންދުރު 11:35 ހާއިރު ކަމަށާއި ޖަންބޯ ދޯންޏަކީ ދިގުމިނުގައި 65 ފޫޓު ހުންނަ ދޯންޏެއް ކަމަށް އެމްއެންޑީއެފްއިން ބުނެއެވެ.

އިއްޔެ މެންދުރުފަހު 1 އާއި 1:30 އާ ދެމެދުގެ ވަގުތެއްގައި އެ ދޯންޏާއި ވަައްތަރު ދޯންޏެއް ކަމަށް ލަފާ ކުރެވޭ ދޯންޏެއް ކާށިދޫގެ ހުޅަނގު އުތުރުން ގާތްގަނޑަކަށް 6 މޭލުބޭރުން ފެނުނު ކަމަށް އެ ސަރަހައްދުން ދަތުރުކުރި ދޯންޏަކުން ރޭގެ ވަގުތެއްގައި ކޯސްޓްގާޑަށް މައުލޫމާތު ދީފައިވާކަން އެމްއެންޑީއެފްއިން ކުރިން ބުނެފައިވެއެވެ.

އެ ދޯނި ފުރިފަހުން ހަބަރެއް ނުވެގެން އެމްއެންޑީއެފް ކޯސްޓްގާޑްގެ މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓާ (އެމްއާރުސީސީ) ރިޕޯޓްކޮށްފައި ވަނީ އިއްޔެ އިރުއޮއްސި 6:03 ހާއިރު ކަމަށެވެ. އަދި އެ ދޯންޏާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިއްޖެނަމަ އެމްއެންޑީއެފް ކޯސްޓްގާޑުގެ އެމްއާރުސީސީ، ހިލޭ ގުޅޭ ނަމްބަރު 191 ގުޅުއްވައި މައުލޫމާތު ހިއްސާކުރުމަށް ވަނީ އެދިފައެވެ.