އަހަރުގެ ފުރަތަމަ ކުއާޓާގައި މެލޭޝިއާގެ އިގްތިސޯދު އަންދާޒާއަށް ވުރެ ކުރިއަރައިފިއެވެ. އެގައުމުގެ ސްޓެޓިސްޓިކްސް ޑިޕާޓުމަންޓުން ކުރިން އަންދާޒާ ކޮށްފައި އޮތީ، ކޮވިޑާ އެކު ގައުމު ލޮކްޑައުން ކޮށްގެން ފާއިތުވި ދިގު މުއްދަތުގެ ސަބަބުން އިގްތިސޯދު ކުރިއަރާނީ 4.8 ޕަސެންޓަށް ކަމަށެވެ. ނަމަވެސް ސެންޓްރަލް ބޭންކާއި ތަފާސްހިސާބާ ބެހޭ އިދާރާތަކުން ބުނީ، އަހަރުގެ ފުރަތަމަ ކުއާޓާގައި 5.6 ޕަސެންޓުގެ ކުރިއެރުމެއް ހޯދާފައި ވާ ކަމަށެވެ.

ހުސްވި 2022 ނިމުނު ކުއާޓާ [ފަހު 4 މަސް] ގައި އިގްތިސޯދީ ދުވަލި ކުރިއެރީ އޭރު އަންދާޒާ ކުރި ވަރަށް ވުރެ 0.1 ޕަސެންޓެވެ. މި މިންގަނޑު ހުންނާނެ ކަމަށް ކުރިން އަންދާޒާ ކުރީ 7 ޕަސެންޓްގައެވެ.

އެކްސްޕޯޓް ވިޔަފާރިއަށް ބަރޯސާ ވެފައި އޮންނަ މެލޭޝިއާ އަކީ ކޮވިޑަށް ބަންދު ކުރުމުގެ ކުރިން އިގްތިސޯދީ ކުރިއެރުން ޖެހިޖެހިގެން 22 އަހަރެއްހާ ދުވަހު ދަމަހައްޓަމުން އަދި ގައުމެކެވެ. އޭރު 8.7 ޕަސެންޓުގައި ކުރިއަރަމުން އަދި އިގްތިސޯދު ކޮވިޑާއެކު ވެއްޓިގެން ދިޔުމުގެ ސަބަބުން އެތެރޭގެ ސިޔާސީ ބައެއް ލޮޅުންތައްވެސް އެރިއެވެ. ސަރުކާރުގެ ހަރުކަށި ފިޔަވަޅުތަކާއެކު ސަރުކާރާ ދެކޮޅު އަޑުތައް ގަދަވެގެން ދިޔައެވެ.

މިއަހަރަށް އަންދާޒާ ކުރާ މިންވަރު 5 ޕަސެންޓާ ހަމާގައި ހިހެއްޓިގެން ދިޔަ ނަމަވެސް އަހަރު ނިމޭ އިރު އެއަށް ވުރެ ހެޔޮ ބަދަލެއް ފެންނާނެ ކަމަށާއި މިހާރުވެސް އުފެއްދުންތެރިކަމުގެ މާކެޓު ހިނގައިގަނެ، ވަޒީފާގެ ބާޒާރަށް ހެޔޮ ބަދަލުތައް އައިސް ފަތުރުވެރިކަންވެސް ހަމަޔަކަށް އެޅުމުން ދާ ކަމަށް މަރުކަޒީ ބޭންކުން ބުނެއެވެ.

މެލޭޝިއާ އަކީ ގިނަ އަދަދެއްގެ ދިވެހިން ދިރިއުޅޭ އަދި ވިޔަފާރީގެ ގިނަ މުއާމަލާތްތައް ހިންގާ ގައުމަކަށް ވާ އިރު، މެލޭޝިއާގެ އިގްތިސޯދު ހަރުދަނާވެގެން ދިޔުމުން، މުދަލާއި ތަކެތީގެ ގޮތުން ލިބޭ ފައިދާ ދިވެހިންނަށް ވެސް ބޮޑުވާނެއެވެ. ބާޒާރުގައި ތަކެތި ގިނައިން ލިބެން ހުރުމުން އަގުގެ ގޮތުން ވެސް އެ ބަދަލު ފެންނާނެއެވެ.

މެލޭޝިއާ އާ ރާއްޖެއާ ދެމެދު 2021 ގައި ވެސް 134 މިލިއަން ޑޮލަރުގެ ވިޔަފާރީގެ މުއާމަލާތް ހިންގާފައި ވާ ކަމަށް އދ ގެ އިދާރާތަކުގެ ހިސާބުތަކުން ދައްކައެވެ. އޭގެ ތެރޭގައި ތެލާއި، ލަކުޑިއާއި، ކާބޯތަކެތީގެ އެކިއެކި ބާވަތްތަކާއި ފަރުނީޗަރާއި، އިލެކްތްރޯނިކްސް އަދި ޕްލާސްޓިކާއި ކަރުދާހުގެ ބާވަތްތަކާއި ތަރުކާރީއާއި މޭވާގެ އިތުރުންވެސް ގިނަ ބާވަތްތައް ހިމެނެއެވެ.