ސްރީލަންކާއަށް މަސްތުވާތަކެތި އެތެރެކުރި ދިވެއްސަކު 7 އަހަރަށް ޖަލަށް ލާން ހުކުމް ކޮށްފިއެވެ.

ލަންކާގެ ހައި ކޯޓުން އިއްޔެ ހުކުމް ކޮށްފައި ވަނީ އެ ގައުމަށް އެތެރެ ކުރުން މަނާ، މަސްތުވުމަށް ބޭނުންކުރާ ބޭސްތަކެއް އެތެރެކޮށް އެ ވިއްކި ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި މީހަކަށެވެ. ލަންކާގެ ނޫސްތަކުން ރިޕޯޓު ކޮށްފައިވާ ގޮތުން އެ މައްސަލައިގައި ހުކުމް ކޮށްފައި ވަނީ ޒިދާން އިބްރާހިމް ކިޔާ ދިވެހި ފިރިހެނަކަށެވެ.

2018 ވަނަ އަހަރު ލަންކާގެ ސްޕެޝަލް ޓާސްކްފޯސް އޯގަނައިޒްޑް ކްރައިމް ޑިވިޝަނުން ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގައި އޭނާ ހައްޔަރުކޮށްފައި ވަނީ ދެހިވާލާގެ ނެދިމާލާ ސިޓީ އިންނެވެ. ގިނަ ދިވެހި ރައްޔިތުންތަކެއް ދިރިއުޅެމުން އަންނަ ލަންކާގައި މީގެ ކުރިންވެސް މިފަދަ ކަންކަން ދިވެހިންގެ ފަރާތުން ހިނގާފައި ވެއެވެ.

އެގޮތުން މިދިޔަ އަހަރުވެސް މަސްތުވާތަކެތީގެ މައްސަލައެއްގައި ދިވެއްސަކު އުމުރަށް ޖަލަށް ލުމަށް އެ ގައުމުގެ ހައި ކޯޓުން ވަނީ ހުކުމް ކޮށްފައެވެ. އެއީ 265 ގްރާމްގެ ހިރޮއިން އެތެރެކުރި ކަމަށް ބުނެ 2016 ވަނަ އަހަރު ހައްޔަރު ކުރި ދިވެއްސެކެވެ.