ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ ޕާޓީ، މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސް (އެމްޓީޑީ) އާއެކު މަސައްކަތް ކުރުމުގެ ފުރުސަތު އެބަ އޮތް ކަމަށް ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަމީން އިބްރާހިމް ވިދާޅުވެއްޖެއެވެ.
އަމީން މިހެން ވިދާޅުވެފައި ވަނީ، އަންނަ ރިޔާސީ އިންތިހާބަށް ކުރިމަތިލާފައިވާ ޖުމްހޫރީ ޕާޓީން ކޯލިޝަން ހެދުމަށް ދިން ދައުވަތު ގަބޫލުކޮށް އެމްޓީޑީ އާއެކު ބޭއްވި ފުރަތަމަ ބައްދަލުވުމަށް ފަހު ނޫސްވެރިންނަށް މައުލޫމާތު ހިއްސާ ކުރައްވަމުންނެވެ.
އަމީން ވިދާޅުވީ، ރޭ އެމްޓީޑީގެ ތިން މެންބަރުންނާ އެކު ކުރިއަށް ދިޔަ ބައްދަލުވުމަށް ބަލާ އިރު އެކުގައި މަސައްކަތް ކުރެވިދާނެ ކަމުގެ ވަރަށް ބޮޑު އުންމީދެއް އެބަ އޮތް ކަމަށާއި އެމްޓީޑީއާ އެކު ކުރިއަށް ދިއުމުގެ ފުރުސަތު ވެސް އެބަ އޮތް ކަމަށް އަމީން ވިދާޅުވިއެވެ.
މީގެ އިތުރުން އަދި ކުރިއަށް އޮތް ތަނުގައި އިތުރު ބައްދަލުވުންތައް ބާއްވާނެ ކަމަށާއި އެ ބައްދަލުވުންތަކުގައި އެމްޓީޑީން ޖޭޕީއާއެކު ކުރިއަށް ދިއުމަށް ހުށަހަޅާ ހުށަހެޅުންތައް ހިއްސާކުރާނެ ކަމަށާއި އަދި އެ ހުށަހެޅުންތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އެމްޓީޑީގެ ފަރާތުން މި ބައްދަލުވުމުގައި ބައިވެރިވަޑައިގެންފައި ވަނީ ލީގަލް އެޑްވައިޒަރު މުހައްމަދު ހަލީމާއި، ސީނިއާ ކައުންސިލް މެންބަރު އަބްދުލް ރަޝީދު ނާފިޒާއި، ސެކްރެޓަރީ ޖެނެރަލް އަހްމަދު އަޝްރަފް (ޝުމްބާ) އެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެމްޓީޑީގެ ސީނިއާ ކައުންސިލް މެންބަރު އަބްދުލް ރަޝީދު ނާފިޒް ވިދާޅުވީ، އެ ބައްދަލުވުމުގައި އެއް ކަމެއް އެ ޕާޓީން ހުށަހަޅާފައި ވާނެ ކަމަށެވެ. އެއީ ޖޭޕީއަށް ވެރިކަން ލިބިއްޖެ ނަމަ އެއްވެސް ތަފާތު ކުރުމެއް ނެތި އިންސާފްވެރި ކަމާއެކު ވެރިކަން ކުރުން ކަމަށެވެ. އަދި ކުރިއަށް ހުރި ބައްދަލުވުންތަކުގައި އިތުރު ހުށަހެޅުންތައް ހުށަހަޅާނެ ކަމަށް ވެސް ނާފިޒް ވިދާޅުވިއެވެ.
ޖުމްހޫރީ ޕާޓީން އެމްޓީޑީ އާއެކު ބައްދަލުވުން ކުރިއަށް ގެންގޮސްފައިވާ އިރު، މިހާތަނަށް އެމްއާރްއެމް އާއި، އަދި އެމްޑީޕީގެ ތެރެއިން ރައީސް މުހައްމަދު ނަޝީދު އުފައްދާފައިވާ "ފިކުރެެއްގެ ދިރުން" ފެކްޝަންގެ ފަރާތުން ވެސް ދަނީ ޖޭޕީ އާ މަޝްވަރާ ކުރަމުންނެވެ. އެ ބައްދަލުވުންތަކުގައި ވެސް އެ ފަރާތްތަކުގެ ހުށަހެޅުންތައް ހިއްސާ ކޮށްފައިވާ އިރު އަދި ރަސްމީކޮށް ޖުމްހޫރީ ޕާޓީގެ ފަޅިއަށް އަރާނެ ކަމަށް އެއްވެސް ފަރާތަކުން އިއުލާން ކޮށްފައެއް ނުވެއެވެ. އަދި ޖޭޕީން އެ ހުށަހެޅުންތަކަށް އިޖާބަ ދީކޯލިޝަން ހަދާފައެއްވެސް ނުވެއެވެ.