ފުވައްމުލަކު ސިޓީގައި ކުރާ ޖިނާއީ ކުށްތަކުގެ މައްސަލަތައް އަވަހަށް ބަލައި ނިންމާލެވޭ ގޮތަށް އެ ރަށުގައި ގާއިމްކޮށްފައިވާ ޕްެރޮސެކިއުޓާ ޖެނެރަލް އޮފީހުން މަސައްކަތް ކުރަމުންދާ ކަމަށް ޕީޖީން ބުނެފިއެވެ.
މީގެ ކުރިން ފުވައްމުލަކުގައި ތަހުގީގު ކުރާ ޖިނާއީ މައްސަލަތައް ބަލައިގަންނަމުން ދިޔައީ އައްޑޫ ސިޓީގައި ހުންނަ ޕީޖީގެ ގޮފިންނެވެ.
ޕީޖީން ބުނީ، ޏ. ފުވައްމުލަށް ސިޓީއަކަށް ބަދަލުވުމާ އެކު ފުވައްމުލަކުގައި ގާއިމުކޮށްފައިވާ ތަހުގީގީ އިދާރާތަކާ ގާތުން މަސައްކަތް ކުރުމަށް އެ އޮފީހުގެ އަމާޒެއްގެ ގޮތުގައި މަސައްކަތް ފަށާފައިވާ ކަމަށެވެ. އެގޮތުން މިދިޔަ އަހަރުން ފެށިގެން ޕީޖީގެ ޕްރޮސިކިއުޓަރަކު އެ ރަށުގައި މަސައްކަތް ކުރަމުން ދާ ކަމަށް ޕީޖީން ބުނެއެވެ.
މިހާރު އިދާރީ މުވައްޒަފުންނާއެކު މައްސަލަ ބަލައިގަތުމުގެ އިންތިޒާމު ވެސް ހަމަޖައްސާފައިވާ އިރު، މީގެ ސަބަބުން ފުވައްމުލަކުގައި ކުރާ ޖިނާއީ ކުށްތަކުގެ މައްސަަލަތައް އިތުރަށް އަވަސްވެގެން ދާނެ ކަމަށް ވެސް ޕީޖީން ބުނެއެވެ. އަމާޒަކީ ފުވައްމުލަކުގައި ގާއިމް ކުރި ޕީޖީގެ ގޮފިން ފެންވަރު ރަނގަޅު ހިދުމަތްތަކެއް ތަހުގީގީ އިދާރާތަކަށް ފޯރުކޮށްދިނުން ކަމަށް ޕީޖީން ބުނެއެވެ.
އަދި ފުވައްމުލަކުގައި އަމަން އަމާންކަން ގާއިމު ކުރުމަށް ފުލުހުންނާއި ސިޓީކައުންސިލް އަދި މުއައްސަސާތަކުން ކުރާ މަސައްކަތަށް ވީހާ ވެސް ގާތުން އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ޕީޖީން ބުނެއެވެ.