ރާއްޖޭގެ އިގްތިސޯދު ހަރުދަނާ ކުރުމަށް ދަރަންޏާއި އަރަނި ހަމަޔަކަށް އަޅުވާ ނަމަ ހަރަދު ކުރުމުގެ ސިޔާސަތު މުރާޖައާ ކުރަން ޖެހޭ ކަމަށް ވޯލްޑް ބޭންކުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަ ކަންޓްރީ ޑައިރެކްޓަރު ފާރިސް ހަދާދް ޒާވޯސް ވިދާޅު ވެއްޖެއެވެ.
އޭނާ މިހެން ވިދާޅުވީ، ވޯލްޑް ބޭންކުގެ އެންމެ ފަހުގެ މޯލްޑިވްސް ޑިވެލޮޕްމަންޓް އަޕްޑޭޓް (އެމްޑީޔޫ) އިފްތިތާހް ކުރުމާ ގުޅިގެން އެ އަޕްޑޭޓާ ހަވާލާ ދެމުންނެވެ.
ޒާވޯސް ވިދާޅުވީ، ރާއްޖޭގެ އިގްތިސޯދީ ކުރިއެރުމަށް އެންމެ ބޮޑު ހިތްވަރެއް ލިބޭ ދާއިރާއަކީ ފަތުރުވެރިކަމުގެ ދާއިރާ ކަމަށެވެ. ނަމަވެސް ރާއްޖެއަށް ވަރަށް ބޮޑު ފިސްކަލް އެޖަސްޓްމަންޓެއް (އަރަނި ރަނގަޅުކުރުމަށް) ބޭނުންވާ ކަމަށާއި އެކަމަށް ކުރި މަސައްކަތްތަކުގެ ތެރެއިން ޓެކްސް ބޮޑުކުރަން ސަރުކާރުން ނިންމި ނިންމުމަކީ ރަނގަޅު ފެށުމެއް ކަމަށެވެ. އަދި ރާއްޖޭގެ ދަރަންޏާއި ފިސްކަލް ސަސްޓެއިނަބިލިޓީއަށް ޓަކައި ހަރަދުކުޑަ ކުރުމާއި، އާމްދަނީ ހޯދުމުގެ ހަރުދަނާ ނިޒާމެއް ގާއިމު ކުރުމަކީ ވަރަށް މުހިންމު ކަމެއްގެ ގޮތުގައި އޭނާ ފާހަގަ ކުރެއްވިއެވެ.
ވޯލްޑް ބޭންކުން އާންމު ކުރި މޯލްޑިވްސް ޑިވެލޮޕްމަންޓް އަޕްޑޭޓްގައި ވާ ގޮތުގައި، ރާއްޖޭގެ އިގްތިސޯދު މެދު ރާސްތާގައި އެވްރެޖްކޮށް 6 ޕަސެންޓް ކުރި އަރާނެ ކަމަށް ވަނީ ލަފާކޮށްފައެވެ. އެއީ ފަތުރުވެރިކަމުގެ ދާއިރާއަށް އަންނަ ކުރިއެރުމާއި އެ ދާއިރާއިން ކުރިއަށް ގެންދާ ހަރަކާތްތަކުގެ ސަބަބުން ފެންނަ ނަތީޖާއެއް ކަމަށް އެ އަޕްޑޭޓްގައި ބުނެފައި ވެއެވެ. އެގޮތުން މި އަހަރު ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދު 7.1 ޕަސެންޓް އިތުރުވެ، 1.8 މިލިއަނަށް އަރާނެ ކަމަށް ލަފާ ކުރާ އިރު، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ބޮޑުކުރުމާއި އާ ރިސޯޓް އިންވެސްޓްމަންޓް ތަކުގެ ސަބަބުން ޓޫރިޒަމަށް އިތުރު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް އެ އަޕްޑޭޓްގައި ވަނީ ފާހަގަ ކޮށްފައެވެ.
ދަރަންޏާއި އަރަނި ހަމަޔަކަށް އެޅުވުމަށް ކުރި މަސައްކަތުގެ ތެރެއިން ޓެކްސް ބޮޑު ކުރުމަކީ ކުރެވުނު މުހިއްމު ކަމެއްގެ ގޮތުގައި ވޯލްޑް ބޭންކުން ފާހަގަ ކުރާއިރު، އެއީ ފިސްކަލް ޑެފިސިޓް ކުޑަކުރުމަށް މަގުފަހިވެގެން ދާނެ ކަމެއް ކަމަށް އެ ބޭންކުން ބުނެއެވެ. ނަމަވެސް އެކަމުގެ ސަބަބުން މި އަހަރު އިންފްލޭޝަން އުފުލިގެން ދާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.
އިތުރަށް ދަރަނި ހަމަޔަކަށް އެޅުވުމަށް ޕަބްލިކް އިންވެސްޓްމަންޓާއި، ސަބްސިޑީ އާއި، ފާމަސޫޓިކަލް ހަރަދުތަކަށް އިތުރު ބަދަލުތަކެއް ގެންނަން ޖެހޭނެ ކަމަށް ލަފާ ދީފައި ވެއެވެ. ފަގީރުންނާއި ނިކަމެތިންނަށް އަމާޒުކޮށްގެން ސަބްސިޑީ އިސްލާހު ކުރުމަކީ ފިސްކަލް ޕްރެޝަރު ކުޑަކުރުމަށް ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށް ވެސް ވަނީ ބުނެފައެވެ. އަދި ސަރުކާރުން އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދާ އިރު، ތަކެތީގެ އަގު ބޮޑުވުމާއި ބޭނުންވާ ކެޕިޓަލް އިމްޕޯޓްގެ ސަބަބުން ކަރަންޓް އެކައުންޓް ޑެފިސިޓް ބޮޑުވާނެ ކަމަށް ބެލެވޭތީ އެކަމަށް ސަމާލުވުމަށް ވެސް ވަނީ ލަފާ ދީފައެވެ.
ދުނިޔޭގެ ޝޮކްތަކުގެ ސަބަބުން ޓޫރިޒަމަށް ނޭދެވޭ އަސަރުކުރުމާއި ކަރަންޓް އެކައުންޓް ޑެފިސިޓް އިތުރަށް ބޮޑުވެ، ރަސްމީ ރިޒާވްއަށް ބުރޫ އަރާފާނެ ކަމަށް ވެސް އެ އަޕްޑޭތްގައި ވަނީ ބުނެފައެވެ. އަދި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފައިނޭންސިންގެ ހާލަތު ހަރުކަށިވެފައިވާ މި ދަނޑިވަޅުގައި ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި އެވްރެޖްކޮށް 393 މިލިއަން ޑޮލަރުގެ ބޭރުގެ ދަރަނި އަދާކުރުމަށް ސަރުކާރަށް ދަތިތަކާ ކުރިމަތިލާން ޖެހޭނެ ކަމަށް ވެސް ވޯލްޑް ބޭންކުން ބުނެއެވެ. އެހެން ނަމަވެސް، އުންމީދު ކުރި ވަރަށް ވުރެ ފަތުރުވެރިކަމުން ލިބޭ އާމްދަނީ އިތުރުވަމުން އަންނަކަން ފާހަގަކޮށް ރާއްޖޭގެ ފަގީރުކަމުގެ ނިސްބަތް 2020 ވަނަ އަހަރާ އަޅާ ބަލާއިރު 2.1 ޕަސެންޓް ދަށްވާނެ ކަމަށް ވޯލްޑް ބޭންކުން ބުނެއެވެ.
2022 ވަނަ އަހަރު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 1.68 މިލިއަނަށް އަރާފައިވާ އިރު، މިއީ ޕެންޑެމިކްގެ ކުރިން ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތް ކުރި އަދަދާ އަޅާ ބަލާއިރު 1.6 ޕަސެންޓް ދަށް ވުމެކެވެ. މިދިޔަ އަހަރު ރާއްޖެއަށް ޓޫރިޒަމް ސިނާއަތުން ލިބުނު އާމްދަނީ އިތުރުވި ނަމަވެސް ތެލާއި ކެޕިޓަލް މުދާ އަގުބޮޑުކޮށް އިމްޕޯޓް ކުރުމުގެ ސަބަބުން އެ އަހަރު ކަރަންޓް އެކައުންޓް ޑެފިސިޓް ޖީޑީޕީގެ 24.6 ޕަސެންޓަށް ވަނީ އިތުރުވެފައެވެ.
މިކަމުގެ ސަބަބުން ގްރޮސް ރިޒާވްއަށް ޕްރެޝަރު ބޮޑުވެ މިދިޔަ އޮކްޓޯބަރު މަހު ރިސާވްގެ އަދަދު 500 މިލިއަން ޑޮލަރަށް ވުރެ ވަނީ ދަށްވެފައެވެ. ނަމަވެސް ފަހުން އިންޑިއާއާއެކު 200 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕް އެއްބަސްވުމަކާ އެކު، އަހަރު ނިމުނު އިރު 800 މިލިއަން ޑޮލަރަށް ރިޒާވްގައި ހުރި ފައިސާގެ އަދަދު ވަނީ އަރާފައެވެ.