ޗީފް ސުޕްރިންޓެންޑެންޓް، މުހައްމަދު ދާއޫދަށް ފުލުހުންގެ ޝަރަފުގެ މެޑަލް ކަމަށްވާ ރައީސުލްޖުމްހޫރިއްޔާގެ މެޑަލް ދިނުމުން، އެކަމާ ކަންބޮޑުވުން ފާޅުކޮށް ޕޮލިސް ބޯޑުން ރައީސް އިބްރާހީމް މުހައްމަދު ސާލިހްއަށް ސިޓީއެއް ފޮނުވައިފިއެވެ.

ފުލުހުންނަށް ދެވޭ މެޑެލްތަކުގެ ތެރެއިން ގަވައިދުގައި ދެވަނަ އަށް ދަރަޖަ ކޮށްފައިވާ މެޑަލް، ދާއޫދަށް ދިން މައްސަލައިގެ ކަންބޮޑުވުން ފާޅުކޮށް ޕޮލިސް ބޯޑުން، ރައީސް ސޯލިހްއަށް ސިޓީއެއް ފޮނުވާފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހުގެ މެންދުރު ފަހުއެވެ. ރައީސް އޮފީހަށް ހުށަހެޅި ޝަކުވާގެ ސިޓީގައި ޕޮލިސް ބޯޑުން ވަނީ، ފުލުހުންގެ ވަޒީފާއިން ވަކި ކުރަން ބޯޑުން ލަފާ ދީފައިވާ މީހަކަށް އެފަދަ ޝަރަފެއް ދިނުމުން ކަންބޮޑުވާ ކަމަށެވެ.

ދާއޫދު ވަކި ކުރުމަށް ޕޮލިސް ބޯޑުން ލަފާދީފައި ވަނީ އެމްއެމްޕީއާރުސީގެ ހިޔާނަތުގައި ބައިވެރިވި ކަމުގެ ތުހުމަތު ކުރެވިގެންނެވެ. ޕޮލިސް ބޯޑުގެ ލަފަޔާ ގުޅިގެން އޭނައާއެކު އިތުރު ފަސް އޮފިސަރަކު މަގާމުން ވަކި ކުރަން ނިންމާ، އެ މައްސަލަ ސިވިލް ކޯޓަށް ހުށަހެޅުމުން ކޯޓުން ވަނީ އޭގެ ތެރެއިން ތިން އޮފިސަރުން ވަކިކުރުން ހުއްޓުވުމުގެ އަމުރެއް ނެރެފައެވެ.

ދާއޫދާއި އިތުރު ދެމީހުން، ފުލުހުންގެ ވަޒީފާ އިން ވަކިކޮށްފައި ވަނީ ގޯސްކޮށް ކަމަށް ހުކުމް ކުރުމާ ގުޅިގެން ދައުލަތުން ވަނީ އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފު ވެސް ކޮށްފައެވެ.