ކެންސަރު ބަލި ތަހައްމަލު ކުރަމުންދާ ބަލި މީހުންނަށް ކީމޯތެރަޕީ ދިނުމަށް ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލްގައި ކީމޯތެރަޕީގެ ހިދުމަތް ފަށައިފިއެވެ.
އެ ހޮސްޕިޓަލުގައި ކީމޯތެރަޕީގެ ހިދުމަތް އިފްތިތާހު ކުރެއްވީ އެ ހޮސްޕިޓަލުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ހޮސްޕިޓަލުގެ ޑެޕިއުޓީ ސީއީއޯ އަބްދުލް އަޒީޒް ރިފާއުއެވެ.
ރާއްޖޭގައި ކެންސަރު ބަލި ޖެހޭ މީހުންގެ އަދަދު ދުވަހަކަށް ވުރެ ދުވަހެއް އިތުރުވަމުން އަންނަ އިރު ހުވަދު އަތޮޅުގައި މިފަރުވާ ހޯދުމަށް ޢާއިލާތަކުން ކުރާ ހޭދަ އަދި ވަގުތުގެ އިތުރުން އުފުލަން ޖެހޭ ތަކުލީފުތަކަށް ވަރަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ.
އެ ހޮސްޕިޓަލުން އިތުރަށް ބުނީ ހުޅުމާލެ ހޮސްޕިޓަލުގެ އެހީތެރިކަމާއެކު އެ ހޮސްޕިޓާލުގެ ޑޮކްޓަރުންނާއި ނަރުހުން ކެންސަރު ބައްޔަށް ފަރުވާ ދިނުމަށް ތަމްރީނު ކުރުމުގެ މަސައްކަތް ދާ ކަމަށާއި ދެމެހެއްޓެނިވި ގޮތެއްގައި އެ ހިދުމަތް ފޯރުކޮށްދިނުމުގައި އެސްޓީއޯގެ ދައުރު ފުޅާކޮށް، ހިދުމަތް މެދުނުކެނޑޭނެ މަގަށް މަސައްކަތްތަކެއް ކުރުމަށް އެސްޓީއޯއާއެކު މަޝްވަރާ ކުރެވިފައިވާ ކަމަށެވެ.
ރިފާއު އިތުރަށް ވިދާޅުވީ އިފްތިތާހު ކުރެވުނު ކީމޯތެރަޕީ ހިދުމަތަކީ ހޮސްޕިޓަލުގެ ހިދުމަތްތައް އިތުރަށް ތަރައްގީކޮށް ހަރުދަނާ ކުރުމަށް ކުރެވޭ މަސައްކަތްތަކުގެ ތެރެއިން އިތުރު ބޮޅެއް ކަމުގައެވެ. އެ ހޮސްޕިޓަލުން ވަނީ ލެޕްރޯސްކޮޕިކް ސާޖަރީގެ ހިދުމަތުގެ އިތުރުން އެޑްވާންސް ވުންޑް ކެއާގެ ހިދުމަތް މި ހުސްވި ހަފްތާގައި ފަށާފައެވެ.