ދެކުނު އޭޝިއާގެ ގައުމުތަކުގެ ތެރެއިން އިގްތިސޯދު އެންމެ ހަލުވިކަމާ އެކު ކުރިރަމުން އަންނަ ގައުމަކީ ރާއްޖެ ކަމަށް ވޯލްޑް ބޭންކުން އަހަރަކު ދެ ފަހަރު ނެރޭ އަޕްޑޭޓުގައި ބުނެފިއެވެ.

ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ވަނީ ވޯލްޑް ބޭންކުގެ އެންމެ ފަހުގެ މޯލްޑިވްސް ޑިވެލޮޕްމަންޓް އަޕްޑޭޓް (އެމްޑީޔޫ) އިފްތީތާހް ކޮށްފައެވެ. އެ އަޕްޑޭޓްގައި ބުނާ ގޮތުގައި ރާއްޖެއަށް ފަތުރުވެރިން އައުމާއި، ކެޕިޓަލް ސްޕެންޑިން އަދި ޕްރައިވެޓް ކޮންސަމްޕްޝަން އިތުރުާ ކަން ވަނީ ފާހަގަ ކުރެވިފައެވެ.

މި ބަދަލާއެކު ކޮވިޑްގެ ބަލިމަޑުކަމުގެ ކުރިން އޮތް މިންވަރަށް ވުރެ ފަގީރުކަމުގެ މިންވަރު ދަށްވާނެ ކަމަށް ވޯލްޑް ބޭންކުން ވަނީ ލަފާކޮށްފައެވެ. އިގްތިސޯދީ އެންމެ ފަހުގެ އަންދާޒާތަކަށް ބިނާކޮށް ކުރިއަށް އޮތް އަހަރުތަކުގައި ވެސް ރާއްޖޭގެ އިގްތިސޯދީ ކުރިއެރުމުގެ އަދަދުތައް ވަރުގަދަ ވާނެކަމަށް އެ ބޭންކުން ވަނީ ބުނެފައެވެ.

އެމްޑީޔޫގައި ބޭއްވި ރަސްމިއްޔާތުގައި ހަރުދަނާ ފިސްކަލް ޕޮލިސީއެއް އެކުލަވާލުމާ ބެހޭ ގޮތުން ޕެނަލް ޑިސްކަޝަންގައި ފިނޭންސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މަރިޔަމް މަނާރަތު ވަނީ ސަރުކާރުގެ ފިސްކަލް ރިފޯމް ސިޔާސަތުތަކުގެ މައްޗަށް ވާހަކަ ދައްކަވާފައެވެ. އަދި ފިސްކަލް ސަސްޓެއިނަބިލިޓީ ހާސިލް ކުރުމަށްޓަކައި މުޖުތަމައުގެ އެންމެ ނިކަމެތި ފަރާތްތައް ހިމާޔަތް ކުރުމަށް ސަރުކާރުން އިސްކަން ދޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން އުތުރުގެ އިހަވަންދިއްޕޮޅު ބަނދަރާއި، ދެކުނު ހަންކެނޑޭގައި އިންޓަގްރޭޓެޑް ޓޫރިޒަމް ޕްރޮޖެކްޓާއި، ކަނެކްޓިވިޓީއަށް އިންވެސްޓްކުރުމާއި، ހަމަހަމަ ކަމާއެކު ކުރިއެރުމަށްޓަކައި އެހެނިހެން އުމްރާނީ ވަސީލަތްތަކުން އިގްތިސޯދު ބަދަލުވެގެން ދާނެ މަޝްރޫއުތަކަށް އިންވެސްޓްކުރުމުގެ މުހިންމުކަމުގެ މައްޗަށް ވެސް އޭނާ ވާހަކަ ދެއްކެވިއެވެ. އަދި ކުރިއަށް އޮތްތަނުގައި ފައިދާ ހުރި އިންވެސްޓްމަންޓްތަކުގެ ތެރެއިން ރާއްޖޭގެ އިގްތިސޯދު ދެގުނައަށް އިތުރު ކުރުމަށް ވިސްނަމުންދާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އެ ޕެނަލް ޑިސްކަޝަންގައި ޗީފް ފައިނޭންޝަލް ބަޖެޓް އެގްޒެކެޓިވް އަހްމަދު ސަރުވަޝް އާދަމް ވަނީ މެދުރާސްތާގެ ރެވެނިއު ސްޓްރެޓެޖީ އާއި އާސަންދަ އާއި ޓެކްސް ބޭސް ފުޅާކުރުމާ ގުޅޭ ގޮތުން މިހާރު ކުރަމުންދާ މަސައްކަތްތައް ތަފްސީލުކޮށް ދެއްވާފައެވެ. އޭނާ ވިދާޅުވީ އާމްދަނީ އިތުރުކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން އެންމެ ފުރަތަމަ ޓާގެޓަކީ އާމްދަނީ 3 ޕަސެންޓް އިތުރުވުމެއް ކަމަށެވެ. ނަމަވެސް ފަތުރުވެރިކަމުގެ ސިނާއަތުން ކުރިއަށްދާ މިންވަރުން އަންދާޒާކުރި ވަރަށް ވުރެ ރަނގަޅު އާމްދަނީ ލިބޭނެ ކަމަށް ގަބޫލު ކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން ކުރިއަށް އޮތްތަނުގައި ރާއްޖޭގެ އާބާދީގައި އުމުރުން ދުވަސްވީ މީހުން އިތުރުވާނެ ކަމަށް ލަފާ ކުރެވޭތީ، މާލީ ވައުދުތައް ފުއްދުމަށްޓަކައި، އިންވެސްޓްމަންޓްތަކުގެ ޒަރިއްޔާއިން މިހާރު އިގްތިސޯދު ހަރުދަނާ ކުރަންޖެހުމުގެ މުހިންމުކަމުގެ މައްޗަށް ވެސް އޭނާ ވާހަކަ ދެއްކެވިއެވެ.